28 ޖެނުއަރީ 2019 - 07:30

ކަންކަން ތަރައްގީވަމުން ގޮސް، ވިޔަފާރި އިޝްތިހާރު ކުރެވޭ އުކުޅުތަކަށް ވެސް އަންނަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. ރަޝިއާ އިން މިހާރު އަމާޒު ހިފާފައި ވަނީ ބިލްބޯޑްތައް ހަމަ ބިން ދޫކޮށް، ޖައްވަށް ފޮނުވައިލާށެވެ.

އެހެންވެ ކުރިއަށް އޮތް ތަނުގައި މަޝްހޫރު ބޮޑެތި ކުންފުނިތަކުގެ އިޝްތިހާރުތައް ފެންނާނީ ރޭގަނޑުގެ ހަނދުވަރުގެ އަލި ފެންނަ ގޮތަށް ޖައްވުން ބަބުޅާ އަލިގަނޑެއްގެ ގޮތުގަ އެވެ. ރަޝިއާގެ ސްޓާޓްއަޕެއް ކަމަށްވާ ސްޓާޓްރޮކެޓްގެ އަމާޒަކީ 2021 ގައި މި ވައްތަރުގެ ބިލްބޯޑް ދުނިޔޭގެ ލޯ އޯބިޓަށް ފޮނުވައިލުމެވެ.
އެ ކުންފުނިން ބުނި ގޮތުގައި ރޭގަަނޑު ޖައްވު ތެރެއިން ދިއްލިފައި ހުންނަ ގޮތަށް ތައްޔާރުކުރާ އޯބިޓަލް އެޑްވަޓައިިޒިން ބިލްބޯޑްތައް ހުންނާނީ ގްރިޑްތަކަކުން ޓިޝޫ ފޮއްޓެއްގެ ސައިޒަށް ތައްޔާރުކޮށްފައި ހުންނަ ސެޓްލައިޓްތަކެއްގެ އެހީގަ އެވެ. އެއަށް ދީފައިވާ ނަމަކީ ކިއުބްސެޓްސް އެވެ.
ސްޓާޓްރޮކެޓް ބުނި ގޮތުގައި ކިއުބްސެޓްސް އަރުވާފައި ހުންނާނީ ހަމަބިމަށް ވުރެ 400-500 މީޓަރު މަތީގަ އެވެ. އަދި މި ސެޓްލައިޓްތައް ހުންނާނީ ދުވާލުގެ ވަގުތުތަކުގައި އަވިން ހަކަތަ ދަމައިގަނެވޭ ގޮތަށެވެ. އެހެންވެ ރޭގަނޑު އޯބިޓަލް އެޑްވަޓައިިޒިން ބިލްބޯޑްތައް އުޑުމަތިން ތަފާތު ކުލަތަކުން ދިއްލިފައި ހުންނައިރު ވަރަށް ހިތްގައިމުވާނެ ކަމަށް ސްޓާޓްރޮކެޓުން ބުންޏެވެ.
މިހާރު ވެސް ކޮކަ ކޯލާ އާއީ މާސިޑީޒާއި ސުޕްރީމާއި ފީފާ، ދަ ސްޕަބޯލް އަދި އޮލިމްޕިކްސް ފަދަ ވަރުގަދަ ބްރޭންޑްތަކާ އެކު މަސައްކަތްކުރާ ކުންފުނީގެ ޕްރޮޖެކްޓް ލީޑަރު ލަޑް ސިޓިނިކޯވް ފިއުޗަރިޒަމަށް ދިން އިންޓަވިއުއެއްގައި ބުނީ އިޝްތިހާރުތައް ޖައްވަށް ފޮނުވައިލަނީ މުސްތަގަބަލަކީ އެއީ ކަމަށްވާތީ ކަމަށެވެ.
"ކުރިއަށް އޮތް ތަނުގައި އިންސާނުން ޖައްވުގައި ދިރިއުޅޭނެ. އެހެންވީމާ އަހަރެމެންގެ އިގުތިސާދު ވެސް އެބަ ޖެހޭ އެ ދިމާއަށް ގެންދަން،" އޭނާ ބުންޏެވެ.
ނަމަވެސް ރޮކެޓްސްޓާޓްގެ މި ޕްރޮޖެކްޓާ ދޭތެރޭ ޖައްވީ މަސައްކަތްތައް ކުރާ ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން އަލިގަދަ ބިލްބޯޑްތައް ޖައްވުގެ ތެރެއަށް ދޫކޮށްލާ ނަމަ އޭގެ ސަބަބުން އުޑުމަތީގެ ދިރާސާތައް ހަދަން ހުރަސް އެޅޭނެ ކަމަށް ބުންޏެވެ.
އެމެރިކާގެ ޔުނިވަސިޓީ އެޓް ބަފަލޯގެ ޕްރޮފެސަރު ޖޯން ކްރެސިޑިސް ވިދާޅުވި ގޮތުގައި ކުދިކުދި ބައިވަރު ސެޓްލައިތައް ޖައްވަށް ދޫކޮށްލުމަކީ ބޮޑު ހާޖާނުގަނޑަކަށް ވެދާނެ އެވެ.
"މީގެ ސަބަބުން އެކަތި އަނެކައްޗާ މުޑިއަރައި، ބޮޑު އޮޅުންބޮޅުން ގަނޑަކަށްވެ، ޖައްވީ ދިސާރާތައް ކުރުމަށް ބުރައަކަށް ވެދާނެ،" އޭނާ ވިދާޅުވި އެވެ.
ބައެއް މީހުން އަދި ވަނީ އޯބިޓަލް އެޑްވަޓައިިޒިން ބިލްބޯޑްތައް ދޫކޮށްލަން ރަސްްމީ އިދާރާތަކުން ހުއްދަ ދީފާނެތޯ އާއި އެއީ ގާނޫނީ ގޮތުން ވެސް ކުރެވިދާނެ ކަމެއްތޯ ސުވާލު އުފައްދައިފަ އެވެ.