27 ޖެނުއަރީ 2019 - 16:35

ވޮޝިންޓަން (ޖެނުއަރީ 27) - ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ މަގާމުން ދުރުކުރުމުގެ މަސައްކަތް ފަށާފައި ވަނިކޮށް އެ ގައުމުން އެމެރިކާ އަށް ކަނޑައަޅާފައި ހުންނަ އަސްކަރީ މަންދޫބު ހޯސޭ ލުއިސް ސިލްވާ ފިއްލަވައިފި އެވެ.
ލުއިސް ސިލްވާ ވިދާޅުވީ ވެނެޒުއެލާގެ ރައީސްގެ ގޮތުގައި އޭނާ ބަލައިގަންނާނީ އިދިކޮޅު ލީޑަރު ހުއާން ގުއައިޑޯ ކަމަށެވެ. ވެނެޒުއެލާގެ ވަގުތީ ރައީސްއަކީ އޭނާ ކަމަށް ހުއާން ވަނީ ބުދަ ދުވަހު އިއުލާން ކުރައްވައިފަ އެވެ. އަދި އޭނާ އަށް ދަނީ ގިނަ ގައުމުތަކުން ތާއީދު ކުރަމުންނެވެ.
ވޮޝިންޓަނުގައި ހުންނަ ވެނެޒުއެލާގެ އެމްބަސީގައި ދެއްވި ވީޑިއޯ އިންޓަވިއުއެއްގައި ސިލްވާ ވަނީ އާ އިންތިޚާބެއް ބޭއްވުމަށް ގޮވާލައްވައިފަ އެވެ. އަދި ވެނެޒުއެލާގެ އެންމެހައި ރައްޔިތުންގެ އިތުރުން ސިފައިން ވެސް އިދިކޮޅު ލީޑަރު ބަލައިގަތުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
ވެނެޒުއެލާގެ ޑިފެންސް މިނިސްޓްރީން ވަނީ ސިލްވާ އަކީ ބާޣީއެއް ކަމަށް ސިފަކޮށްފަ އެވެ.
ވެނެޒުއެލާގެ އެތައް ހާސް ބަޔަކު މަދޫރޯއާ ދެކޮޅަށް ނުކުތް ނަމަވެސް ސިފައިންގެ ތާއީދު އޭނާ އަށް އެބައޮތެވެ.
ޔޫރަޕުގެ ބޮޑެތި ގައުމުތަކުން މިހާރު ވަނީ ކުރިއަށް އޮތް އަށް ދުވަސްތެރޭ އާ އިންތިޚާބެއް ބޭއްވުމަށް މަދޫރޯ އަށް މުހުލަތު ދީފަ އެވެ. ނޫން ނަމަ ވެނެޒުއެލާގެ ރައީސް އަކީ އިދިކޮޅު ލީޑަރު ކަމަށް ބަލައިގަންނާނެ ކަމަށް އެ ގައުމުތަކުން ވަނީ ބުނެފަ އެވެ.
އެކަމަކު ޔޫރަޕުގެ ބައެއް ގައުމުތަކުން ދިން މުހުލަތު ވެނެޒުއެލާ އިން ގަބޫލް ކޮށްފައެއް ނުވެ އެވެ. ނިއު ޔޯކުގައި ބޭއްވި ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި ވެނެޒުއެލާގެ ޚާރިޖީ ވަޒީރު ޖޯޖް އަރެއާޒާ ވިދާޅުވީ ވެނެޒުއެލާގައި އޮތީ ގާނޫނީ ސަރުކާރެއް ކަމަށާއި އާ އިންތިޚާބެއް ބޭއްވުމަށް އެއްވެސް ބަޔަކަށް ޕްރެޝަރު ނުކުރެވޭނެ ކަމަށެވެ.