28 ޖެނުއަރީ 2019 - 10:56

ބިޑް ކުރުމަކާ ނުލައި، ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލެއް އެކުލަވާލައިފި އެވެ.
މި އުސޫލުގެ މައިގަނޑު މަގްސަދަކީ ބޭރު ގައުމެއްގެ އެހީގައި ހިންގާ ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫއުތަކާއި ސަރުކާރުން ހިންގަން ކަނޑައަޅާ މަޝްރޫއެއް ހިންގުމުގައި ބިޑު ކުރުމަކާ ނުލާ، ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ރައީސް ކަނޑައަޅުއްވާ ފަރާތަކާ ހަވާލުކޮށްގެން އެ މަޝްރޫއެއް ހިންގުމެވެ.
މަޝްރޫއު ހަވާލުކުރެވޭ ފަރާތްތަކަކީ މާލީގޮތުންނާއި ފަންނީގޮތުން އެ މަޝްރޫއެއް ހިންގުމަށް އެކަށީގެންވާ ފަރާތެއްކަން ކަށަވަރު ކުރެވެން ޖެހޭނެ ކަމަށް ވެސް މި އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.
އެކަމަކު، އިއުލާނުކޮށްފައިވާ ނުވަތަ އިއުލާނުކުރުމަށް ރާވައިފައިވާ، އަދި އިއުލާނުކޮށްގެން މަސައްކަތްކުރާނެ ފަރާތެއް ހޯދުމުގެ އެއްވެސް މަރުހަލާއެއް ފަށައިފައިވާ މަޝްރޫއަކާ ގުޅޭ ޕްރޮޕޯސަލެއް މި އުސޫލުގެ ދަށުން ބަލައެއްނުގަންނާނެ އެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން އެ ޕްރޮޕޯސަލުގައި ހިމެނޭ ކަންތައްތަކާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކުރެވިދާނެ އެވެ.
މި އުސޫލުގެ ދަށުން ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ މަސްއޫލިއްޔަތާއި ޒިންމާގެ އިތުރުން ޕްރޮޕޯސަލް ހުށަހެޅުމުގައި ފުރިހަމަ ކުރަންޖެހޭ ކަންކަން ވެސް ބަޔާންކޮށްފައިވެ އެވެ.
ބިޑު ކުރުމަކާ ނުލާ މަޝްރޫއުތައް ހިންގުމަށް އުސޫލެއް އެކުލަވާލާފައިވާ އިރު އާ ސަރުކާރު ވެރިކަމާ ހަވާލުވެ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ ބިޑަކާ ނުލާ ރަށްތަކާއި ފަޅުތައް އަދި ބިންތައް ދޫކުރެވޭ ގޮތަށް އޮންނަ އުސޫލަށް އަމަލުކުރުން މަޑުޖައްސާލައިފަ އެވެ.
ޓޫރިޒަމް ގާނޫނަށް ބަދަލު ގެނެސް، ބިޑަކާ ނުލާ ރަށްތައް ތަރައްގީ ކުރުމަށް ނިންމާފައިވަނީ 2016 ވަނަ އަހަރުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުންނެވެ. އޭރު ސަރުކާރުން ބޭނުންވެގެން ޓޫރިޒަމް ގާނޫނު ބަދަލު ގެނައުމުން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ.