ރޯހިތު ޝެޓީގެ ފިލްމަކުން ސަލްމާން ހާން ވެސް ފެންނާނެ
ރޯހިތު ޝެޓީގެ ފިލްމަކުން ސަލްމާން ހާން ވެސް ފެންނާނެ

ގާތް އެކުވެރިޔާ އަޖޭ ދޭވްގަންއާ އެކު ފިލްމު ހަދަމުން ދިޔަ ޑައިރެކްޓަރު ރޯހިތު ޝެޓީ، މަޝްހޫރު އެހެން އެކްޓަރުންނާ އެކު ވެސް މަސައްކަތް ކުރަން ފަށާފައިވާ އިރު، ދެން މާ ލަހެއް ނުވެ އޭނާގެ ފިލްމަކުން ސަލްމާން ހާން ވެސް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރޯހިތު ޝެޓީގެ ފިލްމަކުން ސަލްމާން ހާން ވެސް ފެންނާނެ
ރޯހިތު ޝެޓީގެ ފިލްމަކުން ސަލްމާން ހާން ވެސް ފެންނާނެ

ބޮލީވުޑް ލައިފުން ބުނި ގޮތުގައި އަކްޝޭ ކުމާރާ އެކު މިހާރު "ސޫރިޔާވަންޝީ" ކިޔާ ފިލްމެއް ހެދުމުގެ މަސައްކަތް ފަށަން ރޯހިތު ތައްޔާރުވަމުން އަންނަ އިރު، ސަލްމާން ލީޑް ރޯލް ކުޅޭ ފިލްމުގެ މަސައްކަތް ފަށާނީއެ ފިލްމަށް ފަހު އެވެ. އަދި މި ފިލްމު ވެސް ވެގެން ދާނީ ފުލުހެއްގެ ވާހަކަ ކިޔައިދޭ ވަރަށް ވެސް ވަރުގަދަ އެކްޝަން ފިލްމަކަށް ކަމަށް މީޑިއާތަކުން ބުންޏެވެ.

މުމްބާއީ މިރާ އިން ބުނި ގޮތުގައި ސަލްމާނާ އެކު، ރޯހިތު ހަދާ ފިލްމު ރިލީޒް ކުރާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ކްރިސްމަސްގަ އެވެ.

ސަލްމާނާ އެކު އަލަށް ރޯހިތު ފިލްމެއް ޕްލޭން ކުރަމުން ދިޔަ ނަމަވެސް، އޭނާ މީގެ ކުރިން ވެސް ވަނީ ސަލްމާން ޑައިރެކްޓްކޮށްފަ އެވެ. އެއީ 2014 ގައި ކަލާޒް އިން ގެނެސް ދިން ރިއަލިޓީ ޝޯ "ބިގް ބޮސް" ޕްރޮމޯޝަނަލް ވީޑިއޯގަ އެވެ.

އަންނަ ފިތުރު އީދުގައި ރިލީޒް ކުރާ "ބާރަތު" ގެ މަސައްކަތް ސަލްމާން މި ވަގުތު ކުރަމުން އަންނަ އިރު، އެޕްރީލް މަހުގެ ތެރޭގައި "ދަބަންގް 3" ގެ ޝޫޓިން ވެސް ފަށާނެ އެވެ. އަދި އޭނާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ސާޖިދު ނަދިއަދްވާލާ 2014 ގައި ޑައިރެކްޓް ކުރި "ކިކް" ގެ ދެވަނަ ބައި ވެސް ހިމެނެ އެވެ. ބެލެވޭ ގޮތުން އެއީ ވެސް އަންނަ އަހަރު ރިލީޒް ވާނެ ފިލްމެކެވެ.

މިދިޔަ އަހަރު ރަންވީރު ސިންގްއާ އެކު "ސިމްބާ" ގެނެސް ދިން ރޯހިތުގެ "ސޫރިޔާވަންޝީ" މި އަހަރު ޑިސެމްބަރުގައި ސިނަމާތަކަށް ގެންނާނެ ކަމަށްވެ އެވެ.