27 ޖެނުއަރީ 2019 - 07:19

ޖޯން އަބްރަހަމްގެ ފިލްމު ރޯމިއޯ އަކްބަރު ވޯލްޓާ (ރޯ) ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.
ޕާކިސްތާނުން އިންޑިއާގެ ޖާސޫސީ އެޖެންޓެއްގެ ގޮތުގައި ސިފަކޮށްފައިވާ ކެރެކްޓާއަކުން ޖޯން ފެނިގެންދާ ފިލްމުގައި އޭނާގެ ވަރަށް ތަފާތު ލުކްސްތަކެއް ވެސް ވެސް ފެންނާނެ އެވެ. މި ސްޕައި ތުރިލާ ޑައިރެކްޓްކޮށްފައި ވަނީ ރޮބީ ގެރެލްވާލް އެވެ.
"ރޯ" ގެ ޓީޒާ އަށް އަށް ކޮމެންޓް ކުރި ބައެއް ފިލްމު ކްރިޓިކުން ބުނީ މިއީ ވަރަށް ކަމުދާ ފިލްމަކަށް ވާނެކަމުގެ އުންމީދު ބޮޑެވެ. އަދި ފަހަރަކު ފިލްމަކުން، ޖޯން އޭނާގެ ތަފާތުކަމާއި ކުޅަދާނަކަން ދައްކަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.
އަންނަ އެޕްރީލް މަހުގެ 12 ވަނަ ދުވަހު ރިލީޒް ކުރަން ނިންމާފައިވާ "ރޯ" ގެ ކާސްޓުންގެ ތެރޭގައި ޖެކީ ޝްރޮފް، ސިކަންދަރު ކޭރް އަދި މޯނީ ރޯއި ހިމެނެ އެވެ.
މި ފިލްމަކީ ކުރިން ސުޝާންތު ސިންގް ރާޖްޕޫތާ އެކު ހަދަން ނިންމި ފިލްމެކެވެ. ނަމަވެސް އޭނާއާ އެކު ފިލްމުގެ ޕޯސްޓަރު ވެސް 2016 ގައި ދައްކާލައިފައި ވަނިކޮށް، ފިލްމު ދޫކޮށްލީ ޝޫޓިން ނުފެށި ދިގުލައިގެން ދާން ފެށުމުންނެވެ.
މި އަހަރު ރިލީޒްވާން ހުރި ޖޯންގެ ފިލްމުތަކުގެ ތެރޭގައި އޭނާ ފުލުހެއްގެ ރޯލުން ފެނިގެން ދާ ވަރުގަދަ އެކްޝަން ފިލްމު "ބަތުލާ ހައުސް" ހިމެނެ އެވެ. ނިކިލް އަދްވާނީ ޑައިރެކްޓް ކުރާ ފިލްމު ސިނަމާތަކަށް އަންނާނީ އޮގަސްޓް 15 ގަ އެވެ.
އަޝުތޯޝް ގޮވަރިކާގެ ތާރީހީ ފިލްމު "ޕާނިޕަޓް" ގެ ޝޫޓިން މިހާރު ކުރިއަށްދާ އިރު، އެކްޓަރު އަރްޖުން ކަޕޫރް އަންނަނީ ފިލްމަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.
މި ދޭތެރެ އިން އަސް ދުއްވަން ދަސްކުރަން ޕްރޮފެޝަނަލް ތަމްރީނުތަކެއް ހެދުމަށް ފަހު، އޭނާ މިހާރު އަންނަނީ ޖިސްމާނީ ގޮތުން ވެސް ހަށިގަނޑު ވަރުގަދަ ކުރަމުންނެވެ. މި ފިލްމުން އަރްޖުން ފެނިގެން ދާނީ މީގެ ކުރިން އޭނާ ފެނިފައި ނުވާ ކަހަލަ ކެރެކްޓާއަކުންނެވެ. އެގޮތުން "ޕާނިޕަޓް" އަށް ބޯ ވެސް ބަލާފައިވާ އިރު، ފިލްމުގައި އޭނާ ފެނިގެން ދާނީ މަތިމަހަކާ އެކީގަ އެވެ.
މި އަހަރުގެ ޑިސެމްބަރު 6 ގައި ސިނަމާތަކަށް ގެންނަ ފިލްމުގެ ކާސްޓުންގެ ތެރޭގައި ސަންޖޭ ދަތު، ކްރިތީ ސެނަން، ޕަދްމިނީ ކޯލަޕޫރީ، މޯނިޝް ބޭލް އަދި ކުނާލް ކަޕޫރް ހިމެނެ އެވެ.
މިހާރު ބޮލީވުޑުން ގެއްލިފައިވާ ބަތަލާ އިޝޯ ޑިއޯލް ދެވަނަ ދަރިއަކަށް ބަލިވެއިންކަން ފޭނުންނާ ހިއްސާކޮށްފި އެވެ.
ދެހާސް ސަތާރައިގައި ލިބުނު އަލަތު ދަރިފުޅު ރާދިއާގެ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާ ކުރަމުން 37 އަހަރުގެ އީޝާ ބުނީ "ރާދިއާ ދައްތައަކަށް ޕްރޮމޯޓް ވަނީ" ކަމަށެވެ. ހެމާ މާލިނީ އާއި ދަރުމެންދުރާގެ ދޮށީ އަންހެން ދަރިފުޅަށް ކުޅޭނެ ފިލްމެއް ނުލިބި ކެރިއަރު ހުއްޓުމަށް އައުމުން އީޝާ ކައިވެނި ކުރީ 2012 ގަ އެވެ. އޭނާ ކުޅުނު ފިލްމުތަކުގެ ތެރެއިން އެއްވެސް ފިލްމަކީ ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ލިބުނު ފިލްމުތަކެއް ނޫނެވެ.
ކިރިޔާ ވެސް ބެލުންތެެރިން ހަނދާން ހުންނާނެ ފިލްމަކީ 2004 ގެ "ދޫމް" އެވެ.
މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ވީރޭ ދީ ވެޑިން" ގެ ކާސްޓްގައި ހިމެނޭ ބަތަލާ ސްވަރާ ބާސްކަރު ވެސް އަމިއްލަ ފިލްމު ކުންފުންޏެއް އުފައްދައިފި އެވެ.
އޭނާ އާއި ބޭބެ އިޝާން ބާސްކަރު ގުޅިގެން އުފެއްދި ކުންފުނީގެ ނަމަކީ ކަހާނީވާލޭ އެވެ. "ތަނޫ ވެޑްސް މަނޫ" އާއި "ރާންޖަނާ" ފަދަ ފިލްމުތަކުގައި ސަޕޯޓިން ރޯލްތަކެއް ކުޅެފައިވާ ސްވަރާ، 30، ގެ ވެބް ސީރީޒްއެއް ކަލާޒް ޗެނެލްގެ ޑިޖިޓަލް ޕްލެޓްފޯމް ވޫޓް އިން މިހާރު އަންނަނީ ސްޓްރީމް ކުރަމުންނެވެ. އެއީ "އިޓްސް ނޮޓް ދެޓް ސިމްޕަލް" އެވެ.