އެމްއެންޔޫގެ އޯޕަންޑޭ ހުރިހާ ކެމްޕަހެއްގައި ބާއްވަނީ
އެމްއެންޔޫގެ އޯޕަންޑޭ ހުރިހާ ކެމްޕަހެއްގައި ބާއްވަނީ

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ އޯޕަންޑޭ، އެ ޔުނިވާސިޓީގެ ހުރިހާ ކެމްޕަހެއްގައި ބާއްވަން ނިންމައިފި އެވެ.

"ވަން ސްޓޮޕް އެޑްމިޝަން" ނަމުގައި ކުރިއަށް ގެންދާ އޯޕަންޑޭގައި، މާލޭގެ އިތުރުން ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ގާއިމްކޮށްފައިވާ ކެމްޕަސްތަކާއި ސެންޓަރުތަކުގައި އޮންނާނެ އެވެ. އެގޮތުން، ލ. ގަން ކެމްޕަހުގައި މިއަދު ހެނދުނު 9:00-12:00 އަށް އަދި ސ. ހިތަދޫ ގައި މިއަދު ހަވީރު 4:00-6:00 އަށް ވަނީ ބާއްވައިފަ އެވެ.

ބާކީހުރި ކެމްޕަސްތަކުގައި އޯޕަންޑޭ އޮންނާނީ އަންނަ ހޯމަ ދުވަހެވެ.

މާލޭގައި ހުންނަ އެމްއެންޔޫގެ މައި މަރުކަޒުގައި ހަވީރު 4:00-6:00 އަށް އަދި ރޭގަނޑު 8:00-10:00 އަށް އޯޕަންޑޭ އޮންނާނެ އެވެ. ހދ. ކުޅުދުއްފުށީ ކެމްޕަހުގައި ހެނދުނު 10:00-12:00 އަށް އަދި ގދ. ތިނަދޫ ކެމްޕަހުގައި ވެސް ހެނދުނު 9:00-12:00 އަށް އޮންނާނެ އެވެ.

އެމްއެންޔޫން ބުނީ، އޯ ލެވެލް އަދި އޭ ލެވެލްގެ ނަތީޖާއަށް ބެލުމަށް ފަހު، ޝަރުތު ހަމަވާ ދަރިވަރުންނަށް ކޯސްތަކުގައި ޖާގަ ހުރި މިންވަރަކުން ވަގުތުން ފުރުސަތު ދޭނެ ކަމަށެވެ. އަދި ކުރިއަށް ދާނެ ވަކި ދާއިރާއެއް ކަނޑަނޭޅި ތިބި ދަރިވަރުންނަށް ވެސް ކެރިއާ ގައިޑެންސް ދޭނެ ކަމަށް ވެސް ގައުމީ ޔުނިވާސިޓީން ބުންޏެވެ.

އޯޕަންޑޭ އަށް އަންނައިރު ކޯހަށް ވަނުމަށް ބޭނުންވާ ލިޔުންތައް ހިފައިގެން އައުމަށް އެމްއެންޔޫން އެދެ އެވެ. އެ ސެޓްފިކެޓުތައް އެޓެސްޓު ކޮށްދިނުމުގެ ހިދުމަތް ވެސް އެ ހަރަކާތުގައި ދޭނެ އެވެ.

ސެޓްފިކެޓް ލެވެލް އިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ތަފާތު އެކި ދާއިރާތަކުން ކިޔަވައިދެމުން އަންނަ އެމްއެންޔޫގައި މިދިޔަ ހަފުތާ ވެސް އޯޕަންޑޭއެއް ބޭއްވި އެވެ. އެ ހަރަކާތަށް ރަނގަޅު ތަރުހީބެއް ލިބުނުކަމަށް ޔުނިވާސިޓީން ބުންޏެވެ.