ބޮނޫޗީ އަނިޔާގައި، ބެނާޝިއާ ގަތަރަށް
ބޮނޫޗީ އަނިޔާގައި، ބެނާޝިއާ ގަތަރަށް

ޓިއުރިން (ޖެނުއަރީ 29) – ޔުވެންޓަސްގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ އަށް އަނިޔާވެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހުނު ނަމަވެސް މެހްދީ ބެނާޝިއާގެ ޓްރާންސްފާ އަށް ހުއްޓުމެއް ނައިސް އޭނާ ގަތަރުގެ އަލް ޑުހެއިލް އަށް ބަދަލުވެއްޖެ އެވެ.

މޮރޮކޯ ޑިފެންޑަރު ބެނާޝިއާ ޔުވެންޓަސް ދޫކޮށްލަން ނިންމީ، މި ސީޒަނުގައި އަލުން ބޮނޫޗީ ގެނައުމާ އެކު އޭނާ އަށް އެކަށީގެންވާ ފުރުސަތު ނުލިބޭތީ އެވެ. އެކަމަކު ބެނާޝިއާގެ ޓްރާންސްފާ ކުރިއަށް ދަނިކޮށް، މި ހަފުތާގައި ބޮނޫޗީގެ ކުޑަހުޅަށް އަނިޔާވުމުން ބެލެވިފައި އޮތީ ބެނާޝިއާ މަޑުކުރުވާނެ ކަމަށެވެ.

އެކަމަކު ޔުވެންޓަސް އިން މިހާރު ވަނީ އޭނާ ވަނީ ޑުހެއިލް އަށް 10 މިލިއަން ޔޫރޯ އަށް ވިއްކާލިކަން ކަށަވަރުކޮށްދީފަ އެވެ. އެއީ ދެ އިންސްޓޯލްމަންޓަށް ބަހާލައިގެން ދޭ އަށް މިލިއަން ޔޫރޯ އާއި އިތުރު ދެ މިލިއަން ޔޫރޯގެ ބޯނަހަކެވެ.

ފްރާންސްގެ މާސޭ އިން 2005 ވަނަ އަހަރު ކެރިއަރު ފެށި އުމުރުން 31 އަހަރުގެ ބެނާޝިއާ ވިދާލީ 2013/2014 ގައި ރޯމާގައި ދެއްކި މޮޅު ކުޅުމުންނެވެ. އެއާ އެކު ބަޔާން މިއުނިކުން އޭނާ ގަތެވެ. އެކަމަކު ދެ އަހަރަށް ފަހު ބަޔާނުން އޭނާ ޔުވެންޓަސް އަށް ލޯނަކަށް ދޫކޮށްލުމަށް ފަހު ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން ގުޅުނީ އެވެ. އޭނާ ގެންދަން މެންޗެސްޓާ ޔުނައިޓެޑުން ވެސް މި ފަހަރު މަސައްކަތްކުރި އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި އެ އޮފާއަށް އޭނާ ނޫނެކޭ ބުނީ ގަތަރުން ދޭ ވަރުގެ މުސާރައެއް ނުލިބޭނެތީވެ އެވެ.

ބެނާޝިއާގެ ބަދަލުގައި ޔުވެންޓަސް އިން ގެނައީ ކުރިން ދެ ފަހަރެއްގެ މަތިން އެ ޓީމަށް ކުޅުނީ އުރުގުއޭ ޑިފެންޑަރު މާޓިން ސަސެރެސް އެވެ. އެކަމަކު ބޮނޫޗީ ނެތްތަނަށް ކުޅުވާނީ އިޓަލީގެ ޒުވާން ޑިފެންޑަރު ޑެނިއަލީ ރުގާނީ އެވެ.

އިޓާލިއަން ލީގުގެ އެއް ވަނައިގައި 11 ޕޮއިންޓުގެ ލީޑަކާ އެކު އޮތް ޔުވެންޓަސް ލީގު ކާމިޔާބުކުރުމަށް މާބޮޑު ހުރަހެއް ނެތެވެ. އެ ޓީމުގެ މައިގަނޑު އަމާޒަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމެވެ. ޒުވާން ޑިފެންޑަރެއް ކަމަށްވާ މަޓިއާ ކަލްޑަރާ މިލާނަށް ދިނުމަށް ފަހު ބޮނޫޗީ ގެނައީ ވެސް އަދި ބޮޑު އަގެއްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ގަތީ ވެސް އެ މުބާރާތް ކާމިޔާބުކުރުމަށެވެ. ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ޔުވެންޓަސް އިން އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅެންވާއިރަށް ބޮނޫޗީ ފިޓްވާނެ ކަމަށް ނުބެލެވެ އެވެ.