28 ޖެނުއަރީ 2019 - 11:30

އެފްއޭއެމުން ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ނިއު ރޭޑިއަންޓް ސަސްޕެންޑްކުރުމާ ގުޅިގެން، ޔޫތު ޗެމްޕިއަންޝިޕަށް ތައްޔާރުވަމުން އަންނަ އެ ކްލަބުގެ 21 އަހަރުން ދަށުގެ ޓީމަށް ބޮޑު މާޔޫސްކަމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އެފްއޭއެމުން ހޮނިހިރު ދުވަހު ނިއު ސަސްޕެންޑްކުރީ ސީނިއާ ޓީމުގެ 10 ކުޅުންތެރިއަކަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުން ކަމަށް ބުނެ އެވެ. އެކަމަކު އެހެން ކްލަބްތަކުގައި ވެސް އެ މައްސަލަ ދިމާވެފައި އޮއްވާ، ކުއްލި ގޮތަކަށް ނިއު ސަސްޕެންޑްކުރަން ނިންމީ އެފްއޭއެމްގެ ލީޑާޝިޕުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެ ކްލަބުން ހުށަހަޅަން އުޅޭތީ ޒާތީކޮށް އެކަން ނަގައިގެން ކަމަށް ކްލަބުން ބުނެ އެވެ.
ނިއުގެ 21 އަހަރުން ދަށުގެ ޓީމުން އައީ 30 ކުޅުންތެރިންނާ އެކު މީގެ މަހެއްހާ ދުވަސް ކުރިން ފެށިގެން މުބާރާތަށް ތައްޔާރުވަމުންނެވެ. އެކަމަކު އަންނަ މަހު ފަށާ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތެއް އެ ކުޅުންތެރިންނަށް މިވަގުތު ނެތެވެ.
މުބާރާތުގެ ގުރުނެގުން އިއްޔެ ބާއްވަން އޮތް ނަމަވެސް އެފްއޭއެމުން ވަނީ ކުއްލި ގޮތަކަށް އެކަން ފަސްކޮށްފަ އެވެ.
ނިއުގެ ފުޓްބޯޅަ ޓީމުގެ މެނޭޖަރު އަހުމަދު ރަޝީދު (ރެސްޓޭ) ބުނީ ވަރަށް އުއްމީދާ އެކު މުބާރާތަށް ނިއުގެ ޔޫތު ޓީމު ތައްޔާރުވަމުން އަންނަނިކޮށް އެ ފުރުސަތު ގެއްލުމަކީ ވަރަށް ބޮޑު ދެރައެއް ކަމަށާއި އެ ކުޅުންތެރިންނަށް އެކަމުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ.
ކްލަބެއްގެ އެތެރޭގެ މައްސަލަތަކުގައި އާއްމުކޮށް ދުނިޔޭގައި ދޭ އަދަބަކީ ޕޮއިންޓް އުނިކުރުން ނުވަތަ ރެލިގޭޓްކޮށްލުމެވެ. އަދި އެފަދަ މައްސަލަތައް ރާއްޖޭގައި ވެސް ބަލަން އޮންނަނީ އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީ މެދުވެރިކޮށެވެ. އެކަމަކު ނިއު ސަސްޕެންޑްކުރީ އެގްޒެކެޓިވް ކޮމިޓީއަށް ލިބިދޭ ބާރެއްގެ ދަށުންނެވެ. އަދި ނިއުގެ ސީނިއާ ޓީމުގެ މައްސަލައެއްގައި އެ ކްލަބް އެއްކޮށް ސަސްޕެންޑްކުރުމުން ޔޫތު ޓީމަށް އޭގެ އަސަރު މިވަނީ ފޯރައިފަ އެވެ.
ޔޫތު ޗެމްޕިއަންޝިޕަކީ ޒުވާން ކުޅުންތެރިންނަށް ހުނަރު ދައްކާލަން ރާއްޖޭގައި ލިބޭ އެންމެ ރަނގަޅު ފުުރުސަތެވެ. އެ މުބާރާތުން ނުކުތް ގިނަ ކުޅުންތެރިން އަންނަނީ ފުރަތަމަ ޑިވިޝަނުގައި މިހާރު ވާދަކުރަމުންނެވެ.