ސަލާ ގެއްލުނު ފަހުން ކާޑިފް ކޯޗަށް ހަމަނިދި ނުލިބޭ
ސަލާ ގެއްލުނު ފަހުން ކާޑިފް ކޯޗަށް ހަމަނިދި ނުލިބޭ

ކާޑިފް، ވޭލްސް (ޖެނުއަރީ 29) - ކާޑިފް ސިޓީގެ ރެކޯޑް އަގަކަށް އެ ޓީމަށް ގަތް އާޖެންޓީނާގެ ފޯވާޑް އެމިލިއާނޯ ސަލާ އެ ކްލަބާ ގުޅެން ވޭލްސް އަށް އަންނަން ދަތުރުކުރަމުންދިޔަ ޕްރައިވެޓް ޖެޓް، މިދިޔަ ހަފްތާގައި ގެއްލުނު ފަހުން ހަމަނިދި ނުލިބޭ ކަމަށް ކާޑިފްގެ ކޯޗު ނީލް ވާނޮކް ބުނެފި އެވެ.

ސަލާ ގެއްލުނު ފަހުން ކާޑިފް ކޯޗަށް ހަމަނިދި ނުލިބޭ
ސަލާ ގެއްލުނު ފަހުން ކާޑިފް ކޯޗަށް ހަމަނިދި ނުލިބޭ

މިދިޔަ ހަފްތާގެ ހޯމަ ދުވަހުގެރޭ ސަލާ ދަތުރުކުރަމުން ދިޔަ ބޯޓު ޕައިޕާ މަލިބޫ ގެއްލުނީ ޗެނަލް އައިލެންޑުގެ ގޯންސީގެ ލައިޓް ހައުސް ކައިރިންނެވެ. އެއް އިންޖީނުލީ އެ އުޅަނދުގައި ހުރެ ސަލާ ފޮނުވި ވަޓްސަޕް އޯޑިއޯ މެސެޖެއްގައި ވަނީ އެ ބޯޓުގެ ސަލާމަތީ ކަންތައްތަކާ މެދު ކަންބޮޑުވާ ކަމަށް ބުނެފަ އެވެ.

ނަވާ މިލިއަން ޕައުންޑުގެ ފީ އަކަށް ސަލާ ކާޑިފަށް ސޮއިކުރީ އޭނާ ގެއްލުމުގެ ދެ ދުވަސް ކުރިންނެވެ. އެކަމަކު ކާޑިފް ކޯޗު ވާނޮކް އައީ އޭގެ މާ ކުރިން ސަލާއާ ވާހަކަ ދައްކަމުންނެވެ.

"ކޯޗިން ކުރިއަށް ގެންދިއުމާ މެދު ކޮންމެ 24 ގަޑިއިރަކުން އެއް ފަަހަރު އަހަރެން އެބަ ވިސްނަން. މި ކަންތައްތައް (ސަލާ ގެއްލުނު ހާދިސާ) އަހަރެންގެ ހަނދާނުގައި އަބަދު ހުންނަނީ. ހަމަނިދި ނުލިބޭ. އަހަރެން ފުޓްބޯޅައިގައި އުޅޭތާ 40 އަހަރު ވެއްޖެ. މިއީ އެންމެ އުނދަގޫ އެއް ހަފްތާ. ހަނދާނެ ގޮތެއް ނޭނގިފައި ހުންނަ ފަހަރު ވެސް އާދޭ،" އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކުރިން ގިނަ ކްލަބްތަކަށް ކޯޗުކޮށްދިން ވާނޮކް ބުންޏެވެ.

އުމުރުން 28 އަހަރުގެ ސަލާ ކާޑިފަށް ގެންނަން ވަރަށް ކުރިން އޭނާއާ މަޝްވަރާ ކުރަމުން އައި ކަމަށް ވާނޮކް ވަނީ ބުނެފަ އެވެ. އަދި ސަލާ ހުރީ އޭނާގެ ހުވަފެނެއް ހަގީގަތަކަށްވާތީ ވަރަށް އުފަލުން ކަމަށެވެ.

"ސަލާ އެންމެ ބޭނުންވެފައި ހުރީ ޕްރިމިއާ ލީގުގައި ކުޅެން. އޭނާ އަހަންނާ ވާހަކަ ދެއްކިއިރު އެ ކަންތައްތައް ހިއްސާކުރި. އަހަރެން ޓީމު ރޭވުމުގައި އޭނާ ބޭނުންކުރާނެ ގޮތްތައް ވެސް ހިއްސާކުރިން. މިދިޔަ އަށް ވަރަަކަށް ހަފްތާގައި އަހަރެން އައީ ގަވާއިދުން އޭނާއާ ވާހަކަ ދައްކަމުން. މިހާރު މިހުރީ އެ ހަނދާންތަކުގެ ތެރެއަށް ގެއްލިފައި،" ވާނޮކް ބުންޏެވެ.

އޭނާ ބުނީ ސަލާ ގެއްލުނު ހާދިސާ އަށް ފަހު ކާޑިފްގެ ބައެއް ކުޅުންތެރިން ނަފްސާނީ ޑޮކްޓަރުންނަށް ދައްކާފައިވާ ކަމަށެވެ.

ކާޑިފުން ސަލާގެ ސޮއި ހޯދީ އަންނަ ސީޒަނުގައި ވެސް އިނގިރޭސި ޕްރިމިއާ ލީގުގައި އޮންނަން ބޭނުންވާތީ ޓީމު ވަރުގަދަ ކުރުމުގެ ގޮތުންނެވެ. ލީގުގައި މިހާތަނަށް ކުޅުނު 23 މެޗުން ލިބުނު 19 ޕޮއިންޓާ އެކު ކާޑިފް އޮތީ ލީގުގެ 18 ވަނައިގަ އެވެ.

ގޯންސީ ޕޮލިހާއި ފްރާންސް އަދި އިންގްލެންޑުގެ ސިފައިން ސަލާ އާއި އައިބޮޓްސަން ހޯދުމުގެ މަސައްކަތް ހުއްޓާލީ އެ ދެ މީހުން ސަލާމަތުން ފެންނާނެ ކަމުގެ އުއްމީދެއް ނެތްކަމަށް ބުނެ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ސަލާ ހޯދުމުގެ މަސައްކަތް އަލުން ފެށީ ހޮނިހިރު ދުވަހު އެވެ. އެއީ ގޯފަންޑްމީ ވެބްސައިޓްގައި ހުޅުވި އޮންލައިން ފަންޑަކުން ލިބޭ ފައިސާއިންނެވެ. މިހާތަނަށް އެ ފަންޑަށް މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ވަނީ ފައިސާ ހަދިޔާކޮށްފަ އެވެ.

ސަލާ ފެނޭތޯ ކަނޑުއަނޑި ހޯދުމަށް މަސައްކަތް ފެށުމަށް އާއިލާ އިން އަންނަނީ ތައްޔާރުވަމުންނެވެ. އެ ގޮތުން ތަޖުރިބާކާރެއްގެ އެހީގައި ސަލާ އާއި އެ ބޯޓު ދުއްވަން އިން ޕައިލެޓް އައިބޮޓްސަން ހޯދަން ފަށާނީ އަންނަ އާދިއްތަ ދުވަހު އެވެ.

މިހާތަނަށް ސަލާ މަރުވެފައިވާކަން ޔަގީންނުކުރެވޭތީ ސަލާގެ އާއިލާ އިން ވަނީ އޭނާގެ ހަނދާނުގައި ކަޅު ބޭންޑްތައް މެޗުތަކުގައި ބޭނުންނުކުރަން އެދިފަ އެވެ. ސަލާގެ އާއިލާގެ އެ ނިންމުމަށް އިހުތިރާމްކުރުމުގެ ގޮތުން ގިނަ ކްލަބްތަކުން ވަނީ ކަޅު ބޭންޑް ނާޅަން ނިންމައިފަ އެވެ.

މިރޭ އާސެނަލާ ދެކޮޅަށް ކާޑިފުން ކުޅޭ މެޗުގައި ސަލާ ހޯދުމަށް ކުރާ މަސައްކަތަށް ހިތްވަރުދިނުމުގެ ގޮތުން ކަންތައްތަކެއް ރޭވިފައިވާ ކަމަށް ކަޑިފާ ހަވާލާދީ އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރެ އެވެ. މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 00:45 ގަ އެވެ.