28 ޖެނުއަރީ 2019 - 22:33

އިލެކްޝަންސް ކޮމިޝަނުގެ އާ ލޯގޯ އާއި ކުލަ މިރޭ ތައާރަފުކޮށްފި އެވެ.
ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އީސީގެ އާ ލޯގޯ އާއި ކުލަ އިފްތިތާހު ކޮށްދެއްވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފާއި ސިޔާސީ ޕާޓީތަކުގެ އިސް ވެރިންނެވެ.
އިލެކްޝަންސް ކޮމިޝަނުގެ އާ ކުލައަކީ ގަދަ ދަނބު ކުލަ އެވެ.
ރާއްޖޭގެ ބޮޑެތި ޕާޓީތަކުގެ ތެރެއިން ހަފުލާގައި އެންމެ އިސް ވެރިންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީންނެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ބައިވެރިވެ ވަޑައިގެންނެވި އިރު އިދިކޮޅު ޕީޕީއެމުން ބައިވެރިވެވަޑައިގެންނެވީ ސެކްރެޓަރީ ޖެނެރަލް އަބްދުލް މަތީން މުހައްމަދެވެ. ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ފަރާތުުން ވެސް ބައިވެރިވެވަޑައިގެންނެވީ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރެވެ.
ލޯގޯ އާއި ކުލަ އިފްތިތާހުކޮށް ދެއްވުމަށް ފަހު އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އެ ކޮމިޝަނުގެ ކުލައިގެ ގޮތުގައި ހަމަޖެއްސި ދަނބު ކުލަ އެއްވެސް ސިޔާސީ ޕާޓީއަކަށް ދެން ދޫނުކުރާނެ ކަމަށެވެ. އަލަށް ހަދަން އުޅޭ ޕާޓީއަކުން އެ ކުލަ ހުށަހެޅި ކަމަށާއި އެހެން ނަމަވެސް އޭރު ކޮމިޝަނުން އެ ކުލަ ނަގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާ ލޯގޯއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އެ ލޯގޯއަކީ ވަރަށް މާނަފުން އަދި ކޮމިޝަންގެ މަސައްކަތް ދައްކައިދޭ ލޯގޯއެއް ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ނިންމާފައި ވަނީ އިލެކްޝަންސް ކޮމިޝަނުން ބޭނުންކުރާ އެއްވެސް ކުލައެއް ސިޔާސީ ޕާޓީތަކަށް ބޭނުންކުރުމުގެ ފުރުސަތު އަޅުގަނޑުމެން ދަފުތަރުގައި ރަޖިސްޓްރީ ނުކޮށްދޭ ގޮތަށް. އެހެންވެގެން އަޅުގަނޑުމެން ގަސްދުކުރީ އިލެކްޝަންސް ކޮމިޝަނުގެ ކުލަ ވެސް ބަދަލުކޮށްލަން،" އޭނާ ވިދާޅުވި އެވެ.