އާމިރު ހާންގެ އަތުގައި 4 ސްކްރިޕްޓެއް، ދެން ކުޅޭނެ ފިލްމެއް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާނެ
އާމިރު ހާންގެ އަތުގައި 4 ސްކްރިޕްޓެއް، ދެން ކުޅޭނެ ފިލްމެއް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާނެ

ހަތަރު ސްކްރިޕްޓެއް މިހާރު ކިޔަމުން އަންނަ ކަމަށާއި ދެން ކުޅޭނެ ފިލްމެއް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާނާނެ ކަމަށް އާމިރު ހާން ބުނެފި އެވެ.

މިދިޔަ އަހަރު "ތަގްސް އޮފް ހިންދުސްތާން" އިން ކެރިއަރުގެ އެންމެ ބޮޑު އަދި އެންމެ ލަދުވެތި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު 53 އަހަރުގެ އެކްޓަރު ބުނި ގޮތުގައި މިހާރު ކިޔަމުން އަންނަ ހަތަރު ސްކްޕްރިޕްޓް ވެސް ވަަރަށް ޝައުގުވެރި އެވެ.

"އެހެންވީމާ، އޭގެ ތެރެއިން އެއްބަސްވާނީ ކޯޗަކަށްތޯ ނިންމާފައި މަހެއްހާ ދުވަހުގެ ތެރޭގައި އިއުލާން ކުރާނަން،" ތަފުސީލަކަށް ނުގޮސް އާމިރު ބުންޏެވެ. "ހަތަރު ސްކްރިޕް ވެސް ވަރަށް ފުރިހަމަ. އެހެންވީމާ ވަރަށް އުނދަގޫ ފައްތަރެއްގައި މިހިރީ އޭގެ ތެރެއިން ކޯޗެއްތޯ ނަގާނީ."

އާންމުކޮށް އަހަރަކު ފިލްމެއްގައި މަސައްކަތްކުރާ އަދި ބޮލީވުޑްގެ އެންމެ މޮޅު އެކްޓަރުންގެ ތެރޭގައި ހިމެނޭ އާމިރު ބުނި ގޮތުގައި އޭނާ ދެން ކުޅޭ ފިލްމަށް ތައްޔާރުވުމުގެ ގޮތުން ހާއްސަ ޑައިޓެއް ވެސް ފޮލޯކުރަން ފަށާނެ އެވެ.

"މިހާރު ތަންކޮޅެއް ފަލަވެލާފައި މިހުރީ ވެސް. ހާއްސަ ޑައިޓެއްގ މަހެއްހާ ދުވަހުގެ ތެރޭގައި ފޮލޯ ކުރަން ފަށައި ހަށިގަނޑު ލީން ކުރަން މަސައްކަތް ފަށާނަން،" އޭނާ ބުންޏެވެ. "އައު ފިލްމުގެ ޕްރޮޑިއުސަރެއްގެ ޒިންމާ ވެސް އަހަރެން ނަގާނަން."

ހަތަރު ސްކްރިޕްޓެއް ކިޔަމުން އަންނަ ވާހަކަ އާމިރު ބުނެފައިވާ އިރު، ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ 2008 ގައި ކުޅުނު ފިލްމު "ގަޖިނީ" ގެ ދެވަނަ ބައެއް ހަދަން ނިންމައި، އޭގެ ޕްރޮޑިއުސަރުން ވަނީ ފިލްމު ރަޖިސްޓްރީ ވެސްކޮށްފަ އެވެ.

އެހެންވެ ފަހަރުގައި އާމިރު ދެން ކުޅޭ ފިލްމަކީ "ގަޖިނީ" ގެ ދެވަނަ ބަޔަށް ވެސް ވެދާނެ އެވެ. އަދި ބައެއް މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ދެން ކުޅޭނެ ކަމަށް ބެލެވޭ ފިލްމަކީ ހޮލީވުޑްގެ ފިލްމު "ފޮރެސްޓް ގަމްޕް" ގެ ރިމެކެވެ.

"ތަގްސް އޮފް ހިންދުސްތާން" އަށް ފަހު، އާމިރު ކުޅޭނެ ކަމަށް ކުރިން ބެލެވިފައި އޮތީ ޓީ ސީރީޒްގެ ބާނީ ގުލްޝަން ކުމާރުގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާ "މޯގުލް" އެވެ.

އޭނާ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާން ނިންމި އެ ފިލްމުގެ ޑައިރެކްޓަރު ސުބާޝް ކަޕޫރަށް ޖިންސީ ގޯނާގެ ތުހުމަތު ކުރުމުން، އާމިރު ވަނީ އެ ފިލްމުގައި ހިއްސާ ނުވާން ނިންމައިފަ އެވެ.

ބޮޑު ބަޖެޓަކުން ހަދައި މިދިޔަ ނޮވެމްބަރު މަހު ރިލީޒް ކުރި "ތަގްސް އޮފް ހިންދުސްތާން" އަކީ މި ފަހުން އާމިރު ކުޅުނު ފިލްމެއް ފްލޮޕްވި ފުރަތަމަ ފަހަރެވެ. އެ ފިލްމަށް ލިބުނު ފިނި ތަރުހީބާ ގުޅިގެން އޭނާ ވަނީ އޭގެ ނާކާމިޔާބީ އަމިއްލަ އަށް ނަގާ ކަމަށް ވެސް ބުނެފަ އެވެ.