މަޖިލިސް އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 264،589 މީހުންނަށް
މަޖިލިސް އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 264،589 މީހުންނަށް

އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު 264،589 މީހުންނަށް ލިބިފައިވާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އީސީގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ އިންތިހާބު އޮންނަ އޭޕްރީލް ހަ ވަނަ ދުވަހާ ހަމައަށް 264،589 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށާއި ވޯޓާސް ލިސްޓް އާއްމުކޮށް ޝަކުވާ ހުށަހަޅަން މާދަމާ ހުޅުވާލާނެ ކަމަށެވެ.

މިފަހަރު ހަމަޖައްސާފައި ވަނީ މިިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވި ރަށަށް ބަދަލެއް ނާންނަ ނަމަ އަލުން ރީރެޖިސްޓްރީވާން ނުޖެހޭ ގޮތަށެވެ.

"ރިޔާސީ އިންތިޚާބުގައި އެމީހަކު ރަޖިސްޓްރީވެފައި އޮތް ރަށަށް ބަދަލެއް ނާންނަންޏާ ރަޖިސްޓްރީވާކަށް ނުޖެހޭނެ. ހަމަ އޭރު އޮތްގޮތަށް ރަޖިސްޓްރީ އޮންނާނީ،" އަކްރަމް ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު އޮތީ 262,135 މީހުންނަށެވެ. އެހެންކަމުން މިއީ ރިޔާސީ އިންތިޚާބަށްވުރެ 2،454 މީހުންގެ އިތުރުވުމެކެވެ.

މަޖިލީހުގެ 87 ދާއިރާއަކަށް ކުރިމަތިލުމުގެ ފުރުސަތު މިރޭ ހުޅުވާލަން އީސީން ވަނީ ނިންމައިފަ އެވެ.