ބޭރުގެ ހުރިހާ ސިފައިން އަފްޣާނިސްތާނުން ފައިބާނެ
ބޭރުގެ ހުރިހާ ސިފައިން އަފްޣާނިސްތާނުން ފައިބާނެ

ކާބުލް (ޖެނުއަރީ 28) - އަފްޣާނިސްތާނުގައި ތިބި ބޭރު ގައުމުތަކުގެ ހުރިހާ ސިފައިން ވެސް އެ ގައުމުން ފައިބާނެ ކަމަށް ރައީސް އަޝްރަފް ޣަނީ ވިދާޅުވެއްޖެ އެވެ.

އަފްޣާނިސްތާނުގައި ތިބި ބޭރު ގައުމުތަކުގެ ސިފައިން ފޭބުމަކީ ތާލިބާނުންގެ އެންމެ ބޮޑު ޑިމާންޑެވެ. ރައީސް ޣަނީ ވިދާޅުވީ ބައިނަލްއަގުވާމީ އެއްބަސްވުމުގައިވާ ގޮތުން ކުރިމަގުގައި ބޭރު ސިފައިން އެ ގައުމުގައި ނުތިބޭނެ ކަމަށެވެ.

"ބޭރު ގައުމުތަކުގެ ސިފައިން ދިގު މުއްދަތެއްގައި ތިބުމަށް އަފްޣާނިސްތާނުގެ އެކަކު ވެސް ނުރުހޭ،" ގައުމީ ޓީވީން ދެއްވި ބަޔާނެއްގައި ޣަނީ ވިދާޅުވި އެވެ. "ބޭރުގެ ސިފައިން މިހާރު އެ ތިބީ އެ މީހުންގެ ބޭނުން ޖެހޭތީ. އެކަމަކު ފަހުން ބިދޭސީ ސިފައިންގެ އަދަދު ސުމަކަށް ތިރިކުރެވޭނެ."

ރައީސް ޣަނީ މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ ތާލިބާނުންނާ އެކު ސުލްހައިގެ ވާހަކަތައް ފަށާފައި ވަނިކޮށެވެ.

އެމެރިކާ ސަރުކާރުގެ ސީނިއާ އޮފިޝަލަކު ވެސް ވިދާޅުވެފައި ވަނީ އެ ގައުމުގެ ސިފައިން ދިގު މުއްދަތަކަށް އަފްޣާނިސްތާނުގައި ނުތިބޭނެ ކަމަށެވެ. އަދި އެމެރިކާ ސިފައިންގެ ބޭނުމަކީ އަފްޣާނިސްތާނަށް ސުލްހަ ގެނައުން ކަމަށް ވިދާޅުވި އެވެ.

އަފްޣާނިސްތާނުގައި ފަހަކަށް އައިސް ތާލިބާނުންގެ ހަމަލާތައް ވަނީ ވަރުގަދަކޮށްފަ އެވެ.