28 ޖެނުއަރީ 2019 - 12:45

ސަރުކާރާ ގުޅޭ ތަފާތު މަސްއޫލިއްޔަތުތައް ހަވާލުކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާތަނަށް އުފައްދަވާފައިވާ ދެ ރިޔާސީ ކޮމިޝަނާއި ކޮމިޓީތަކުގެ މެމްބަރުންނަށް ސަރުކާރުން ދެނީ އެލަވަންސާއި ސެކިއުރިޓީ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ގާނޫނީ ގޮތުން އުފައްދަން ޖެހޭ ކޮމިޝަންތަކުގެ އިތުރުން މި ސަރުކާރުން ވަނީ ދެ ރިޔާސީ ކޮމިޝަނާއި ކޮމިޓީތަކެއް އުފައްދައިފަ އެވެ. އެގޮތުން، މިހާތަނަށް ފަސް ކޮމިޓީއެއް ރައީސް ވަނީ އުފައްދަވައިފަ އެވެ. އަދި، ގާނޫނެއްގެ ދަށުން އެކުލަވާލާފައިވާ ޕޭ ކޮމިޝަންގެ އިތުރުން ގައުމީ އިނާމާ ބެހޭ ކޮމިޓީ ވެސް ވަނީ އަލުން އެކުލަވާލައްވައިފަ އެވެ. އެއީ ކުރީގެ ސަރުކާރުތަކުގައި ވެސް އޮންނަ ދެ ކޮމިޓީ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާން އިބްރާހިމް ހޫދު "މިހާރު" އަށް ވިދާޅުވީ އެ ކޮމިޝަންތަކާއި ކޮމިޓީތަކުގެ މެމްބަރުންނަށް މުސާރައިގެ ބަދަލުގައި ކޮންމެ މަހަކު ވެސް ސަރުކާރުން ދެނީ އެލަވަންސެއް ކަމަށެވެ. އަދި އެބޭފުޅުން އެދިވަޑައިގެންފި ނަމަ ސެކިއުރިޓީގެ ކަންކަން ވެސް ހަމަޖެހޭނެ ކަމަށް ހޫދު ވިދާޅުވި އެވެ. އެކިއެކި ކޮމިޓީތަކާއި ރިޔާސީ ދެ ކޮމިޝަންގެ މެމްބަރުންގެ އެލަވަންސް ތަފާތެވެ. އެކަމަކު މެމްބަރުންނަށް ސަރުކާރުން ދޭ އެލަވަންސްތަކުގެ ތަފްސީލެއް ހޫދު ހާމައެއް ނުކުރެއްވި އެވެ.
"އަޅުގަނޑުމެން އެ އަދަދުތައް [އެލަވަންސް] ހާމައެއް ނުކުރަން. ލިބޭ އެލަވަންސް ބިނާ ވާނީ މަސައްކަތް ކުރާ ވަގުތަށް. ދެ ކޮމިޝަނެއް [މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަނާއި ހިޔާނާތް ބަލާ ކޮމިޝަން] ގެ މެމްބަރުން ފުލް ޓައިމްކޮށް މަސައްކަތް ކުރައްވާނީ. އެހެން ކޮމިޓީތަކުގެ މެމްބަރުން މަސައްކަތް ކުރައްވާނީ ޕާޓް ޓައިމްކޮށް،" ރައީސް އޮފީހުގެ ޗީފް ސްޓްރެޓެޖިސްޓުގެ މަގާމު ވެސް ފުރުއްވާ ހޫދު ވިދާޅުވި އެވެ.
މިހާތަނަށް ރައީސް އުފައްދަވާފައިވާ ކޮމިޓީތަކުގެ ތެރެއިން އެއް ކޮމިޓީ އަކީ މިނިސްޓީރިއަލް ފެންވަރުގެ ކޮމިޓީ (ދީނަށް ފުރައްސާރަ ކުރާ މީހުންގެ މައްސަލަ ބަލާ ކޮމިޓީ) އެކެވެ. އުސޫލެއްގެ ގޮތުން މިނިސްޓީރިއަލް ފެންވަރުގެ ކޮމިޓީތަކުގެ މެމްބަރުންނަށް އެލަވަންސެއް ނުދެ އެވެ.
- ޚިޔާނާތްތައް ބަލާ ކޮމިޝަން.
- މަރުތައް ތަހުގީގު ކުރާ ކޮމިޝަން.
- ރައީސަށް ލަފާ އަރުވާ ކޮމިޓީ.
- ޖަލުތަކުގެ ހާލަތު ބަލާ ކޮމިޝަން( ހޯމް މިނިސްޓްރީން އުފެއްދި ކޮމިޝަނެއް)
- ދީނަށް ފުރައްސާ ކުރާ މައްސަލަ ހައްލުކުރާ ކޮމިޓީ (މިނިސްޓީރިއަލް ކޮމިޓީ)
- ފްލެޓްތައް ދިން ގޮތް ބަލާ ކޮމިޓީ.
- އެއްބަސްވުންތައް މުރާޖައާ ކުރާ ކޮމިޓީ.
- ސިޔާސީ ހައްޔަރީން މިނިވަން ކުރާ ކޮމިޓީ.
ކޮންމެ ކަމަކާ ގުޅޭ ގޮތުން ވެސް މި ސަރުކާރުން ކޮމިޓީތައް އުފައްދާތީ އެކި ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.