ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ސަނީ ޑިއޯލްގެ ދޮށީ ފިރިހެން ދަރިފުޅު ކަރަން ޑިއޯލް ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް" ގެ ޝޫޓިން ނިންމާލައިފި އެވެ.

މި ފިލްމުގެ ޝޫޓިން ކުރިއަށްދާތާ ދުވަސްތަކެއް ފަހުން، ޝޫޓިން ނިންމައިލީ ބުރާސްފަތި ދުވަހު އެވެ.

އަސަރުގަދަ ލޯބީގެ ވާހަކައަކަށް ސަނީ ޑައިރެކްޓް ކުރާ "ޕަލް ޕަލް ދިލް ކޭ ޕާސް" ގެ މަންޒަރުތައް މުމްބާއީ އާއި މަނާލީ އާއި ނިއު ދިއްލީގައި ވެސް ނަގާފައިވެ އެވެ. މި ފިލްމުން ކަރަންއާ އެކު، އައު ބަތަލާ އެކު ވެސް ތައާރަފު ކުރާނެ އެވެ. އެއީ ސަހެރް ބަމްބާ އެވެ.

މި އަހަރު ބޮލީވުޑަށް ތައާރަފުކުރާ ތަރިންގެ ދަރިންގެ ލިސްޓް ވަރަށް ދިގު އިރު، ކަރަންއަކީ އޭގެ ތެރެއިން ބެލުންތެރިން އެންމެ އިންތިޒާރު ކުރާ އަދި އެންމެ އުންމީދުކުރާ އެކެކެވެ. ފިލްމީ އާއިލާއަކަށް ނިސްބަތްވާ ކަރަންގެ ކިބައިގައި އެކްޓް ކުރުމުގެ ހުނަރު ހުރި ވަރެއް ޔަގީނުން ވެސް "ޕަލް ޕަލް ދިލް ކޭ ޕާސް" އިން ފެނިގެން ދާނެ އެވެ.

އަނެއްކޮޅުން ބައްޕަ ސަނީ ފާހަގަ ކުރެވިފައި ވަނީ ނަށަން ނޭނގޭ އެެކްޓަރެއްގެ ގޮތުގައި ކަމަށްވާތީ، ކަރަންގެ ކިބައިގައި އެ ހުނަރު ހުރިތޯ ވެސް ބަލައިލަން ބެލުންތެރިން ބޭނުން ވާނެ އެވެ.

ހިތާމަވެރި ހަބަރަކީ އަދިވެސް "ޕަލް ޕަލް ދިލް ކޭ ޕާސް" ރިލީޒް ކުރާނެ ތާރީހެއް އިއުލާން ނުކުރާ ކަމެވެ.

މި އަހަރުގެ ފުރަތަމަ ހިޓް ކަމަށްވާ ވިކީ ކޯޝަލްގެ "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ވެސް އިންޓަނެޓްގައި ލީކްލައިފައި ވަނިކޮށް މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި، ކަންގަނާ ރަނާވަތުގެ ބޮޑު ބަޖެޓް ފިލްމު "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" ވެސް ލީކްކޮށްލައިފަ އެވެ.

މި ފިލްމުތައް ލީކްކޮށްލުމުގެ ފަހަތުގައި އޮތީ މީގެ ކުރިން ވެސް އެތައް ފިލްމެއް ލީކްކޮށްލ؛މުގެ ރިކޯޑެއް އޮތް ޓަމިލް ރޮކާޒް އެވެ. ފިލްމު ރިލީޒް ކުރާ ތަނާހެން، ގަވައިދާ ހިލާފަށް ފިލްމު ލީކްކުރާތީ، ފިލްމު އުފައްދާ މީހުން އަބަދު ވެސް ކަންބޮޑުވުން ފާޅު ކުރަމުން ގެންދެ އެވެ. އެގޮތުން ވަގު ފިލްމުތައް ނުބެލުމަށް، ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން އާންމުނަނަށް އަބަދު ވެސް އިލްތިމާސް ކުރެ އެވެ.

ޓަމިލް ރޮކާސް އިން ވަނީ "އުރީ" އާ އެކު ރިލީޒް ކުރި އަނޫޕަމް ކޭރްގެ "ދި އެކްސިޑެންޓަލް ޕްރައިމް މިނިސްޓާ" ވެސް މި މަހުގެ 11 ވަނަ ދުވަހު ރިލީޒް ކުރުމާ އެކު، ލީކްކޮށްލައިފަ އެވެ.

ސައިފް އަލީ ހާނާއި ދީޕިކާ ޕަދްކޯން އާ އެކު އިމްތިއާޒް އަލީ 2009 ގައި ގެނެސް ކާމިޔާބު ފިލްމު "ލަވް އާޖް ކަލް" ގެ ދެވަނަ ބަޔާ ބެހޭ ގޮތުން ވާހަކަ ދައްކަން ޑައިރެކްޓަރު އަދި ތައްޔާރު ނޫން ނަމަވެސް އެ ފިލްމާ ބެހޭ ކޮންމެވެސް އައު ވާހަކައެއް ދޭތެރެއަކުން މީޑިއާތަކުގެ ސުރުހީތަކަށް އަރަ އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން މިހާރު ބުނަމުން އަންނަ ގޮތުގައި "ލަވް އާޖް ކަލް 2" ގެ ސަޕޯޓިން ރޯލަކުން ސައިފް ފެނިގެންދާ އިރު، އޭނާ ކުޅޭނީ އަންހެން ދަރިފުޅު ސާރާ އަލީ ހާންގެ ބައްޕަގެ ރޯލެވެ.

މި ފިލްމުގެ ލީޑް ކާސްޓަކީ ސާރާ އާއި ކާތިކް އާރިޔަން ކަމަށް މީޑިއާތަކުން އަންނަނީ ބުނަމުންނެވެ.

ނަމަވެސް މިކަން ކަށަވަރުކޮށް ނުދިން ނަމަވެސް އިމްތިއާޒް ދާދި ފަހުން ވަނީ ޒުވާން އެ ދަ ތަރިންނާ އެކު ލޯބީގެ ފިލްމެއް ގެނެސްދޭން އުޅޭ ކަމުގެ އިޝާރާތެއް ދީފަ އެވެ. "ލަވް އާޖް ކަލް 2" ގައި ސައިފާއި ސާރާ އެކީގައި ފެނުންވެގެން ދާނީ ދެބަފައިން ފިލްމަކުން އެކީގައި ފެންނާނެ ފުރަތަމަ ފަހަރަށެވެ.

ބޮލީވުޑްގެ އެކްޓަރު ޕްރަތީކް ބައްބަރު ލޯބިވެރިޔާ ސާނިއާ ސާގަރުއާ ކައިވެނިކޮށްފަ އެވެެ.

މި މަހުގެ ތެރޭގައި ދެ މީހުން ކައިވެނި ކުރާނެ ކަމަށް މީޑިއާތަކުން ކުރިން ވެސް ރިޕޯޓްކޮށްފައި ވަނިކޮށް ކައިވެނީގެ ހަފުލާ ބާއްވާފައި ވަމީ މިދިޔަ ބުދަ ދުވަހު އެވެ.

މާ ގޮތްގަނޑު ބޮޑު ނުކޮށޑް ބޭއްވި ކައިވެނީގެ ހަފުލާގައި ބައިވެރިވީ ދެ ފަރާތުގެ އާއިލާގެ މީހުންނާއި ގާތް ބައެއް ރައްޓެހިންނެވެ. ކައިވެންޏަށް ފަހު ޕްރަތީކް ވަނީ ހުކުރު ދުވަހުގެ ރޭ މުމްބާއީގައި ރިސެޕްޝަނެއް ބާއްވައިފަ އެވެ.

ޕްރަތީކް ކައިވެނި ކުރި ސާނިއާއަކީ އިންޑިއާގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ބަހްޖާން ސަމާޖް ޕާޓީ (ބީއެސްޕީ) ގެ ލީޑަރު ޕަވަން ސާގަރުގެ ދަރިއެކެވެ. ޕްރަތީކް، 33، އަކީ އެކްޓަރު ރާޖް ބައްބަރު އާއި މަރުވެފައިވާ ބަތަލާ ސްމީތާ ޕަޓޭލްގެ ދަރިއެކެވެ.

މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ބާގީ 2" ގެ ރޯލަކުން ފެނިފައިވާ ޕްރަތީކްގެ މި އަހަރު ފެންނާނެ ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ އޮގަސްޓް 30 ގައި ނިތޭޝް ތިވާރީ ގެނެސްދޭ "ޗިޗޯރް" އެވެ.