28 ޖެނުއަރީ 2019 - 07:36

ސޮނީ ޕިކްޗާޒް އިން ގެނެސް ދޭން ނިންމާފައިވާ ފެންޓަސީ ފިލްމު "ގޯސްޓްބަސްޓާޒް" ގެ ސީކްއެލްގެ ޑައިރެކްޓަޝަންގެ މީގެ އޮރިޖިނަލް ފިލްމު ޑައިރެކްޓް ކުރި އައިވަން ރެއިޓްމަންގެ ދަރިފުޅު ޖޭސަން ރެއިޓްމަންއާ ހަވާލުކޮށް، ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި އެވެ.
އައިވަން 1984 ގައި ގެނެސް ދިން ފިލްމުގެ ސީކްއެލް ސިނަމާތަކަށް އަންނާނީ ޖުލައި، 10، 2020 ގަ އެވެ. ނަމަވެސް މި ފިލްމުގެ ކާސްޓާއި ފިލްމުގެ ރަސްމީ ނަން އަދި އިއުލާނެއް ނުކުރެ އެވެ.
ކުރިއަށް އޮތް ހޫނު މޫސުމުގައި ޝޫޓިން ފަށަން ނިންމާފައިވާ "ގޯސްޓްބަސްޓާޒް" ގެ ސީކްއެލްގެ ސްކްރީންޕްލޭ ލިޔެފައި ވަނީ މިދިޔަ އަހަރު "ދަ ފްރޮންޓް ރަނާ" ވެސް ގެނެސް ދިން ޖޭސަން އާއި ގިލް ކެނާން އެވެ.
ވެރައިޓީން ބުނި ގޮތުގައި ފިލްމަށް މި ފަހަރު ޒުވާން ކާސްޓެއް ނެގުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.
ބައްޕަ އައިވަން ގެނެސް ދިން "ގޯސްޓްބަސްޓާޒް" ގެ ސީކްއެލްއެއް ޖޭސަން ހަދާ އިރު، 2016 ގައި ޕޯލް ފެއިގް ޑައިރެކްޓްކޮށް ގެނެސް ދިން "ގޯސްޓްބަސްޓާޒް" އާއި އައު ފިލްމާ އެއްވެސް ގުޅުމެއް ނުހުންނާނެ އެވެ.
އައިވަން ޕްރޮޑިއުސަރެއްގެ ޒިންމާ ވެސް ނެގި އެ ފިލްމުގެ މައިގަނޑު ކާސްޓުންނަކީ މެލީސާ މެކާތީ، ޑޭން، އާކްރޯއިޑް، ކްރިސްޓެން ވިގް އަދި ކޭޓް މެކިނަން އެވެ. ޖުމްލަ 144 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ގޯސްޓްބަސްޓާޒް" އަށް ބޮކްސް އޮފީހުގައި 229.1 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.
އައިވަން ޑައިރެކްޓް ކުރި "ގޯސްޓްބަސްޓާޒް" އަކީ 30 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދައި، 295.2 މިލިއަން ޑޮލަރުފެގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. އޭގެ މައިގަނޑު ކާސްޓުންނަކީ ބިލް މުއްރޭ އާއި ޕޯލްގެ ފިލްމުގައި ވެސް އުޅުނު ޑޭން، ސިގޯނީ ވީވާ، ހެރޮލްޑް ރެމިސް އަދި ރިކް މޮރާނިސް އެވެ.