ވަރުން ދަވަންގެ ކައިވެނި ނޮވެމްބަރު މަހު
ވަރުން ދަވަންގެ ކައިވެނި ނޮވެމްބަރު މަހު

މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރަކީ ވެސް ބޮލީވުޑުން ބޮޑެތި ކައިވެނިތަކެއް ފެންނާނެ އަހަރެއް ކަމަށް ބެލެވެ އެވެ. އެގޮތުން އަރުޖުން ކަޕޫރާއި މަލައިކާ އަރޯރާ ހާނާއި ފަރްހާން އަހްތަރާއި ޝިބާނީ ޑަންޑޭކަރް ފަދަ ތަރިންގެ ކައިވެނި އަހަރުގެ ކުރީ ކޮޅުގައި ފެނިދާނެ ދާނެ ކަމަށް ބެލެވެ އެވެ.

ރިޕޯޓްތައް މިހާރު ބުނާ ގޮތުން، ޒުވާން އެކްޓަރު ވަރުން ދަވަން ވެސް މިހާރު ވަނީ ކައިވެންޏަށް ތައްޔާރު ވާން ފަށައިފަ އެވެ.

މުމްބާއީ މިރާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ވަރުން، 31، އާއި އޭނާގެ ޒަމާންވީ ލޯބީވެރިޔާ ނަތާޝާ ދަލާލު، 30، ކައިވެނި ކުރާނީ އަންނަ ނޮވެމްބަރު މަހުގެ ފަހުކޮޅު އެވެ. ވަރުން މިހާރު އަންނަނީ ނޮވެމްބަރު 8 ގައި ރިލީޒްކުރާ ރެމޯ ޑި ސޫޒާގެ ޑާންސް ފިލްމުގެ މަސައްކަތް ޕަންޖާބްގައި ކުރަމުންނެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި ވަރުން އާއި ނަތާޝާގެ ކައިވެންޏަށް ދެ ފަރާތުގެ އާއިލާގެ ފަރާތުން މިހާރު ވެސް ވަނީ ތައްޔާރު ވާން ފަށައިފަ އެވެ. އެހެންވެ މި އަހަރު ފެންނާނެ އެންމެ ކުލަގަދަ އަދި އެންމެ ފޯރި ގަދަ އެއް ކައިވެނީގެ ހަފުލާއަކަށް ވާނީ ވަރުންގެ ކައިވެނި ކަމަށް ބެލެވެ އެވެ.

އަނެއްކޮޅުން މިއީ ޒުވާން އެތައް އަންހެން ކުދިންނެއްގެ ހިތްތައް ވެސް ހަލާކުވެގެން ދާނެ ކަމަކަށް ވާނެ އެވެ. ވަރުންއަކީ ބޮލީވުޑްގެ ޒުވާން އެކްޓަރުންގެ ތެރެއިން ޒުވާން ފޭންބޭސް އެންމެ ބޮޑު އަދި އަންހެން ފޭނުން އެ ތަރިއަކާ ހެދ މޮޔަވާ އެކްޓަރެކެވެ. އެކަމަކު 2012 ގައި ފިލްމު "ސްޓޫޑަންޓް އޮފް ދި އިޔާ" އިން އޭނާ ބޮލީވުޑަށް ނުކުތް އިރު ވެސް އުޅެނީ ނަތާޝާއާ ރައްޓެހިވެގެންނެވެ.

ފިލްމީ ދާއިރާއާ ދުރުގައި އުޅޭ އެކަމަކު އެކި ހަފުލާތަކުން ވަރުންއާ އެކު އާންމުކޮށް ބައިވެރިވާ ނަތާޝާ އާއި ވަރުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އުފެދުނީ ދެ މީހުން ކިޔަވަން އުޅުނު ދުވަސްވަރު އެވެ. ވަރުން އާއި ނަތާޝާއަކީ ފާހަގަ ކުރެވެނީ މި ފަހަކަށް އައިސް އެކީގައި ވަރަށް ގިނައިން ޗުއްޓީތަކަށް ވެސް ދާ ދެ މީހުންގެ ގޮތުގަ އެވެ.

ވަރުންގެ ކައިވެންޏަށް މިހާރު އެތައް ބަޔަކު އިންތިޒާރު ކުރަން ފަށާފައިވާ އިރު، އޭނާ މި އަހަރު ފެނިގެން ދާނެ ފުރަތަމަ ފިލްމަކީ އެޕްރީލް 19 ގައި ރިލީޒް ކުރާ ތާހީރީ ލޯބީގެ ފިލްމު "ކަލަންކް" އެވެ.