ޝަރުއީ ދާއިރާއަށް ބަދަލު ގެނައުމުގެ ސިޔާސަތު އެމްޑީޕީން ހެދީ ވަކި ބަޔަކަށް އަމާޒު ކޮށްގެނެއް ނޫން: ނަޝީދު
ޝަރުއީ ދާއިރާއަށް ބަދަލު ގެނައުމުގެ ސިޔާސަތު އެމްޑީޕީން ހެދީ ވަކި ބަޔަކަށް އަމާޒު ކޮށްގެނެއް ނޫން: ނަޝީދު

ޝަރުއީ ދާއިރާއަށް އިސްލާހު ގެނައުމަށް އެމްޑީޕީން ހުށަހެޅި ސިޔާސަތަކީ ވަކި ބަޔަކަށް އަމާޒު ކޮށްގެން ހެދި ސިޔާސަތެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އަންނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ގުޅިގެން އެމްޑީޕީން އެކުލަވާލި ސިޔާސަތުގައި ސުޕްރީމް ކޯޓުގެ ބައެއް ބާރުތައް ހަނިކޮށް، ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވެސް ބަދަލުތަކެއް ގެންނަން ހުށަހަޅާފައިވެ އެވެ.

ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައިވަނީ އެމްޑީޕީގެ ސިޔާސަތު އެކުލަވާލީ ވަކި ފަނޑިޔާރަކަށް އަމާޒު ކޮށްގެން ނޫން ކަމަށާއި އެ ސިޔާސަތު އެކުލަވާލީ ވޭތުވެދިޔަ 10 އަހަރު ތަޖްރިބާއަށް ބެލުމަށް ފަހު އިހްލާސްތެރިކަމާ އެކު ކަމަށް ނަޝީދުގެ ޓްވީޓްގައިވެ އެވެ. އަދި އެކަމުގައި ހުރިހާ ފަނޑިޔާރުންނާއި ވަކީލުންގެ އެހީތެރިވުމަށް އެދިވަޑައިގަންނަވާ ކަމަށް އެ ޓްވީޓްގައިވެ އެވެ.

ނަޝީދު އެގޮތަށް ވިދާޅުވިއިރު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވަނީ އެ ސިޔާސަތަށް ފާޑު ވިދާޅުވެފަ އެވެ. ޖަމީލް ވިދާޅުވެފައިވަނީ އެ ސިޔާސަތު އޮތީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށާއި ވަކިވަކި ފަރާތްތަކަށް އަމާޒު ކޮށްގެން ގާނޫނުތައް ހެދުން ހުއްޓާލަން ޖެހޭ ކަމަށެވެ.