ސަސްޕެންޑް ކުރަނީ އިހުމާލުވާ މުވައްޒަފުން: ފެނަކަ
ސަސްޕެންޑް ކުރަނީ އިހުމާލުވާ މުވައްޒަފުން: ފެނަކަ

ރާއްޖޭގެ ގިނަ ރަށްތަކަކަށް ކަރަންޓްގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަންގެ ވަޒީފާއިން ސަސްޕެންޑް ކުރަމުންދާ މުވައްޒަފުންނަކީ މަސައްކަތަށް އިހުމާލުވާ މީހުން ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސިޔާސީ ބޭނުމަށް ގިނަ އަދަދެއްގެ މުވައްޒަފުން ގެންގުޅުނު ކަމަށް ތުހުމަތު ކުރާ ފެނަކައިގެ ގިނަ މުވައްޒަފުންތަކެއް މިހާރުގެ މެނޭޖްމަންޓުން ސަސްޕެންޑް ކުރާ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ.

އެ ވާހަކަތަކާ ގުޅިގެން ފެނަކައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ގިނަ މުވައްޒަފުންތަކެއް ސަސްޕެންޑް ކުރެވިފައިވާ ނަމަ އެކަން ކުރީ މަސައްކަތަށް އިހުމާލުވެ ކުންފުންޏަށާއި ހިދުމަތަށް ބުރޫއަރާގޮތަށް އަމަލު ކޮށްފައިވާތީ ކަމަށެވެ.

"[ސަސްޕެންޑް ކުރަނީ] މަތިކުރެވިފައިވާ ޒިންމާތައް އަދާ ކުރުމުގައި ފަރުވާކުޑަވުމާއި ކުންފުނީގެ މުދަލާއި ފައިސާ އަށް އިހުމާލުވަމުން ދިއުމާއި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުން ނަހަމަ ގޮތުގައި ބޭނުން ކުރަމުން ދާކަން ފާހަގަ ކުރެވިފައިވާތީ،" ބަޔާނުގައި ބުނެފައިވެ އެވެ.

އެ ކުންފުންޏަކީ މުވައްޒަފުންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ކުރާ ކުންފުންޏެއް ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ޔާމީންގެ ސަރުކާރަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވޭއިރު ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް އެފަދަ ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށް ބުނެ އެވެ. ރަށްރަށާއި މާލޭގައި ވެސް އެ ކުންފުނީގެ ވެރިންގެ ގޮތުގައި ހަމަޖައްސާފައި ތިބީ އެ ސަރުކާރަށް ތާއީދުކުރާ މީހުން ކަމަށް ވެސް ބުނެ އެވެ.