ފޮޓޯ ނަގަަން އުޅުމުން ރާނީ މުކަރުޖީ ރަތަށް
ފޮޓޯ ނަގަަން އުޅުމުން ރާނީ މުކަރުޖީ ރަތަށް

ބޮލީވުޑް ބަތަލާ ރާނީ މުކަރުޖީ ފަހަކަށް އައިސް ވަރަށް މަދުން ނޫނީ ބޭރު ތެރެއަކުން ނުފެނެ އެވެ. މިދިޔަ އަހަރު ރާނީ އަށް ދަރިއަކު ލިބުމާ އެކު އޭނާ އުޅެމުން އަންނަނީ އާންމުންނަށް ނުފެނި، ގޭގަ އެވެ. އޭނާގެ ފޮޓޯ އެހެން މީހުން ނަގަން އެއްގޮތަކަށް ވެސް ބޭނުމެއްނުވެ އެވެ. ޚާއްސަކޮށް ރާނީ އާއި ފިރިމީހާ އަދިތުޔާ ޗޯޕްރާއަށް ލިބިފައިވާ އަންހެން ދަރިފުޅު އަދިރާ ޗޯޕްރާގެ ފޮޓޯއެއް މީޑިއާއާ ހަމައަށް ނުދޭތޯ އޭނާ އަންނަނީ ވަރަށް މަސައްކަތް ކުރަމުންނެވެ.

މީގެ އެއް ދުވަސް ކުރިން ބޭރު ގައުމަކުން އައިސް މުމްބައިގެ އިންޓަނޭޝަނަލް އެއާޕޯޓުން ރާނީ ނުކުންނަނިކޮށް ބައެއް ފޮޓޯގްރާފަރުންނަށް ފެނިގެން ފޮޓޯ ނަގަން މަސައްކަތްކުރި އެވެ. އޭރު ރާނީ ހުރީ އޭނާގެ ދަރިފުޅު އުރާލައިގެންނެވެ.

މިއީ ރާނީ އާއި އޭނާގެ ދަރިފުޅު އެކުގައި ފެނުނު ފުރަތަމަ ފަހަރު ކަމަށް ވާތީ ވަރަށް ގިނަ މީޑިއާތަކުގެ ސަމާލުކަން އެ ދެމައިންނަށް ހުއްޓުނެވެ. ނަމަވެސް "އެއްވެސް މީހަކު ފޮޓޯ ނަގައިގެން ނުވާނޭ" ކިޔާ ފޮޓޯގްރާފަރުންނާ ދިމާލަށް އޭނާ ރުޅިގަނޑު ބޭލި އެވެ. އޭނާގެ ފޮޓޯ ވެސް ނަގައިގެން ނުވާނެ ކަމަށް، ރުޅިއައިސް ހުރެ، ރާނީ ބުންޏެވެ.

ރާނީ ދިން އިންތިޒާރުތަކަށް ފަހު ވެސް ބައެއް ފޮޓޯގްރާފަރުން ވަނީ އޭނާގެ ފޮޓޯތައް ދުރުން ނަމަވެސް ނަގައިފަ އެވެ.

ރާނީ ފޮޓޯ ނަގަން ބޭނުން ނުވަނީ ވިހޭ ފަހުން ސިފައަށް އައި ބޮޑު ބަދަލުން ކަމަށް ވެދާނެ އެވެ.

މީގެ ކުރިން ވެސް އިންޓަނޭޝަނަލް އެއާޕޯޓަކުން ރާނީ ނުކުންނަނިކޮށް ފޮޓޯގްރާފަރުންނަށް ފެނުނެވެ. ނަމަވެސް އެ ފަހަރު އެއީ ކާކުކަން އެނގުނީ އޭނާ ދިޔަ ފަހުންނެވެ. އެހާވެސް ބޮޑަށް ރާނީގެ ސިފަ ހުރީ ބަދަލުވެފަ އެވެ.

ރާނީ އާއި އަދިތުޔާ ޗޯޕްރާގެ ކައިވެނި ވެސް އެމީހުން އުޅުނީ ވަރަށް ސިއްރުކޮށްގެންނެވެ. އިޓަލީގައި 2014 ގައި ކުރި ކައިވެނީގެ ހަގީގަތް ނޫސްވެރިންނަށް އެނގުނީ އެކަން ނިމުނު ފަހުންނެވެ.