28 ޖެނުއަރީ 2019 - 10:30

މެލްބަން، އޮސްޓްރޭލިއާ (ޖެނުއަރީ 28) - އޮސްޓްރޭލިއަން އޯޕަން ފިރިހެން ސިންގަލްސް ފައިނަލުގައި ރަފައެލް ނަޑާލް ބަލިކޮށް ރެކޯޑް އަދަދެއް ކަމަށްވާ ހަތް ވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލުމަށް ފަހު ހާއްސަ އަމާޒެއް އެބައޮތް ކަމަށް ނޮވަކް ޖޮކޮވިޗް ބުނެފި އެވެ.
އެންމެ ސެޓެއް ވެސް ނުގެއްލި ފައިނަލުން ފުރުސަތު ހޯދި ނަޑާލާ ދެކޮޅަށް ޖޮކޮވިޗް އިއްޔެގެ ފައިނަލުގައި ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އުމުރުން 32 އަހަރުގެ ނަޑާލަށް އިއްޔެގެ މެޗުގައި ގިނަ ގޯސްތަކެއް ހެދިގެންދިޔައިރު، ދުނިޔޭގެ އެއް ވަނައިގައި އޮތް ޖޮކޮވިޗް ދިޔައީ އޭގެ ފައިދާ ނަގަމުންނެވެ. ޖޮކޮވިޗް ސެޓުތައް ގެންދިޔައީ 6-3 6-2 6-3 އިންނެވެ.
މިއީ ފައިނަލެއްގައި ނަޑާލް އަތުން ޖޮކޮވިޗަށް ލިބުނު އެންމެ ބޮޑު މޮޅެވެ. މި ފަހަރުގެ ތަށި އުފުލާލި ޖޮކޮވިޗަކީ މިހާރު މި މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިއާ އެވެ. ޖޮކޮވިޗް މި މުބާރާތް ހަތް ފަހަރު ކާމިޔާބުކުރިއިރު، ދެ ވަނައިގައި އޮތް ރޮޖާ ފެޑެރާ އާއި ރޯއީ އެމަސަން އަށް ހަމަކުރެވުނީ ހަ ތަށްޓެވެ.
މި ވަގުތުގެ ޓެނިސް އޯޕަން އިރާގެ ގްރޭންޑް ސްލޭމް ކާމިޔާބީތަކަށް ބަލާއިރު 20 ތަށި ހޯދައި އެންމެ ކުރީގައި އޮތީ ފެޑެރާ އެވެ. ދެ ވަނައިގައި އޮތް ނަޑާލަށް 17 ތަށި ލިބިފައިވާއިރު، ތިން ވަނައިގައި ޖޮކޮވިޗް އޮތީ 15 ތަށި ހޯދައިގެންނެވެ.
"އަހަރެން ލޯބިވާ ކުޅިވަރުން ތާރީހުގެ ތެރެއިން ޖާގަ ހޯދުމަކީ އަހަރެންނަށް ލިބޭނެ ހާއްސަ އުފަލެއް. އަހަރެން ބޭނުންވަނީ ގްރޭންޑް ސްލޭމް އާއި އޭޓީޕީ ޓެނިސް އިވެންޓުތަކުގައި ތަފާތު ދައްކަން. އަހަންނަށް ނޭނގެ ކިތަން ސީޒަނުގައި ކަމެއް ދެން އެންމެ މަތީގައި ކުޅެވޭނީ. އެކަމަކު ހާސިލްކުރަން އޮތް ކަންތައްތަކަށް ބަލާއިރު އަހަންނަށް ލިބެނީ ހިތްވަރު،" އުމުރުން 31 އަހަރުގެ ޖޮކޮވިޗް ބުންޏެވެ.
މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަން އަކީ ޖޮކޮވިޗް ޖެހިޖެހިގެން ހޯދި ތިން ވަނަ ގްރޭންޑް ސްލޭމް މުބާރާތެވެ. މިދިޔަ އަހަރުގެ އެންމެ ފަހު ދެ ގްރޭންޑް ސްލޭމް ކަމަށްވާ ވިމްބަލްޑަން އާއި ޔޫއެސް އޯޕަން ކާމިޔާބުކުރީ ވެސް ޖޮކޮވިޗެވެ. އޭނާ ބުނީ ރެކޯޑްތަކާ ހަމަކުރާނަމަ އެންމެ އިސްކަމެއްދޭންވީ ކްލޭ ކޯޓުގައި ކުޅޭ މުބާރާތްތަކުގެ ނަތީޖާ ރަނގަޅު ކުރުމަށް ކަމަށެވެ.
އަންހެން ސިންގަލްސް ބައިން ޖަޕާނުގެ ނައޯމީ އޮސާކާ މި ފަހަރުގެ މުބާރާތް ކާމިޔާބުކޮށް ޖެހިޖެހިގެން ދެ ގްރޭންޑް ސްލޭމް މުބާރާތުގައި ހޯދި ކާމިޔާބީއާ އެކު ވަނީ ރޭންކިންގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ.