23 އޯގަސްޓް 2016 - 13:43

ރ. ކޮއްޓަފަރުގައި ރިސޯޓެއް ހެދުމަށް އަމިއްލަ ފަރާތަކާ ހަވާލުކުރަން ކުރީގެ ސަރުކާރުން ނިންމާފައި އޮތަސް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރަން ދައުލަތުގެ މައްޗަށް އަމުރު ކުރެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން 2011 ގައި ފެށި ސީއެސްއާރު މަޝްރޫއުގެ ދަށުން ރިސޯޓް ތަރައްގީކުރަން އެކި ފަރާތްތަކަށް ރަށްތައް ދޫކުރަން ނިންމިއިރު ކޮއްޓަފަރުގައި ރިސޯޓެއް ހަދަން ރ. އަލިފުށީ ހަޒާރީގޭ ހަސަން އަހުމަދަށް ދޭން އޭރުގެ ސަރުކާރުން ނިންމި އެވެ. އެކަމަކު އޭގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކޮށްފައެއް ނުވެއެވެ.
އެއްބަސްވުމުގައި ސަރުކާރުން ސޮއި ނުކުރި މައްސަލަ ހަސަންގެ ފަރާތުން ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އިއްޔެ ހުކުމްކުރީ އެއްބަސްވުމުގައި ސޮއިކުރަން ދައުލަތުގެ މައްޗަށް އަމުރު ކުރެވެން ނެތް ކަމަށެވެ. ސަބަބަކީ ދެ ފަރާތުގެ ދެމެދުގައި ގާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއް ނެތުމުން ކަމަށް ކޯޓުގެ ހުކުމުގައިވެ އެވެ.
ކޮއްޓަފަރު ތަރައްގީކުރަން ހަސަންއާ ހަވާލު ކުރުމާ ބެހޭގޮތުން ސަރުކާރާ އެކު މަޝްވަރާތަކެއް ކުރިން ކުރެވިފައި އޮތަސް އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކޮށްފައިވާ ކަން އެނގެން ނެތް ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ރިސޯޓް ހަދަން ރަށްތައް ދޫކުރެވޭނީ ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އޮވެގެން ކަން އެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން ހައި ކޯޓުން ކުރިން ނިންމާފައިވާ ގަޒިއްޔާއެއްގައި، ޓޫރިޒަމްގެ ގާނޫނުގެ ދަށުން ކޮންޓްރެކްޓެއް ވުޖޫދުވުމާއި ގުޅޭގޮތުން ކަނޑައަޅާފައިވާ އުސޫލުތަކަށް ބަލާއިރު ވެސް އެ އެއްބަސްވުމުގައި ސޮއިކުރަން ދައުލަތަށް އެންގޭނެ ހަމައެއް ނެތް ކަމަށް ވެސް ގާޒީ ހުސައިން މަޒީދު ކުރެއްވި ހުކުމުގައިވެ އެވެ.
ސީއެސްއާރުގެ މަޝްރޫއުގެ ދަށުން ދޫކުރަން ނިންމި އެހެން ބައެއް ރަށްތަކުގެ އެއްބަސްވުމުގައި ސޮއި ނުކޮށްގެން އެހެން މައްސަލަތައް ވެސް ކޯޓަށް ހުށަހެޅި އެވެ. އެ މައްސަލަތަކުގައި ވެސް ކޯޓުން ނިންމާފައިވަނީ އެއްބަސްވުމުގައި ސޮއިކުރަން ދައުލަތުގެ މައްޗަށް އަމުރު ނުކުރެވޭނެ ކަމަށެވެ.