އެއް ވަނަ ޕޮލިހަށް، ލޮރެންޒޯ ސެމީ އަށް
އެއް ވަނަ ޕޮލިހަށް، ލޮރެންޒޯ ސެމީ އަށް

ވޮލީބޯލް އެސޯސިއޭޝަން ކަޕްގައި ރޭ ކްލަބް ވެމްކޯ 3-1 ސެޓުން ބަލިކޮށް ދެ ވަަނަ ބުރުގެ އެއް ވަނަ ޕޮލިސް ކްލަބުން ހޯދިއިރު، އަލްމާ ސްޕޯޓްސް ކްލަބްގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައި ސެމީ ފައިނަލުގެ ފަހު ޖާގަ ލޮރެންޒޯ ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ޕޮލިހުން ހޯދީ ދެ ވަނަ ބުރުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ، އަށް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ވެމްކޯ އަށް ތިން މެޗުން ލިބުނީ ހަ ޕޮއިންޓެވެ. ލޮރެންޒޯ ތިން ވަނަ ހޯދީ ހަތަރު ޕޮއިންޓާ އެކު އެވެ، އަލްމާ މި ބުރު ނިންމާލީ ޕޮއިންޓެއް ނުލިބި އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗަށް ވެމްކޯ ނުކުތީ ކުރިން ކުޅުނު ދެ މެޗުން މޮޅުވެ، ރަނގަޅު ފޯމެއްގައި އޮވެ އެވެ. ރޭގެ މެޗުގެ ފުރަތަމަ ސެޓު ވެސް ގެންދިޔައީ ކްލަބް ވެމްކޯ އިންނެވެ. އެ ޓީމުން މި ސެޓު ގެންދިޔައީ 22-25 އިންނެވެ. ފުރަތަމަ ސެޓު ގެއްލުމުން ދެ ވަނަ ސެޓަށް ޕޮލިހުން ނުކުނީ ތަފާތު ރޫހެއްގަ އެވެ. ޕޮލިހުން މެޗު ކާމިޔާބުކުރީ ދެން ކުޅުނު ތިން ސެޓު ވެސް ކާމިޔާބު ކޮށްގެންނެވެ. އެ ޓީމުން ސެޓުތައް ގެންދިޔައީ 25-17، 25-17 އަދި 25-21 އިންނެވެ.

ރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގައުމީ ޓީމާއި ޕޮލިހުގެ ތަޖުރިބާކާރު ކުޅުންތެރިއާ ހައްވާ ރާޝިދާ އެވެ. މި މެޗުގައި ހައްވަގެ ފަރާތުން ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިފަ އެވެ.

ސެމީ ފައިނަލުގެ ފަހު ޖާގަ އަށް އިއްޔެ ހަވީރު އަލްމާއާ ދެކޮޅަށް ލޮރެންޒޯ ވަނީ ފުރަތަމަ ބުރުގައި އެ ޓީމުގެ ފަރާތުން ފެނުނު ކުޅުން ތަކުރާރުކޮށްފަ އެވެ. ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ފުރަތަމަ ބުރުގެ އެއް ވަނަ ހޯދި ލޮރެންޒޯ ދެ ވަނަ ބުރުގައި ކުޅުނު ފުރަތަމަ ދެ މެޗުން ވަނީ ބަލިވެފަ އެވެ. އިއްޔެގެ މެޗުން ލޮރެންޒޯ މޮޅުވީ ސީދާ ތިން ސެޓުންނެވެ. އެ ޓީމުން ސެޓުތައް ގެންދިޔައީ 25-04، 25-14 އަދި 25-09 އިންނެވެ.

އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލޮރެންޒޯ އަށް މޮޅު ކުޅުމެއް ދެއްކި ގައުމީ ޓީމުގެ ވެސް ކުޅުންތެރިއާ އައިޝަތު ޝައްފަ އެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މާދަމާރޭ ޕޮލިސް ނުކުންނާނީ ވެމްކޯއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ހޮނިހިރު ދުވަހު ކުޅޭ ފައިނަލުގެ ޖާގައެއް ލިބޭނެ އެވެ. އެ މެޗުން ބަލިވާ ޓީމެއް ޖެހޭނީ ފައިނަލުގެ ފަހު ޖާގަ އަށް ބުރާސްފަތި ދުވަހުގެރޭ ތިން ވަނަ ސެމީގައި ލޮރެންޒޯއާ ދެކޮޅަށް ކުޅޭށެވެ.