30 ޖެނުއަރީ 2019 - 07:40

އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ރޯލް ވިވެކް އޮބެރޯއީ ކުޅޭ ފިލްމު "ޕީއެމް ނަރެންދުރަ މޯދީ" ގެ ޝޫޓިން ފަށައިފި އެވެ.
އޮމަންގް ކުމާރު ޑައިރެކްޓްކުރާ ފިލްމުގެ ޝޫޓިން މިހާރު އަހުމަދުއާބާދުގައި ކުރިއަށްދާ އިރު، ފިލްމުގެ މަންޒަރުތައް ގުޖްރާތުގެ އެކި ސަރަހައްދުތަކުގައި ނަގާނެ އެވެ. ވިވެކްއާ އެކު ފިލްމުގެ ކާސްޓުން ފެނިގެންދާ ބައެއް ތަރިންގެ ތެރޭގައި ބޮމަން އިރާނީ އާއި ދަރްޝަން ކުމާރު ހިމެނެ އެވެ.
މޯދީގެ މި ބައޮގްރަފިކަލް ޑްރާމާ ޑައިރެކްޓްކުރާ އޮމަންގެ މީގެ ކުރިން ވެސް ވަނީ މި ކަހަލަ ދެ ފިލްމެއް ހަދައިފ އެވެ.
އެއީ މޭރީ ކޮމް (2015) އާއި ސަރަބްޖީތު (2016) އެވެ. އޭނާ އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ 2017 ގައި ރިލީޒް ކުރި ސަންޖޭ ދަތުގެ "ބޫމީ" އެވެ.
"ޕީއެމް ނަރެންދުރަ މޯދީ" ސްކްރީނަށް ގެންނާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
"ރޭސް" ފަދަ ފިލްމުތައް ގެނެސް ދިން ޕްރޮޑިއުސަރު ރަމޭޝް ތައުރާނީގެ އަންހެން ދަރިފުޅު ސްނޭހާ ތައުރާނީ ޑައިރެކްޝަނަށް ނުކުންނަ ފިލްމަކީ ޑާންސް ފްރެންޗައިެއް ކަމަށް ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނެފި އެވެ.
އޭނާ ކުރި ޓްވީޓެއްގައި ބުނީ ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ ވެސް ހިއްސާވާ ފިލްމުގެ ނަމަކީ "ބަންގްރާ ޕާ ލޭ" އެވެ.
މި ފިލްމުގެ ޝޫޓިން މިހާރު ފަށާފައިވާ އިރު، މީގެ ލީޑް ތަރިންނަކީ އެކްޓަރު ވިކީ ކޯޝަލްގެ ކޮއްކޮ ސަނީ ކޯޝަލް އާއި "އަރްޖުން ރެޑީ" ފަދަ ފިލްމުތައް ކުޅެފައިވާ ސައުތު ފިލްމު އިންޑަސްޓްރީގެ ބަތަލާ ރުކްޝާރް ދިލަން އެވެ.
ފިލްމާ ބެހޭ ގޮތުން ސްނޭހާ ބުނީ އޭނާގެ އަމާޒަކީ ބަންގްރާ ސްޓައިލްގެ މިއުޒިކާ އެކު، އެ ސްޓައިލްގެ ވަރުގަދަ ޑާންސް ފްރެންޗައިޒެއް ހެދުން ކަމަށާއި މިއީ އޭގެ ފެށުން ކަމަށެވެ.
އަންނަ މަހުގެ 1 ވަނަ ދުވަހު ފިލްމު "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ" ރިލީޒް ވާން ކައިރިވަމުން އަންނަ އިރު، ފިލްމުގެ އައު ޓްރެއިލާއެއް ދައްކާލައިފި އެވެ.
މި ފިލްމަކީ ޝެލީ ޗޯޕްޅާ ދާރް ޑައިރެކްޓްކޮށްފައިވާ އަސަރު ގަދަ އާއިލީ ލޯބީގެ ފިލްމެކެވެ. ފިލްމުގެ އެންމެ ހާއްސަ އެއް ކަމަކީ އަނިލް ކަޕޫރާއި ދަރިފުޅު ސޯނަމް ކަޕޫރް އެކީގައި ފުރަތަމަ ފަހަރަށް ބޮޑު ސްކްރީނުން ފެނިގެން ދާނެތީ އެވެ. "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ" ގައި ވެސް އެ ދެ ތަރިން ކުޅެފައި ވަނީ ދެބައިންގެ ރޯލެވެ.
މީގެ އިތުރު ކާސްޓުންގެ ތެރޭގައި ޖޫހީ ޗާވްލާ އާއި ރާޖްކުމާރު ރާއޯގެ އިތުރުން ފިލްމުގެ ޑައިރެކްޓަރު ޝެލީ ވެސް ހިމެނެ އެވެ.
ކުރީގެ މަގުބޫލު ލަވަތައް މި ފަހުގެ ފިލްމުތަކުގައި ހިމަނައިގެން އާންމުންގެ ސަމާލުކަން ހޯދުން ބޮލީވުޑްގައި ވަރަށް ބޮޑަށް އިތުރުވެފައި ވަނިކޮށް އަނެއްކާ ވެސް ހަމަ ކުރީގެ ލަވައެއް އާ ގޮތަކަށް ގެނެސް ދޭން ނިންމައިފި އެވެ.
މި ފަހަރު ކުޅެލާފައި ވަނީ އަކްޝޭ ކުމާރާއި އުރްމިލާ މަޓޯންޑްކަރު އެކީގައި ކުޅުނު 1997 ގެ ފިލްމު "އަފްލާތޫން" ގެ ފޯރި ގަދަ ލަވަ ކަމަށްވާ "ޕޯސްޓަރު ޗަޕްވާ ދޯ" އެވެ. މި ލަވައިގެ އާ ވާޝަނެއް މި ފަހަރު ފެނިގެން ދާނީ އަންނަ މާޗް މަހުގެ 1 ވަނަ ދުވަހު ރިލީޒް ކުރާ "ލުކާ ޗުއްޕީ" އިންނެވެ.
ކާތިކް އާރިޔަން އާއި ކްރިތީ ސެނަން ލީޑް ރޯލް ކުޅެފައިވާ ލަވަ ޕްރޮމޯޓް ކުރަން އަކްޝޭ ވެސް ހިމަނައިގެން ވަނީ ވީޑިއޯކޮޅެއް ވެސް ދައްކާލައިފަ އެވެ.