23 އޯގަސްޓް 2016 - 13:37

ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް އާއި ޑެޕިއުޓީ ކޮމިޝަނަރު ފުރަތަމަ ފަހަރަށް ޔުނީފޯމުގައި އޮފީހަށް ވަޑައިގެންފި އެވެ.

ކަސްޓަމްސްގެ މުވައްޒަފުން އޮފީހަށް ދާން ޖެހެނީ ޔުނީފޯމުގައި ނަމަވެސް އެތަނުގެ ވެރިން ޔުނީފޯމު ލެއްވުން ލާޒިމެއް ނޫނެވެ. އެހެންވެ، އެ އިދާރާގެ 126 އަހަރުގެ ތާރީހުގައި މިހާތަނަށް އެއްވެސް ވެރިއަކު ޔުނީފޯމު ބޭނުންްކުރައްވާފައެއް ނުވެ އެވެ. އެކަމަކު ކޮމިޝަނާ ޖެނެރަލް އިބްރާހިމް ޝަރީފު މުހައްމަދާއި ޑީސީ އިސްމާއިލް އަބްދުﷲ މިދިޔަ އާދިއްތަ ދުވަހު އޮފީހަށް ވަޑައިގަތީ ޔުނީފޯމުގައި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސްގެ ސީނިއާ ސުޕްރިންޓެންޑެންޓް އަހުމަދު ނިޔާޒު ވިދާޅުވީ 2012 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އައި އެތަނުގެ އާ ގަވައިދުގެ ދަށުން ހުރިހާ ރޭންކެއްގެ މުވައްޒަފުން ވެސް އޮފީހަށް ދާއިރު ޔުނީފޯމު ލާން ޖެހެ އެވެ. އެކަމަކު ވެރިންނަށް އެކަން އޮންނަނީ އެ ބޭފުޅުންގެ އަމިއްލަ އިހްތިޔާރަށް ދޫކޮށްލައްވާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ނަމަވެސް މިހާރު އަޅުގަނޑުމެން ނިންމާފައި އޮންނާނީ ކޮންމެ އާދިއްތަ ދުވަހަކު، ޑިޕާޓްމެންޓްތަކުގެ ވެރިންނާއި އެހެން އިސްވެރިން ވެސް ޔުނީފޯމުގައި އޮފީހަށް ވަޑައިގަތުމަށް،" ނިޔާޒު ވިދާޅުވި އެވެ.
އޭގެ އިތުރުން ރަސްމީ ޖަލްސާތަކާއި ހަފުލާތަކަށް ވެސް ވެރިން ވަޑައިގަންނަވާނީ ޔުނީފޯމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.