27 ޖެނުއަރީ 2019 - 07:12

އިންސްޓަގްރާމް، މެސެންޖާ އަދި ވަޓްސްއެޕް ގުޅުވާލުމަށްޓަކައި މަޝްވަރާކުރަމުން އަންނަ ކަމަށް ނިއު ޔޯކް ޓައިމްސް އިން ބުނެފި އެވެ. މި ދެކެވެނީ މި ތިން އެޕްލިކޭޝަން އެއްކޮށްލާ ވާހަކައެއް ނޫނެވެ. މި އެޕްލިކޭޝަންތަކުން ކުރެވޭ މެސެޖްތައް ގުޅުވާލެވޭ ވާހަކަ އެވެ.
މެސެންޖާ، ވަޓްސްއެޕް އަދި އިންސްޓަގްރާމް އަކީ ފޭސްބުކް އަމިއްލަ ތިން އެޕްލިކޭޝަނެވެ. މި އެޕްލިކޭޝަންތަކުގެ ޒާތުގައި މެސެޖްކުރުމަކީ ކޮންމެ އެޕްލިކޭޝަނަކަށް ވެސް ލިބިފައިވާ ސިފައެކެވެ. އެހެންކަމުން، ވަޓްސްއެޕް މެދުވެރިކޮށް މެސެޖެއް ފޮނުވަން އެދޭ ނަމަ، މެސެޖް ފޮނުވާ މީހާ އަދި ލިބޭ މީހާ އަކީ ވެސް ވަޓްސްއެޕް ބޭނުންކުރާ މީހުންނަށް ވާންޖެހެ އެވެ. އިންސްޓަގްރާމް އަދި މެސެންޖާ މަސައްކަތްކުރާ ގޮތަކީ ވެސް މި އެވެ.
ފޭސްބުކްގެ މެނޭޖްމަންޓުން ރާވާ ގޮތަށް ހާލަތު ބަދަލުވެއްޖެ ނަމަ، ވަޓްސްއެޕް ބޭނުންކުރާ މީހާ ދަންނަ މީހަކު އިންސްޓަގްރާމް ބޭނުންކުރާ ނަމަ، އެ މީހަކަށް ސީދާ މެސެޖްކުރެވެ އެވެ. މެސެޖް ލިބޭ މީހާ އަކީ ވަޓްއެޕް ބޭނުންކުރާ މީހަކަށް ވާކަށް ނުޖެހެ އެވެ. އަދި ހަމަ އެފަދައިން، މެސެންޖާ ބޭނުންކުރާ މީހަކު މެސެޖްކުރަން އެދޭ މީހާ މެސެންޖާ ބޭނުންނުކުރި ނަމަަވެސް، ވަޓްސްއެޕް އަދި އިންސްޓަގްރާމް ބޭނުންކުރާ ނަމަ، މެސެޖްކުރެވެ އެވެ.
އިންސްޓަގްރާމް، މެސެންޖާ އަދި ވަޓްސްއެޕް ގުޅުވާލައި، މެސެޖްކުރުން އެކަތިގަނޑަކަށް ހެދި ނަމަވެސް، މި ތިން އެޕްލިކޭޝަން ވަކިވަކިން ހިންގުމަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށް ބުނެވެ އެވެ. އެހެންކަމުން، ފޯނަށް ތިން އެޕްލިކޭޝަންެ އިންސްޓޯލްކުރުމުގެ ބަދަލުގައި، ކޮންމެވެސް އެއް އެޕްލިކޭޝަނަކުން ފުދޭނެ އެވެ.
މިއީ ގިނަ ބަޔަކު އެދިއެދި ތިބި ފީޗާއެއް ކަމަށް މިހާރު ވެސް އެބަ ބުނެވެ އެވެ. އެހެން ނަމަވެސް، ފޭސްބުކްގެ އަސްލު ނިޔަތަކީ، ފޭސްބުކަށް ރާހަތެއްނުވާ ގޮތަށް، އެޕްލިކޭޝަންތައް ބޭނުންކުރާ މީހުންނަށް ފަސޭހަކޮށްދިނުމެއް ނޫނެވެ.
އަދުގެ ހާލަތަށް ބަލާއިރު، އިންސްޓަގްރާމް އަދި ވަޓްސްއެޕް އެކުއެކީގައި ބޭނުންކުރި ނަމަވެސް، ފޯނުގައި މެސެންޖާ ނެތް ނަމަ، މެސެންޖާ އިންސްޓޯލްކުރަން އެދޭ ނޮޓިފިކޭޝަންތައް ލިބެ އެވެ. އަޅަން ބޭނުން ނޫން ނަމަ ނޮޓިފިކޭޝަން ކެންސަލްކޮށްލުން ވަގުތީ ހައްލަކަށް ވެ އެވެ.
އިންސްޓަގްރާމް، މެސެންޖާ އަދި ވަޓްސްއެޕް ގުޅުވާލައި ފޭސްބުކުން ކުރަން މިއުޅޭ ކަމަކީ، މި އެޕްލިކޭޝަންތައް ބޭނުންކުރާ ވަކި ވަކި މީހުންނަށް އަމާޒުކުރެވޭ އިޝްތިހާރުތައް އިތުރުކުރުމެވެ. އަދި މެނޭޖްމަންޓަށް އާމްދަނީ އިތުރުކުރުމެވެ. މިއީ މިހާރު ވެސް ކަށަވަރުކަމެކެވެ.