ޑައިރެކްޓަރު ކްރިޝް ކަންގަނާ ރަނާވަތުއާ ދެކޮޅަށް ނުކުމެއްޖެ
ޑައިރެކްޓަރު ކްރިޝް ކަންގަނާ ރަނާވަތުއާ ދެކޮޅަށް ނުކުމެއްޖެ

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ފިލްމު "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" ގެ 70 ޕަސަންޓް ޑައިރެކްޓް ކުރީ ބަތަލާ ކަންގަނާ ރަނާވަތު ކަމަށް އޭނާ ދައުވާ ކުރާތީ އެކަމަށް މި ފިލްމުގެ ޑައިރެކްޝަަނުގައި ހިއްސާވި ކްރިޝް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.

ބެލުންތެރިންނާއި ކްރިޓިކުންގެ މެދުގައި ވެސް މަސްހުނި ހިޔާލުތަކެއް ފާޅުކުރި މި ފިލްމަކީ ރަސްމީކޮށް ކަންގަނާ އަށް ޑައިރެކްޓަރެއްގެ ކްރެޑިޓް ދިން ފުރަތަމަ ފީޗާ ފިލްމެވެ. އޭނާ ފިލްމުގެ ޑައިރެކްޝަނާ ހަވާލުވެ، ފިލްމުގެ ގިނަ މަންޒަރުތަކެއް އަލުން ޝޫޓް ކުރީ ކްރިޝް ސައުތު ފިލްމު އިންޑަސްޓްރީގެ ފިލްމެއްގެ މަސައްކަތުގައި ބިޒީވުމުން ކަމަށް މީޑިއާތަކުން ކުރިން ބުނެފައިވެ އެވެ.

ނަމަވެސް "މަނިކަރްނިކާ" ރިލީޒްކޮށް، މިހާރު ހިޓެއްގެ ދަރަޖަ ވެސް ހޯދާފައި ވަނިކޮށް ކްރިޝް ދަނީ ކަންގަނާ އަށް ފާޑު ކިޔައި، އެކި މީޑިއާތަކަށް އިންޓަވިއުތައް ދެމުންނެވެ. އެގޮތުން ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއްގައި ކްރިޝް ބުނީ ފިލްމުގެ 70 ޕަސަންޓް ޑައިރެކްޓް ކުރީ ކަންގަނާ ކަމަށް ބުނާ ނަމަ އެއީ "ބުލްޝިޓް" ކަމަށެވެ.

"އަހަންނަށް ހަމަ ޔަގީން ނުކުރާ މަސައްކަތަކަށް ކްރެޑިޓް ނަގައިގެން އޭނާއަކަށް މިހާރު ހަމަ ނިދި ވެސް ނުނިދޭނެ،" ކްރިޝް ބުންޏެވެ. "އަހަރެން އެ ފިލްމުގެ ހަތްދިހަ ޕަސަންޓަށް ވުރެ ބޮޑުބައި ޑައިރެކްޓް ކުރީ. ފިލްމު ބަލާލީމަ އަހަންނަށް އަހަރެން ކުރި މަސައްކަތް ފެންނަން އެބަހުރި."

އޭނާ ބުނި ގޮތުގައި "މަނިކަރްނިކާ" ގެ މަސައްކަތާ ފެއަށް ދާން މަޖުބޫރުވީ ކަންގަނާ ހުރިހާ ކަމެއްގެ ތެރެއަށް އުނދުޅި ބާނައި، ތިމާވަރުގެ މީހަކު ނެތިގެން އުޅެން ފެށުމުންނެވެ.

"އަނެއްކާ އެހާ ރޫޑް އޭނަ. އަހަރެން ކުރާ މަސައްކަތަށް އަބަދު ވެސް ކަންގަނާ ދިޔައީ ފާޑު ކިޔަމުން. ޑައިރެކްޓަރެއްގެ ގޮތުގައި އަހަރެންގެ ހުރި ގާބިލުކަން އަހަރެން ކުރިން ހަދާފައި ހުރި ފިލްމުތަކުން ބެލުންތެރިން އޮންނާނީ ސާބިތުކޮށް ދީފައި،" ސައުތުގެ އެންމެ ކުޅަދާނަ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ އަދި "މަނިކަރްނިކާ" ދޫކޮށްލައި ސައުތުގެ ކުރީގެ ސްޕަސްޓާ އެންޓީއާރްގެ ބައޮގްރަފިކަލް ޑްރާމާ ވެސް ޑައިރެކްޓް ކުރި ކްރިޝް ބުންޏެވެ.

އޭނާ ބުނި ގޮތުގައި "މަނިކަރްނިކާ" އަކީ ތާރީހީ ހާދިސާއަކަށް ހެދި ފިލްމަށް ނަމަވެސް، ތާރީހު އޮޅުންބޮޅުންވާ ކަހަލަ ބަދަލުތަކެއް ސްކްރިޕްޓަށް ގެންނަން ވެސް ކަންގަނާ އުޅުނެވެ. އެގޮތުން ކުރިން ފިލްމުގެ ކާސްޓްގައި ހިމެނުނު ސޯނޫ ސޫދުގެ ކެރެކްޓާ ކަން ހިނގާފައިވާ ގޮތާ ހިލާފަށް މަރައިލަން އުޅުނު ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.

ކްރިޝް ބުނީ ސޯނީ އާއި އަތުލް ކުލްކަރްނީ ފަދަ އެކްޓަރުން ފިލްމަށް ސޮއި ކުރީ ވެސް އޭނާ ފިލްމު ޑައިރެކްޓް ކުރާތީ ކަމަށެވެ. އެހެންވެ ކަންގަނާއަކީ އެ ފިލްމުގެ ޑައިރެކްޓަރު ނަމަ، އެ މީހުން ފިލްމަށް ސޮއި ކުރާނެތޯ ވެސް ކްރިޝް ވަނީ ސުވާލު އުފައްދައިފަ އެވެ. "މަނިކަރްނިކާ" އަށް ދިމާވި ކަންތައްތަކާ ހެދި ސޯނޫ ފިލްމުން ވަކިވި ނަމަވެސް، އަތުލް ފިލްމުގެ މަސައްކަތް ކުރި އެވެ.

"ކަންގަނާ އަދި ވަނީ ފިލްމުގެ ވަރަށް މުހިއްމު ގިނަ ކެރެކްޓާތަކު ރޯލްތައް ބުރިބުރިކޮށް ކުރުކޮށްލައި، އޭނަގެ ސްކްރީން ޓައިމް ބޮޑުކޮށްފައި،" ކްރިޝް ބުންޏެވެ. "އެގޮތުން އަތުލް ކުޅުނު ކެރެކްޓާ ވަނީ ވަރަށް ބޮޑަށް ކުރުކޮށްލާފައި."

އޭނާ ބުނި ގޮތުގައި "މަނިކަރްނިކާ" އިން ކުރަން ޖެހުނު އެންމެ ހިތްދަތި އަނެއް ތަޖުރިބާއަކީ އެ ފިލްމު ޕްރޮޑިއުސް ކުރި ޒީ ސްޓޫޑިއޯ ވެސް ކަންގަނާ އަށް ވާގީ ދީގެން ތިބުމެވެ. އެގޮތުން ކަންގަނާ ބަހަށް ވަރަށް ގިނަ ފަހަރު މަތިން ފިލްމުގެ ޕްރޮޑިއުސަރު ކަމަލް ޖެއިން ހެއްލިފައިވާ ކަމަށް ބުންޏެވެ.

އޭނާއާ ދޭތެރޭ ކަންކޮށްފައި ވަނީ ވަރަށް ބޭއިންސާފުންކަން ފާހަގަކޮށް ކްރިޝް ބުނީ ފިލްމުގެ ފުރަތަމަ ޓީޒާ ނެރުނު އިރު އޭނާ އަށް އާންމުކޮށް ކިޔައި އުޅޭ ނަން ކްރިޝް ޑައިރެކްޓަރުގެ ކްރެޑިޓްގައި ހިމެނުމަށް ފަހު، ފަހުން ޓްރެއިލާގައި އޭނާގެ ނަމަކަށް ރާދާ ކްރިޝަން ޖަގަރުލަމުޑީ ހިމަނައިފައިވެ އެވެ.

"އެއީ އަހަރެން ބޭނުން ކުރާ ނަމެއް ވެސް ނޫން. ނަން ވެސް އެގޮތަށް ގެނެސްފައި އޮތީ އަހަންނަށް ޑައިރެކްޝަނުގެ ކްރެޑިޓް ނުދިނުމުގެ ވިސްނުމުގައި،" ކްރިޝް ބުންޏެވެ. "ކަންގަނާ ފިލްމަށް ސޮއި ކުރީ ހަމައެކަނި ބަތަލާގެ ރޯލް ކުޅެން ކަމަށް ވިޔަސް، އޭނާ ވަނީ މުޅި ޕްރޮޖެކްޓްގެ ތެރެއަށް އަތް ބާނައި، އަމިއްލަ އެދުމަށް ވަރަށް ގިނަ ކަންކަންކޮށްފައި."

ކަންގަނާ އަށް ކްރިޝް ފާޑުކިޔަމުންދާތީ އޭނާގެ ދައްތަ ރަންގޯލީ ޗަންދެލް ވަނީ ޓްވިޓްތަކެއްގައި ކްރިޝް އަށް ރައްދު ވެސް ދީފަ އެވެ. އޭނާ ބުނި ގޮތުގައި ކްރިޝް ކޮންމެ ވާހަކައެއް ދެއްކިޔަސް، އެ ފިލްމުގެ 70 ޕަސަންޓް ޑައިރެކްޓް ކުރީ ކަންގަނާކަން އޭގެ ސިނަމޮޓޯގްރާފަރުންނާއި ފިލްމު އެޑިޓް ކުރި މީހާ ވެސް ހެކި ވާނެ އެވެ.

"ތިމަންނައޭ ޑައިރެކްޓް ކުރީ ބުނާ ނަމަ ހެދި ދައްކާ. އޭރުން ކަންގަނާ މައާފަށް ވެސް އެދި ޑައިރެކްޓަރުގެ ކްރެޑިޓުން ނަން ވެސް ނަގަން ތައްޔާރު،" ރަންގޯލީ ބުންޏެވެ.

ކްރިޝް ބުނި ގޮތުގައި އޭނާ ދެން ދުވަހަކު ވެސް ކަންގަނާއާ އެކު މަސައްކަތެއް ނުކުރާނެ އެވެ. އެކަމަކު ޖުމްލަކޮށް ބަލާ ނަމަ، "މަނިކަރްނިކާ" ގެނެސް ދީފައި އޮތް ގޮތާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށާއި ފިލްމަށް ފާޑު ކިޔަން ބޭނުން ނުވާ ކަމަށް ބުންޏެވެ.

"އެކަމަކު މިހާރު އެ އެއްގޮތަށް ވުރެ މާ ފުރިހަމަކޮށް އެ ފިލްމު ގެނެސް ދެެވޭނެ. ކަންގަނާގެ ސަބަބުން ފިލްމުގެ އަސްލު ވެލިއު އޮތީ ގެއްލިފައި،" ކްރިޝް ބުންޏެވެ.

އިންޑިއާގެ ކުރީގެ އަންހެން ހަނގުރާމަވެރިޔާ ރާނީ ލަކްޝްމީބާއީގެ ވާހަކަ ކިޔައިދޭ ފިލްމަށް މިހާތަނަށް ބޮކްސް އޮފީހުގައި އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުން ޖުމްލަ 74 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ. ފިލްމު ހަދާފައި ވަނީ 125 ކްރޯޑްގެ ބަޖެޓަކުންނެވެ.