ޕާކިސްތާނުން އީ-ވިސާ 175 ގައުމަކަށް ދެނީ
ޕާކިސްތާނުން އީ-ވިސާ 175 ގައުމަކަށް ދެނީ

އިސްލާމްއާބާދު (ޖެނުއަރީ 28) - ޕާކިސްތާނުގެ ޓޫރިޒަމް ރަނގަޅު ކުރުމަށްޓަކައި އިލެކްޓްރޯނިކް ވިސާ 175 ގައުމަކަށް އަދި އޮން އެެރައިވަލް ވިސާ 50 ގައުމެއްގެ މީހުންނަށް ދޭން ނިންމައިފި އެވެ.

އިންފޮމޭޝަން މިނިސްޓަރު ފަވާދު ޗައުދަރީ ވިދާޅުވީ ކެބިނެޓުން ނިންމައިގެން މި ބަދަލުތައް ގެންނަނީ ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާ އަށް ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު ޕާކިސްތާނުގެ ޓޫރިޒަމް ވަރަށް ބޮޑަށް ހީނަރުވުމާ ގުޅިގެން ކަމަށެވެ.

"ޕާކިސްތާނަށް ޒިޔާރަތް ކުރާ މީހުންނަށް ފަރުބަދައިގެ ޓޫރިޒަމް ނުވަތަ ގޮނޑުދޮށުގެ ޓޫރިޒަމުން ހިތްހަމަޖެހުން ހޯދުމުގެ ފުރުސަތު އެބައޮތް،" އިސްލާމްއާބާދުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހިމާލިޔަން ފަރުބަދަތަކާއި އެރޭބިއަން ކަނޑުގެ ގޮނޑުދޮށްތަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި އެވެ. "ޕާކިސްތާނަކީ ޓޫރިސްޓުންނަށް ސުވަރުގެއެއް."

ވިސާ އަށް ގެނައި ލުއިތައް ދިން ގައުމުތަކުގެ ނަން އަދި ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ޑިސެމްބަރު މަހު ޗައުދަރީ ވިދާޅުވެފައި ވަނީ ޔޫރަޕުގެ ގައުމުތަކުގެ މީހުންނަށް އޮން އެރައިވަލް ވިސާ ދޭނެ ކަމަށެވެ. އަދި ކަޝްމީރަށް ޓޫރިސްޓުން ޒިޔާރަތް ކުރުމުގެ ފުރުސަތު ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ. މިހާރު އޮންނަ ގޮތުން ކަޝްމީރަށް ދިއުމަށް ޚާއްސަ ހުއްދައެއް ހޯދަން ޖެހެ އެވެ.

ޕާކިސްތާން ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނީ 2017 އަހަރު ޓޫރިސްޓުން ޒިޔާރަތް ކުރި މިންވަރު 1.75 މިލިއަނަށް އިތުރުވެފައިވާ ކަމަށެވެ.