ދެކުނު އޭޝިއާގެ ޖޫނިއާ އަންހެން ޓީޓީ ޗެމްޕިއަންކަން ރާއްޖޭގެ ދީމާ ހޯދައިފި
ދެކުނު އޭޝިއާގެ ޖޫނިއާ އަންހެން ޓީޓީ ޗެމްޕިއަންކަން ރާއްޖޭގެ ދީމާ ހޯދައިފި

ސައުތު އޭޝިއާ ހޯޕްސް ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދައި، ރާއްޖޭގެ އުމުރުން 11 އަހަރުގެ ފާތިމަތު ދީމާ އަލީ، ބައިނަލްއަގްވާމީ މުބާރާތެއްގައި ރާއްޖެ އަށް އެ ކުޅިވަރުން، އެއްވެސް ކެޓަގަރީއަކުން ފުރަތަމަ ފަހަރަށް ރަން މެޑެއްޔެއް ހޯދައިދީފި އެވެ.

އިންޑިއާގެ ހަރްޔާނާގައި މިއަދު ނިމުނު މުބާރާތުގެ އަންހެން ބައިގެ ތަށި ދީމާ ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. މި މުބާރާތަކީ ދެކުނު އޭޝިއާގެ 12 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަނުން ބާއްވާ މުބާރާތެކެވެ.

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ސީނިއާ ޓީޓީ އަށް މިހާތަނަށް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބަކީ 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން މުއީނާ މުހައްމަދު ރިހި މެޑަލް ހޯދުމެވެ.

ޖޫނިއާ ޓީޓީގައި ރާއްޖެ މުޅިން އާ ހަރުފަތަކަށް މިއަދު އަރުވައިދިން ދީމާ ވަނީ މާލޭގައި މިދިޔަ އަހަރު ބޭއްވި ސައުތު އޭޝިއަން ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ 12 އަހަރުން ދަށުގެ ކެޓަގަރީން ރިހި މެޑަލް ހޯދައިފަ އެވެ. އަދި އޭނާ ހިމެނިގެން ރާއްޖޭގެ އަންހެން ޓީމުން ވަނީ ޖޫނިއާ ކެޓަގަރީންނާއި ކެޑޭޓް ކެޓަގަރީން ލޯ މެޑެޔެއް ވެސް ހޯދި އެވެ. އެހެންވެ މިއަދު މި ހޯދީ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ރޭންކިންގެ އެއް ވަނަ ކުޅުންތެރިޔާގެ ގޮތުގައި ޖޫނިއާ އަދި ސީނިއާ ގައުމީ ޓީމުން މިދިޔަ އަހަރު ޖާގަ ހޯދި ދީމާ ވަނީ ލަންކާގެ ޖޫނިއާ ނެޝަނަލް ޓޭބަލް ޓެނިސް މުބާރާތުގެ 10 އަހަރުން ދަށުގެ ޗެމްޕިއަންކަން 2017 ވަނަ އަހަރު ހޯދައިފަ އެވެ. މުޅި ލަންކާ އަށް ހުޅުވާލައިގެން ބޭއްވި މުބާރާތުގައި، ލަންކާގެ ހުރިހާ ސަރަހައްދަކުން ޖުމްލަ 208 ކުޅުންތެރިން ބައިވެރިވި 10 އަހަރުން ދަށުގެ ބައިގެ ޗެމްޕިއަންކަން ދީމާ ހޯދީ އޭނާ އަށް ވުރެ ދެ އަހަރު ދޮށީ ކުޅުންތެރިންނާ ވާދަކޮށްގެންނެވެ.

އޭނާ އެންމެ ފުރަތަމަ ވިދާލީ 2016 ވަނަ އަހަރު މެލޭޝިއާގެ ޓޭބަލް ޓެނިސް މުބާރާތެއްގައި ޗެމްޕިއަންކަން ހޯދުމުންނެވެ. ދުނިޔޭގެ ޓޭބަލް ޓެނިހުގެ ކުރީގައި އޮތް ގައުމެއް ކަމަށްވާ މެލޭޝިއާގެ ވަންސަ މަޖޫ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ 11 އަހަރުން ދަށުގެ ބައިން އޭނާ ރަން މެޑަލް ހޯދީ ކުޅުނު އަށް މެޗު ވެސް ކާމިޔާބުކޮށްގެންނެވެ. މި އަށް މެޗުގެ ތެރެއިން އެންމެ މެޗެއް ފިޔަވައި ހުރިހާ މެޗެއް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

ލަންކާގައި އުފަންވި ދީމާ އޭނާއާ އެކު އާއިލާއާ އެކު މިދިޔަ އަހަރާ ހަމަޔަށް ވެސް ދިރިއުޅެމުން އައީ ލަންކާގަ އެވެ. އޭނާ ލަންކާގައި ހޯދި ކާމިޔާބީތަކާ އެކު ލަންކާ ގައުމީ ޓީމަށް ކުޅެން ވެސް ދައުވަތު ދިނެވެ. އެކަމަކު އޭނާގެ މަންމަ އާއި ބައްޕަ ނިންމީ ރާއްޖެ އަށް ކުޅުވާށެވެ.

ބައިނަލްއަގްވަމީ މައިދާނުގައި ރާއްޖެ ތަމްސީލްކޮށް، އަދި ދީމާ އަކީ ރާއްޖޭގެ އެއް ވަނަ ކުޅުންތެރިޔާ އަށް ހެދުމަކީ ހުވަފެނެއް ކަމަށް ދީމާގެ މަންމަ ވަނީ "މިހާރު" ގެ ނޫސްވެރިން ގާތު ބުނެފަ އެވެ. އަދި ރާއްޖެ އައިސް މިދިޔަ އަހަރު ރާއްޖޭގެ ގައުމީ މުބާރާތުގައި ވާދަކުރުމާ އެކު ލަންކާގެ ޖޫނިއާ ގައުމީ މުބާރާތުގައި ކުޅުމުގެ ފުރުސަތު ގެއްލުނެވެ. އެހެންވިޔަސް އޭނާގެ އާއިލާ އިން ބޭނުންވީ ރާއްޖެ ތަމްސީލްކުރާށެވެ.