29 ޖެނުއަރީ 2019 - 10:09

އެޕަލްގެ ފޭސްޓައިމް ސޮފްޓްވެއާގައި ހުރި މައްސަލައެއްގެ ސަބަބުން، ފޯނަށް ޖަވާބު ނުދެނީސް މައިކް އޮންކުރެވި، ވީޑިއޯ ވެސް ފޮނުވޭ މައްސަލައެއް ފާހަގަކުރެވިފައިވާ ކަމަށާއި އެކަން ވަރަށް އަވަހަށް ހައްލުކޮށްދޭނެ ކަމަށް އެޕަލް އިން ބުނެފި އެވެ.
އެޕަލް އިން ބުނީ މި މައްސަލަ ހައްލުކުރަން މިހާރު "ފިކްސް" އެއް ހަދާފައިވާ ކަމަށާއި އެ އަޕްޑޭޓް ވަރަށް އަވަހަށް ދޫކޮށްލާނެ ކަމަށެވެ.
ފޭސްޓައިމްގެ މި މައްސަލަ އެންމެ ފުރަތަމަ ހާމަކުރީ "9to5Mac" ބްލޮގްގަ އެވެ. އޭގައި ބުނެފައިވާ ގޮތުން މި މައްސަލަ ދިމާވަނީ އައިއޯއެސް 12.1 ގައި ނުވަތަ އެއަށް ވުރެ ފަހުގެ ވާޝަނެއްގައި ހިންގާ ދެ ފޯނެއްގެ ދެމެދުގަ އެވެ.
މިގޮތަށް އެހެން މީހެއްގެ ފޯނުން ސިއްރުން އަޑުއަހަނީ އެ ފޯނަކަށް ގުޅުމަށް ފަހު، އެ ސޮފްޓްވެއާގެ ގްރޫޕް ޗެޓް ފަންކްޝަން ބޭނުންކޮށްގެން، އެ ފޯނެއްގެ މައިކްރޮފޯން އޮންކޮށްގެން ކަމަށްވެ އެވެ.
އެޕަލް އިން ބުނީ މި މައްސަލަ ހައްލުކޮށްދޭ އަޕްޑޭޓް މި ހަފުތާގައި ލިބޭނެ ކަމަށެވެ.