ވެމްކޯ އާއި ޕޮލިސް ސެމީ އަށް
ވެމްކޯ އާއި ޕޮލިސް ސެމީ އަށް

މިހާރު ކުރިއަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ދެ ވަނަ ބުރުގައި އިއްޔެ ކުޅުނު މެޗުތަކުން މޮޅުވެ ކްލަބް ވެމްކޯ އާއި ޕޮލިސް ކްލަބް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ހަތަރު ޓީމުގެ މެދުގައި ކުޅޭ ދެ ވަނަ ބުރުގައި ކޮންމެ ޓީމެއް މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު އެއް ވަނައިގައި ހަ ޕޮއިންޓާ އެކު އޮތީ ވެމްކޯ އެވެ. ދެ ވަަނައިގައި އޮތް ޕޮލިހަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ލޮރެންޒޯ ސްޕޯޓްސް ކްލަބްގެ އެއް ޕޮއިންޓް އޮތްއިރު، އެންމެ ފުލުގައި އޮތް އަލްމާ ސްޕޯޓްސް ކްލަބަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި އިއްޔެ ހަވީރު އަލްމާއާ ދެކޮޅަށް ކުޅުނު މެޗުން ވެމްކޯ މޮޅުވީ ސީދާ ތިން ސެޓުންނެވެ. ވެމްކޯ އިން މި މެޗުގެ ސެޓުތައް ގެންދިޔައީ 25-19، 25-22 އަދި 25-18 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ސެޓަރު ފާތިމަތު މަޒިއްޔާ އެވެ.

މުބާރާތުގައި ރޭ ކުޅުނު މެޗުން ފޯރިގަދަ ކުޅުމަކަށް ފަހު ލޮރެންޒޯގެ މައްޗަށް އެންމެ ފަހުގެ ގައުމީ ޗެމްޕިއަން ޕޮލިހުން ކުރިހޯދީ 3-2 ސެޓުންނެވެ. ރޭގެ މެޗުގެ ފުރަތަމަ ސެޓު 25-13 އިން ޕޮލިހުން ގެންގޮސްފައިވަނިކޮށް ލޮރެންޒޯ އިން ވަނީ ދެން ކުޅުނު ދެ ސެޓު ގެންގޮސްފަ އެވެ. އެ ޓީމުން މި ދެ ސެޓު ގެންދިޔައީ 17-25، 21-25 އިންނެވެ. ޕޮލިހުން ވަނީ ދެން ކުޅުނު ދެ ސެޓުގައި ހިތްވަރުގަދަ ކުޅުމެއް ދައްކައި މެޗު ކާމިޔާބުކޮށްފަ އެވެ.

ރޭގެ މެޗުން ޕޮލިސް މޮޅުވުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ހައްވާ ރާޝިދާ އެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި އަލްމާ ބައްދަލުކުރާނީ ލޮރެންޒޯއާ އެވެ. ޕްރިލިމިނަރީ ބުރުގައި މި ދެ ޓީމު ކުޅުނު މެޗުން ލޮރެންޒޯ ވަނީ މޮޅުވެފަ އެވެ. މިއަދުގެ މެޗު ހާއްސަ ވަނީ މި މެޗުން މޮޅުވާ ޓީމަކަށް ސެމީގެ ފަހު ޖާގަ ލިބޭނެތީ އެވެ. މުބާރާތުގައި މިރޭ ދެ ވަނަ ބުރުގެ ފަހު މެޗުގައި ވެމްކޯ ކުޅޭނީ ޕޮލިހާ އެވެ. މި މެޗުން މި ބުރުގެ އެއް ވަނަ ޓީމު ކަނޑައެޅޭނެ އެވެ.