27 ޖެނުއަރީ 2019 - 08:49

މެންޗެސްޓާ (ޖެނުއަރީ 27) - އިނގިރޭސި އެފްއޭ ކަޕްގައި ރޭ ކުޅުނު މެޗުން ބާންލީ އަތުން 5-0 އިން ހޯދި ތަފާތު ބޮޑު މޮޅާ އެކު މެންޗެސްޓާ ސިޓީ މުބާރާތުގެ އަނެއް ބުރަށް ދަތުރުކޮށްފި އެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމު ހުއްޓުވަން ބާންލީން ކުރި ގިނަ މަސައްކަތްތައް ވަނީ ކާމިޔާބުނުވެފަ އެވެ. ސިޓީ އަށް މި މެޗުގެ 23 ވަނަ މިނިޓްގައި ލީޑުނަގައިދިނީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ބްރެޒިލްގެ ފޯވާޑް ގަބްރިއެލް ޖީސޫސް އެވެ.
އެ ޓީމުން އަނެއް ހަތަރު ލަނޑު ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 53 ވަނަ މިނިޓްގައި ބެނާޑޯ ސިލްވާގެ ގޯލުން ސިޓީން ލީޑުފުޅާކުރިއިރު، ތިން ވަނަ ލަނޑު ޖެހީ އަނިޔާއަށް ފަހު އެނބުރި އައިސް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކެވިން ޑިބްރޭނާ އެވެ. ސިޓީގެ ހަތަރު ވަނަ ގޯލަކީ ބާންލީގެ ކެވިން ލޯންގް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ސިޓީގެ ފަހު ގޯލު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ސާޖިއޯ އަގުއޭރޯ އެވެ.
ރޭގެ މެޗަށް ފަހު ބާންލީގެ ކޯޗު ސީން ޑައިޗް ބުނީ ސިޓީން މިހާރު ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު ސީޒަންގެ ހުރިހާ މުބާރާތެއް އެ ޓީމަށް ކާމިޔާބު ކުރެވިދާނެ ކަމަށެވެ.
"އެ މީހުންގެ އެބަހުރި އާދަޔާހިލާފު ކުޅުންތެރިން. ކޮންމެ ކުޅުންތެރިއަކު ވެސް އެ ކުޅެނީ ތަފާތު ފޯމެއްގައި. އަހަރެން ދެކޭގޮތުގައި އެ މީހުން މި ކުޅުން ދައްކާނަމަ ނުހުއްޓުވޭނެ. ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރާނެ ފެންވަރު އެބަހުރި،" ޑައިޗް ބުންޏެވެ.
ސީޒަނުގެ ހުރިހާ މުބާރާތެއް ސިޓީ އަށް ކާމިޔާބުކުރެވިދާނެތޯ އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާއާ ސުވާލުކުރުމުން އޭނާ އޭގެއަށް ސީދާ ޖަވާބެއް ދޭން ބޭނުމެއް ނުވި އެވެ.
"އަހަރެމެންނަށް ކޮމިއުނިޓީ ޝީލްޑް ލިބިއްޖެ. މިހާރު މި އޮތީ ލީގު ކަޕްގެ ފައިނަލުގައި. ދެން ބޭނުންވަނީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ޝާލްކާ މެޗަށް ދާއިރު ރަނގަޅު ފޯމެއްގައި އޮންނަން. ދެން އެފްއޭ ކަޕްގެ ވެސް ދެވުނު އެންމެ ދުރަކަށް ގޮސް އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހު މެޗާ ހަމައަށް ހިތްވަރުކޮށް ލީގު ހޯދަން މަސައްކަތް ކުރަން،" ކުރިން ބާސެލޯނާ އާއި ބަޔާން މިއުނިކަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ގާޑިއޯލާ ބުންޏެވެ.
އެފްއޭ ކަޕްގައި ރޭ ނުކުތް އެންމެ ހައިރާންކުރަނިވި ދެ ނަތީޖާ އަކީ ތިން ވަނަ ޑިވިޝަނުގެ ވިމްބްލެޑަން އަތުން 4-2 އިން ބަލިވެ ވެސްޓް ހޭމް ޔުނައިޓެޑް ކެޓުމާއި ދެ ވަނަ ޑިވިޝަނުގެ މިލްވޯލް އަތުން 3-2 އިން ބަލިވެ އެވަޓަން މުބާރާތާ ވަކިވާން ޖެހުމެވެ.