27 ޖެނުއަރީ 2019 - 15:00

ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ކުރިއަށް ނުގެންދަން ނިންމައި އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން އަނބުރާ ގެންގޮސްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް، ރިޔާޒަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުއްވި ސިޓީގައި ވިދާޅުވީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު، އިތުރު ބަޔަކާ ގުޅިގެން ވައްޓާލުމަށް މަޖިލީހުގެ މެމްބަރުންނަށާއި އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދީފައިވާ ކަމަށް ތުހުމަކުރެވުނު މައްސަލާގައިއުފުލި ޓެރަރިޒަމްގެ ދައުވާ އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށެވެ. އެހެންވެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ފުލުހަށް ފޮނުވާލާފައިވާ ކަމަށް ވިދާޅުވި އެވެ.
ރިޔާޒުގެ އިތުރުން، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ މައްސަލަ ވެސް ޕީޖީން ވަނީ ގެންގޮސްފަ އެވެ.
އެ ދެ ބޭފުޅުންނަށް ވެސް ދައުވާ އުފުލީ، އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް ފާސްކުރަން މެންބަރުންގެ ސޮއި ހޯދުމާއި ސުޕްރީމް ކޯޓުން ނެރުނު މިދިޔަ އަހަރުގެ ފެބްރުއަރީ 1 ގައި ނެރުނު ބޮޑު އަމުރުގެ މައްސަލައިގަ އެވެ.