27 ޖެނުއަރީ 2019 - 18:18

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންނަށް ދިރިއުޅުމުގެ ތަފާތު ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

އެ ސްކޫލުގެ ޕްރިންސިޕަލް ތޯހާ ސަލީމް ވިދާޅުވީ ވަޑާމާއި ކަރަންޓުގެ ސާމާނުގެ އިތުރުން ކެއްކުމާއި ފަހަން ދަސްކޮށްދިނުމުގެ ލައިފް ސްކިލް ކްލާސްތައް ގްރޭޑް ތިނަކަށް ފަށާފައިވާ ކަމަށެވެ. އިތުރު ގްރޭޑުތަކުގައި އެ ކަންތައްތައް ކިޔަވައިދޭން ފަހުން ފަށާނެ ކަމަށް ވިދާޅުވި އެވެ.

ލައިފް ސްކިލް ފެށި ގްރޭޑު ތިނެއްގައި 90 އެއްހާ ދަރިވަރުން ކިޔަވަ އެވެ.
ތޯހާ ވިދާޅުވީ ސްކޫލުގެ 10 އަހަރު ނިމިގެންދާއިރު ދިރިއުޅުމުގެ ހުނަރަށް ދަރިވަރުން އެކަށީގެންވާ ގޮތުގައި ތައްޔާރުކުރެވިފައި ނުހުންނަ ކަމަށެވެ. އެހެންވެ ދާއިރާގެ ތަޖުރިބާކާރުންގެ އެހީއާއެކު އެ މަސައްކަތް ފެށީކަމަށް ވިދާޅުވި އެވެ. ޣިޔާސުއްދީނުގައި ލައިފް ސްކިލް ދަސްކޮށްދެނީ އިންޓަނޭޝަނަލް ކަރިކިއުލަމަށް ބައެއް ބަދަލުތައް ގެނެސްގެންނެވެ.
"ބޭސިކް އިން ފަށައިގެން ކުރިއަށް ގޮސް މޮޑިއުލެއް ނިމޭއިރު ދަރިވަރު ޝޯކޭސްކުރާނެ ދަސްވި އެއްޗެއް. މިސާލަކަށް ގޮނޑިއެއް ހަދަން ބޭނުންވާ ކުއްޖެއް، އަމިއްލައަށް ގޮނޑި ހަދާފައި އޭތި ދައްކާލާނެ،" ތޯހާ ވިދާޅުވި އެވެ.
ވަޑާމާއި ކަރަންޓާ ގުޅޭ މަސައްކަތްތައް ދަސްކޮށްދެނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އިންނެވެ. ކެއްކުމުގެ ހުނަރުތައް ދަސްކޮށްދެނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމުންނެވެ. އަދި ފަހަން ދަސްކޮށްދެނީ އެ މަސައްކަތުގެ ތަޖުރިބާކާރެކެވެ.
ޣިޔާސުއްދީނުން ނިންމާފައިވަނީ ދަށް ގްރޭޑުތަކުގައި އެ ތިން ހުނަރު އެއްކޮށް ކިޔަވައިދިން ކަމުގައި ވިއަސް ހަޔަކުން ފެށިގެން މަތީގެ ދަރިވަރުން ކޮންމެ ވެސް އެއް ކަމެއް އިހުތިޔާރުކުރާށެވެ.
ކޮންމެ މޮޑިއުލެއް ވެސް ކިޔަވައިދޭނީ ހަފުތާއަކު އެއް ގަޑިއިރެވެ. އެ ހުރިހާ މޮޑިއުލެއް ވެސް ދަރިވަރުން 12 ގަޑިއިރު ފުރިހަމަކުރަންޖެހެ އެވެ.