ކްލާހުގައި ދަރިފުޅަށް އަދަބު ލިބިއްޖެ ނަމަ ހަދާނީ ކިހިނެއް؟
ކްލާހުގައި ދަރިފުޅަށް އަދަބު ލިބިއްޖެ ނަމަ ހަދާނީ ކިހިނެއް؟

ބައެއް ކުދިންނަށް ކްލާސްތެރޭ އުޅޭވޭ ގޮތަކުން ޓީޗަރުގެ ފަރާތުން އިންޒާރެއް ނުވަތަ ކޮންމެވެސް އަދަބެއް ލިބިދާނެ އެވެ. އެހެން ކުއްޖަކަށް އުނދަގޫ ކުރުން، އަޑުގަދަކުރުން ނުވަތަ ފިލާވަޅަށް ސަމާލުކަން ނުދީ މާ ގިނައިން ވާހަކަ ދެއްކުމުން ވެސް ކޮންމެވެސް ސިފައެއްގައި އަދަބެއް ލިބުމަކީ އެކަށީގެންވާ ކަމެކެވެ.

މިއީ "ޕޮޕް ޝުގަ" ވެބްސައިޓްގައި އެ ވެބްސައިޓުގެ ކޮންޓްރިބިއުޓަރެއް ކަމަށްވާ ކެތެރިން ސްޓާލް މި މައްސަލާގައި ދީފައިވާ ބައެއް ލަފާތަކެވެ.

ލިޔުން ފަށަމުން ކެތަރިން ބުނެފައިވަނީ އޭނާގެ ހަތް އަހަރުގެ އަންހެން ދަރިފުޅު ކްލާހުގައި މާގިނައިން ވާހަކަ ދައްކާތީ "ވައިޓް-ސްލިޕް ވޯނިން" އެއް ލިބުނުކަން އެނގުނީ، އެއް ކްލާހެއްގައި އުޅޭ، ދަރިފުޅުގެ ބެސްޓް ފްރެންޑުގެ މަންމަގެ ފަރާތުން ކަމަށެވެ.

އެ ދުވަހު ދަރިފުޅު ގެޔަށް އައި އިރު ވެސް ހުރީ ވަރަށް ހަމަޖެހި، ހެވިފައި ކަމަށް ކެތަރިން ލިޔެފައިވެ އެވެ.

"މަންމަ އަށް ދައްކަންޖެހޭ އެއްޗެއް ދަބަހުގައި އެބަ އޮތްހޭ" އެހުމުން ވެސް، އެކަހަލަ އެއްޗެއް ނެތް ކަމަށް ބުނެ ދަރިފުޅު ދިޔައީ އެވެ. އެކަމަކު ކެތަރިން ބުނީ އިންޒާރުގެ ނޯޓިހެއް ދިން ވާހަކަ ވަރަށް ސާފުކޮށް ބުނުމާ އެކު ދަރިފުޅުގެ މޫނުގެ ކުލަވަރު ބަދަލުވި ކަމަށެވެ. އެއާ އެކު މާފަށް އެދުނު ކަމަށް ބުނެފައިވެ އެވެ.

ދެން މި ކިޔައިދެނީ ކްލާހުގައި ކުދިންނަށް ދިމާވާ މިކަހަލަ ކަންކަމާ ގުޅިގެން ބެލެނިވެރިން އަމަލުކުރާނެ ގޮތުގެ ލަފަ އެވެ.

ކްލާހުގައި ދަރިފުޅަށް އަދަބު ލިބުން ފަދަ ކަމެއް ވެއްޖެ ނަމަ އެކަމާ ދެރަވެ ލަދުގަތުމަކީ އިންސާނީ ތަބީއަތެވެ. އެކަމަކު އެ ޖަޒުބާތުގައި ދަރިފުޅާ ދިމާލަށް ދިއުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ އެވެ. ހަމަޖެހުމުގެ ނޭވާއެއްލައި، ބަސް އަހާ ރަނގަޅު ކުއްޖެއްގެ ގޮތުގައި އުޅުމުގެ މުހިންމު ކަމުގެ ވާހަކަ ދައްކާށެވެ. ކުއްޖާ ލަދުގަންނަ ކަހަލަ ކަމެއް އަދި ބަސް އަހާތޯ ބަލަން އަދަބު ދިނުން ފަދަ ކަމެއް ނުކުރާށެވެ.

ކޮންމެ ޓީޗަރަކަށް ވެސް އެތައް ބައިވަރު ކުދިންނެއްގެ މައްސަލަތައް ހައްލުކުރަން ޖެހެ އެވެ. އެހެންވެ ޓީޗަރުންނަށް އޮންނާނީ ކޮންމެ ކުއްޖަކަށް ވަކިވަކިން ދޭންޖެހޭ ސަމާލުކަން އެންމެ ފުރިހަމަ އަށް ނުދެވި އެވެ. ކްލާސް ތެރޭ ދިމާވި ކަމަކީ ކިޔެވުމާ ގުޅުން ހުރި ކަމެއްގައި އެރި އޮޅުމެއްގެ ސަބަބުން އުފެދުނު ކަމަކަށް ވެސް ވެދާނެ އެވެ. އެހެންވެ، ދިމާވީ ހާދިސާ ޓީޗަރުގެ ފަރާތުން އެނގިފައި އޮތަސް، ހަމަޖެހިލައިގެން ހުރެ ދަރިފުޅުގެ ފަރާތުން ވެސް އޮޅުންފިލުވާށެވެ.

އެ ދިމާވި ކަމެއް ތަކުރާރު ނުވާނެ ގޮތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކާށެވެ. މިސާލަކަށް، ކްލާހުގައި މާގިނައިން ވާހަކަ ދައްކާ މައްސަލަ އަބަދު ފެންމަތިވާ ނަމަ، ވާހަކަ ދައްކަންވީ ވަގުތުތައް ބުނެދޭށެވެ. ޓީޗަރު ގާތު އެއްޗެއް އަހާލުމުގެ ހުއްދަ ހޯދަން އަތް މައްޗަށް ނެގުން ފަދަ ކަންކަން ކުރަން ބުނެވިދާނެ އެވެ. ހަމަ މިގޮތަށް، އެ ދިމާވި ކަމެއް ދެން ދިމާވިޔަސް ޓީޗަރުގެ ނުރުހުމާ ކުރިމަތި ނުވެ އެކަން ކުރާނެ ގޮތް ބުނެދެވިދާނެ އެވެ.

ދިމާވި ކަމަކީ އަޅާނުލައި ދޫކޮށްލިޔަސް އެންމެ ރަނގަޅު، ވަރަށް ކުޑަކުޑަ ކަމެއް ނަމަ ޓީޗަރުންނާ ނުވަތަ ޕްރިންސިޕަލާ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. އެކަމަކު ޖެހޭ މައްސަލަ އަކީ ކޮންމެވެސް ވަރެއްގެ ސީރިއަސް ކަމެއް އޮތް މައްސަލައެއް ނަމަ ކުރިން މި ބުނި ކަންކަން ކޮށް، އޭގެ ފަހުން ދަރިފުޅަށް އަދި ބަދަލަކީ ކޮބައިކަން ޓީޗަރުންގެ ފަރާތުން އޮޅުންފިލުވާށެވެ.