ފަންޑެއް ހުޅުވައި ސަލާ ހޯދުމުގެ މަސައްކަތް އާއިލާއިން ފަށައިފި
ފަންޑެއް ހުޅުވައި ސަލާ ހޯދުމުގެ މަސައްކަތް އާއިލާއިން ފަށައިފި

ނޯންޓްސް، ފްރާންސް (ޖެނުއަރީ 27) - ކާޑިފް ސިޓީގެ އާޖެންޓީނާގެ ފޯވާޑް އެމިލިއާނޯ ސަލާ ދަތުރުކުރަމުން ދިޔަ ޕްރައިވެޓް ޖެޓް ހޯދުމުގެ މަސައްކަތް ޕޮލިހުން ހުއްޓާލާފައިވަނިކޮށް ސަލާގެ އާއިލާ އިން އިސްވެ، ހުޅުވި ފަންޑެއްގެ އެހީގައި ސަލާ އާއި ބޯޓު ދުއްވަން އިން ޕައިލެޓް ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ފަންޑެއް ހުޅުވައި ސަލާ ހޯދުމުގެ މަސައްކަތް އާއިލާއިން ފަށައިފި
ފަންޑެއް ހުޅުވައި ސަލާ ހޯދުމުގެ މަސައްކަތް އާއިލާއިން ފަށައިފި

މިދިޔަ ހޯމަ ދުވަހުގެރޭ ސަލާ ދަތުރުކުރަމުން ދިޔަ ބޯޓު ގެއްލުނީ ޗެނަލް އައިލެންޑުގެ ގޯންސީގެ ލައިޓް ހައުސް ކައިރިންނެވެ. ބޯޓުގައި ހުރެ ސަލާ ފޮނުވި ވަޓްސަޕް އޯޑިއޯ މެސެޖެއްގައި ވަނީ އެ ބޯޓުގެ ސަލާމަތީ ކަންތައްތަކާ މެދު ކަންބޮޑުވާ ކަމަށް ބުނެފަ އެވެ.

ފަންޑެއް ހުޅުވައި ސަލާ ހޯދުމުގެ މަސައްކަތް އާއިލާއިން ފަށައިފި
ފަންޑެއް ހުޅުވައި ސަލާ ހޯދުމުގެ މަސައްކަތް އާއިލާއިން ފަށައިފި

ތިން ދުވަސް ވަންދެން ގޯންސީ ޕޮލިހާއި ފްރާންސް އަދި އިންގްލެންޑުގެ ސިފައިން ސަލާ އާއި އައިބޮޓްސަން ހޯދުމުގެ މަސައްކަތް ހުއްޓާލީ އެ ދެ މީހުން ސަލާމަތުން ފެންނާނެ ކަމުގެ އުއްމީދެއް ނެތްކަމަށް ބުނެ މިދިޔަ ބުރާސްފަތި ދުވަހު އެވެ، އެ މަސައްކަތް ހުއްޓާނުލަން ސަލާގެ އާއިލާގެ އިތުރުން ފުޓްބޯޅަ ގިނަ ތަރިންތަކެއް އެދުމުން ވެސް ގޯންސީ ޕޮލިހުން އަލުން ހޯދުމުގެ މަސައްކަތް ނުފެށީ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން ކުރި މަސައްކަތުގައި އަލިމަގެއް ފެނިފައިނުވާތީ އެވެ.

ސަލާގެ އާއިލާ އިން އޭނާ ހޯދުމަށް ކުރާ މަސައްކަތް ފެށުމަށް ގޯފަންޑްމީ ވެބްސައިޓްގައި ހުޅުވި އޮންލައިން ފަންޑަކަށް 24 ގަޑިއިރު ނުވަނިސް ވަނީ 217،000 ޑޮލަރު ލިބިފަ އެވެ. މި ފަންޑަށް މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ވެސް ވަނީ އެހީވެފަ އެވެ. އޭގެ ތެރޭގައި ލިއޮނަލް މެސީ އާއި އެންގޯލޯ ކާންޓޭ ހިމެނެ އެވެ.

ސަލާ ހޯދުމުގެ މަސައްކަތް އިއްޔެ ފެށީ ދެ ކަނޑު ބޯޓް ބޭނުންކޮށްގެންނެވެ. ފަންޑް އިތުރުވާ ވަރަކަށް އެހެން ބޯޓުތައް ބޭނުންކުރާނެ ކަމަށް އާއިލާއާ ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ.

ކާޑިފުން އުމުރުން 28 އަހަރުގެ ސަލާގެ ސޮއި ހޯދީ އަންނަ ސީޒަނުގައި ވެސް އިނގިރޭސި ޕްރިމިއާ ލީގުގައި އޮންނަން ބޭނުންވާތީ ޓީމު ވަރުގަދަ ކުރުމުގެ ގޮތުންނެވެ. އެކަމަކު އެ ކްލަބްގެ ރެކޯޑް އަގެއް ކަމަށްވާ 19 މިލިއަން ޕައުންޑަށް ސޮއިކުރި މި ފަދަ ގޮތަކަށް ގެއްލުމުން އެ ކްލަބުން ވެސް ވަނީ ސަލާ ހޯދަން ކުރަން ޖެހޭ މަސައްކަތްތަކުގައި ހުރިހާ ގޮތަކުން އެހީވާނެ ކަމަށް ބުނެފަ އެވެ. ސަލާގެ އާއިލާއިން ހުޅުވި ފަންޑަށް ދޭން ޖެހޭ އެކި އެހީތެރިކަން ކާޑިފުން ދަނީ ފޯރުކޮށްދެމުންނެވެ.

ބްރިޓިއަން އެއާ އެކްސިޑެންޓްސް އިންވެސްޓިގޭޝަނުން (އޭއޭއައިބީ) އަންނަނީ ސަލާ ގޮވައިގެން ދަތުރުކުރި ބޯޓުގެ ޕައިލެޓް އައިބޮޓްސްގެ ލައިސަންސްއާ ގުޅޭ ތަހުގީގުތަކެއް ކުރަން ނިންމައިފަ އެވެ. އައިބޮޓްސަން އަތުގައި ސައްހަ ލައިސަންސް އެއް އޮތް ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރަމުން ދިޔަ ނަމަވެސް އޭގައި ފުށުއަރާ އެހެން ކަންތައްތަކެއް ހުރި ކަމަށް އެމެރިކާގެ ފެޑެރަލް އޭވިއޭޝަނުން ވަނީ ހާމަކޮށްފަ އެވެ.

ސަލާގެ އާއިލާ އިން މީގެ ކުރިން ބުނީ އޭނާ ދަތުރުކުރަމުންދިޔައީ ކާޑިފްގެ ޗެއާމަން މެހެމެތު ދަލްމަންގެ ބޯޓެއްގައި ކަމަށެވެ. އެކަމަކު އެއީ ސަލާ އާއި އޭނާގެ އޭޖެންޓް ވިލީ މެކާ ޕްރައިވެޓް ކުންފުންޏަކުން ހަމަޖެއްސި ދަތުރެކެވެ. މެކާ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދަތުރު ހަމަޖެއްސި ކުންފުނިން ބޯޓާއި ޕައިލެޓްގެ މައުލޫމާތު ހިއްސާ ނުކުރާ ކަމަށެވެ.

ސަލާގެ ކުރީގެ ކްލަބް ނޯންޓްސް ދަނޑުގެ ބޭރުގައި ސަލާގެ ހަނދާނުގައި މާ ބޮނޑިތައް ބަހައްޓާ އޭނާ މަރުވިކަމަށް ބަލައި ގިނަ ސަޕޯޓަރުން މެސެޖުތައް ހިއްސާކުރާތީ ސަލާގެ އާއިލާ އިން ވަނީ އެކަން ނުކުރަން އެދިފަ އެވެ. އަދި ރަސްމީކޮށް ސަލާ މަރުވިކަން ޔަގީންވުމުން ނޫނީ އެފަދަ ކަމެއް ނުކުރުމަކީ އެ އާއިލާ އިން ވަރަށް އިހުތިރާމާ އެކު އެދޭ ކަމެއް ކަމަށެވެ.

އެކަމާ ބެހޭގޮތުން ނޯންޓްސްގެ ކޯޗު ވަހީދު ހަލިޑްޒޮވިޗް ބުނީ ސަލާގެ އާއިލާ އަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް އެ ކްލަބުގެ ފަރާތުން ދޭނެ ކަމަށާއި ސަލާ އަކީ ނޯންޓްސް އަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ގިނަ ސަޕޯޓަރުންގެ ލޯބި ލިބިފައިވާ ކުޅުންތެރިއެއް ކަމަށެވެ.

ސަލާގެ އާއިލާގެ އެދުމުގެ މަތިން ގިނަ ކްލަބްތަކުން އަންނަނީ ބައެއް ފުޓްބޯޅަ އެސޯސިއޭޝަންތަކުން ނިންމާ ނިންމުންތަކާ ދެކޮޅު ހަދަމުންނެވެ. އެ ގޮތުން އިނގިރޭސި އެފްއޭ ކަޕްގައި ރޭ މިލްވޯލް އާއި އެވަޓަން ކުޅުނު މެޗުގައި ދެ ޓީމުގެ ކުޅުންތެރިން ވަނީ ސަލާގެ ހަނދާނުގައި ކަޅު ބޭންޑް އަޅައިގެން ކުޅެން ދެކޮޅު ހަދައިފަ އެވެ. އެވަޓަންގެ ސްޕޯކްސްޕާސަން ބީޓީ ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ އެވަޓަން އާއި މިލްވޯލުން އެގޮތަށް ނިންމީ އޭނާގެ އާއިލާ އަށް އަދާކުރާ އިހުތިރާމްގެ ގޮތުން ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ލެސްޓާ ސިޓީން އަންނަނީ އެ ޓީމުގެ އަލްޖީރިއާ ފޯވާޑް އިސްލާމް ސްލިމާނީ ލޯން އެއްބަސްވުމެއްގެ ދަށުން ކާޑިފަށް ސީޒަނުގެ ނިޔަަލަށް ހިލޭ ދިނުމަށް މަސައްކަތް ކުރަމުންނެވެ. ލެސްޓާ އިން ބުނީ އެކަން ކުރަނީ މިދިޔަ ނޮވެމްބަރު މަހު ހެލިކޮޕްޓަރެއް ވެއްޓި އަވަހާރަވި އެ ޓީމުގެ ވެރިޔާގެ ތައިލެންޑުގެ ބިލިއަނަރު ވިޗާއީ ސްރިވަދަނަޕްރަބާގެ ހަނދާނުގައި ކަމަށެވެ.

އޭވިއޭޝަނުގެ ތަޖުރިބާކާރަކު ފޮކްސް ނިއުސް އަށް ދިން އިންޓަވިއުއެއްގައި ބުނީ ފިނި މޫސުމުގެ ދުވަސްވަރު ރޭގަނޑު ވަގުތުގައި ގޯންސީ ޗެނަލް އައިލެންޑު ސަރަހައްދުން އެއް އިންޖީނުލީ އުޅަނދެއްގައި ދަތުރުކުރުމަކީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށާއި އެއީ އާންމުކޮށް އެ ސަރަހައްދުގައި ތަފާތު ހާދިސާތައް ހިނގާފައިވުމުން ކަމަށެވެ. ސަލާގެ ކޮއްކޮ ރޮމިނާ ސަލާ ދި ގާޑިއަން އަށް ދިން އިންޓަވިއުއެއްގައި ބުނީ ރޭގަނޑުގެ ފްލައިޓެއް ސަލާ ނެގި ސަބަބާ މެދު ގިނަ ބަޔެއް ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމަށެވެ.