27 ޖެނުއަރީ 2019 - 13:05

މިހާރު ކުރިއަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުތަކުން މިދިޔަ އަހަރުގެ ރަނަރަޕް ކްލަބް ވެމްކޯ އާއި އެންމެ ފަހުގެ ގައުމީ ޗެމްޕިއަން ޕޮލިސް ކްލަބް މޮޅުވެއްޖެ އެވެ.
މި ފަހަރުގެ މުބާރާތް ރޭވިފައި އޮތްގޮތުން ވެމްކޯ އާއި ޕޮލިސް ވާދަކުރަނީ ދެ ވަނަ ބުރުން ފެށިގެންނެވެ. ފުރަތަމަ ކުޅުނު ޕްރިލިމިނަރީ ބުރުން ދެ ވަނަ ބުރުގެ ފުރުސަތު ހޯދީ ލޮރެންޒޯ ސްޕޯޓްސް ކްލަބާއި އަލްމާ ސްޕޯޓްސް ކްލަބް އެވެ.
މުބާރާތުގެ ދެ ވަނަ ބުރުން ލޮރެންޒޯ ފުރުސަތު ހޯދީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެގެންނެވެ. އެކަމަކު އިއްޔެ ހަވީރު ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި ވެމްކޯ އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. ވެމްކޯ އިން އިއްޔެގެ މެޗުގައި ވަނީ ވަރުގަދަ ކުޅުމެއް ދައްކައިފަ އެވެ، ލޮރެންޒޯ އަށް އެ ޓީމުގެ ފެންވަރުގައި އެންމެ އެކަށީގެންވާވަރުގެ ކުޅުމެއް ނުދެއްކުނެވެ. ވެމްކޯ އިން ސެޓުތައް 25-19، 25-22 އަދި 25-12 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިދިޔަ އަހަރުގެ މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި އައިޝަތު މާޖިދާ އެވެ. މިދިޔަ އަހަރު މާފަންނު ޔޫތު ޑިވެލޮޕްމަންޓް އެސޯސިއޭޝަން (މައިޑާ) އިން އެސޯސިއޭޝަން ކަޕް ކާމިޔާބުކުރިއިރު، އޭގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވާ އެއް ކުޅުންތެރިއަކީ މާޖިދާ އެވެ.
މުބާރާތުގައި ރޭ ކުޅުނު މެޗުން ޕޮލިސް ވަނީ ފަސޭހަމަކާ އެކު އަލްމާގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައިފަ އެވެ. ޕޮލިހުގެ ޒުވާން ކުޅުންތެރިއާ އައިމިނަތު ޝަހާ ޝާމިން އާއި ހައްވާ ރާޝިދާގެ މޮޅު ކުޅުމާ އެކު އެ ޓީމުން ސެޓުތައް ގެންދިޔައީ 25-10، 25-06 އަދި 25-10 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ޓީމުގެ ލީޑަރެއްގެ ރޯލު ފުރިހަމަ އަށް އަދާކުރަމުން އަންނަ ހައްވަ އެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި އަލްމާ ނުކުންނާނީ ވެމްކޯއާ ދެކޮޅަށެވެ. މެޗު ފަށާނީ ހަވީރު 16:30 ގަ އެވެ. މިރޭ 20:30 ގައި ޕޮލިސް ނުކުންނާނީ ލޮރެންޒޯއާ ދެކޮޅަށެވެ.