މާޒިޔާ ދޫކޮށް އީސަ ޓީސީ އަށް ސޮއިކޮށްފި
މާޒިޔާ ދޫކޮށް އީސަ ޓީސީ އަށް ސޮއިކޮށްފި

މިދިޔަ ސީޒަނުގައި މާޒިޔާ އަށް ކުޅުނު މިޑްފީލްޑަރު އިސްމާއިލް އީސަ (މެސީ) އެންމެ ފަހުގެ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބަށް ސޮއިކޮށްފި އެވެ.

އީސަ ޓީސީ އަށް ބަދަލުވިކަން އެ ކްލަބުން ވަނީ ކަށަވަރުކޮށްދީފަ އެވެ. މިއީ ޓީސީން މި ސީޒަނަށް ޓީމު ވަރުގަދަކުރިއިރު ގެނައި ދެ ވަނަ ކުޅުންތެރިއާ އެވެ. މީގެ ކުރިން އެ ޓީމަށް ސޮއިކުރީ ޔުނައިޓެޑް ވިކްޓަރީ އަށް މިދިޔަ އަހަރު ކުޅުނު އަބްދުލް ވާހިދު (ވާޑު) އެވެ.

މި ދެ ކުޅުންތެރިން ވެސް ޓީސީ އަށް ބަދަލުވެފައިވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއް ދަށުންނެވެ. އެއީ އެފްއޭއެމުން އަލަށް އެކުލަވާލި ގަވާއިދުގެ ދަށުން މި އަހަރުން ފެށިގެން ކުޅުންތެރިންގެ ކޮންޓްރެކްޓް ރަޖިސްޓްރީ ކޮށްދޭނީ ތިން އަހަރަށް ކަމަށް ވުމުންނެވެ.

ވިކްޓަރީން ކެރިއަރު ފެށި އީސަ ވަނީ އޭގެ ފަހުން ވީބީ އައްޑޫ އެފްސީ އާއި ނިއު ރޭޑިއަންޓާއި އަދި އީގަލްސް އަށް ކުޅެފަ އެވެެ. އީގަލްސް ކެޕްޓަން ބޭންޑް އަޅައިގެން މޮޅު ކުޅުމެއް ދެއްކި އީސަ 2016 ވަނަ އަހަރު ފެނުނީ މާޒިޔާ އިންނެވެ. އެހެން ނަމަވެސް މުޅި އަހަރަށް ބަލާއިރު އީސަ އަށް މާ ގިނަ މެޗުތަކުން މާޒިޔާ ފުރަތަމަ އެގާރައިން ފުރުސަތު ނުލިބޭތީ 2017 ވަނަ އަހަރު އަލުން ވިކްޓަރީ އަށް ބަަދަލުވި އެވެ. އަލުން މާޒިޔާއާ ގުޅުނީ ވިކްޓަރީ އަށް 2017 ވަނަ އަހަރުގެ ޕްރިމިއާ ލީގުން ފުރުސަތު ނުލިބުމުންނެވެ. އެއީ އޭނާ މާޒިޔާއާ ގުޅުނު ތިން ވަނަ ފަހަރެވެ.

ޓީސީން މި އަހަރުގެ ސީޒަނަށް ޓީމު ވަރުގަދަކުރާއިރު، އެ ޓީމަށް ވަނީ އާ ކޯޗެއް ވެސް ގެންނަން ޖެހިފަ އެވެ. އެ ޓީމުގެ ކޯޗަކަށް މިދިޔަ އަހަރުތަކުގައި ހުރި މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ އެ ޓީމާ ވަކިވެފަ އެވެ. ޓީސީ ދޫކޮށްލުމަށް ފަހު ނިޒާމްބެ ބުނީ ކްލަބާ އޭނާއާ ދެމެދު ދިޔަ މަޝްވަރާތަކަށް ފަހު އެއްބަސްވުމަކަށް ނާދެވުމުން ވަކިވާން ނިންމީ ކަމަށެވެ.