ސަލާ ހޯދުން ހުއްޓާނުލަން ފުޓްބޯޅަ ތަރިން އެދިއްޖެ
ސަލާ ހޯދުން ހުއްޓާނުލަން ފުޓްބޯޅަ ތަރިން އެދިއްޖެ

ނޯންޓްސް، ފްރާންސް (ޖެނުއަރީ 26) - ކާޑިފް ސިޓީގެ އާޖެންޓީނާގެ ފޯވާޑް އެމިލިއާނޯ ސަލާ ދަތުރުކުރަމުން ދިޔަ ޕްރައިވެޓް ޖެޓް ހޯދުމުގެ މަސައްކަތް ހުއްޓާނުލަން ގިނަ ފުޓްބޯޅަ ކުޅުންތެރިންތަކެއް އެދިއްޖެ އެވެ.

ސަލާ ހޯދުން ހުއްޓާނުލަން ފުޓްބޯޅަ ތަރިން އެދިއްޖެ
ސަލާ ހޯދުން ހުއްޓާނުލަން ފުޓްބޯޅަ ތަރިން އެދިއްޖެ

މިދިޔަ ހޯމަ ދުވަހުގެރޭ ސަލާ ދަތުރުކުރަމުން ދިޔަ ބޯޓު ގެއްލުނީ ޗެނަލް އައިލެންޑުގެ ގޯންސީގެ ލައިޓް ހައުސް ކައިރިންނެވެ. ސަލާ ދަތުރުކުރަމުންދިޔަ ބޯޓު ޖާޒީގެ އެއާޓްރެފިކް ކޮންޓްރޯލް އަށް ރިޕޯޓްކުރިއިރު އެ ޖެޓް ދިޔައީ 5000 ފޫޓު މަތިން ދަތުރުކުރަމުންނެވެ. އެކަމަކު އެ ބޯޓުގެ ސިގްނަލް ގެއްލުނީ 2300 ފޫޓު މަތީގައި ދަތުރުކުރަނިކޮށެވެ. ބޯޓުގައި ހުރެ ސަލާ ފޮނުވި ވަޓްސަޕް އޯޑިއޯ މެސެޖެއްގައި ވަނީ އެ ބޯޓުގެ ސަލާމަތީ ކަންތައްތަކާ މެދު ކަންބޮޑުވާ ކަމަށް ބުނެފަ އެވެ.

ސަލާ ހޯދުން ހުއްޓާނުލަން ފުޓްބޯޅަ ތަރިން އެދިއްޖެ
ސަލާ ހޯދުން ހުއްޓާނުލަން ފުޓްބޯޅަ ތަރިން އެދިއްޖެ

ކާޑިފްގެ ރެކޯޑް އަގަކަށް އެ ޓީމަށް ސޮއިކޮށް ކުރީގެ ޓީމު ނޯންޓްސް އަށް ވަދާއީ ސަލާމް ކިޔުމަށް ފަހު ސަލާ ހޯމަ ދުވަހު ފުރި ފަހުން އޭގެ ހަބަރެއް ނުވެ އެވެ. ތިން ދުވަސް ވަންދެން ގޯންސީ ޕޮލިހާއި ފްރާންސް އަދި އިންގްލެންޑުގެ ސިފައިން ސަލާ ހޯދުމުގެ މަސައްކަތް ހުއްޓާލީ ސަލާމަތުން ފެންނާނެ ކަމުގެ އުއްމީދެއް ނެތްކަމަށް ބުނެ އެވެ،

އެކަމާ ހިތްހަމަ ނުޖެހި ސަލާގެ އާއިލާގެ ފަރާތުން އޭނާގެ ކޮއްކޮ ރޮމިނާ ސަލާ ވަނީ އޭނާގެ ބޭބެ ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށްގެންދިއުމަށް އެދިފަ އެވެ. އަދި އޭނާ ކުރާ މަސައްކަތުގައި ފުޓްބޯޅައިގެ އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް ބުނެ ފުޓްބޯޅަ ދުނިޔެ އަށް ވެސް މެސެޖެއް ދިނެވެ. އެއާ އެކު ގިނަ ކުޅުންތެރިންތަކެއް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެ މެސެޖް ހިއްސާކޮށްފަ އެވެ.

އެ ކުޅުންތެރިންގެ ތެރޭގައި ލިއޮނަލް މެސީ، އެންގޯލޯ ކާންޓޭ، ސާޖިއޯ އަގުއޭރޯ އަދި ނިކޮލަސް އޮޓަމެންޑީ ހިމެނެ އެވެ. އަދި ދާދި ފަހުން އާޖެންޓީނާގެ ރައީސް މައުރީސިއޯ މާކްރީ ވެސް ވަނީ ސަލާ ހޯދުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ވަރަށް ބޮޑަށް އެދޭ ކަމަށް ވިދާޅުވެފަ އެވެ.

"ކިތަންމެ ކުޑަ އުއްމީދެއް އޮތަސް. ރޮދިފަށެއްހާ ވަރުގެ އުއްމީދެއް އޮތަސް. އަހަރެމެން އެދެނީ ސަލާ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދަން،" މެސީ އިންސްޓަގްރާމްގައި މެސެޖު ހިއްސާކުރި އެވެ.

ކާޑިފުން އުމުރުން 28 އަހަރުގެ ސަލާގެ ސޮއި ހޯދީ އަންނަ ސީޒަނުގައި ވެސް އިނގިރޭސި ޕްރިމިއާ ލީގުގައި އޮންނަން ބޭނުންވާތީ ޓީމު ވަރުގަދަ ކުރުމުގެ ގޮތުންނެވެ. އެކަމަކު އެ ކްލަބްގެ ރެކޯޑް އަގެއް ކަމަށްވާ 19 މިލިއަން ޕައުންޑަށް ސޮއިކުރި މި ފަދަ ގޮތަކަށް ގެއްލުމުން އެ ކްލަބުގެ ސަޕޯޓަރުންނާއި ވެރިންނަށް ވަނީ ޝޮކެއް ލިބިފައި ކަމަށް ޗެއާމަން ދަލްމަން ވަނީ ވިދާޅުވެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ލެސްޓާ ސިޓީން އަންނަނީ އެ ޓީމުގެ އަލްޖީރިއާ ފޯވާޑް އިސްލާމް ސްލިމާނީ ލޯން އެއްބަސްވުމެއްގެ ދަށުން ކާޑިފަށް ސީޒަނުގެ ނިޔަަލަށް ހިލޭ ދިނުމަށް މަސައްކަތް ކުރަމުންނެވެ. ލެސްޓާ އިން ބުނީ އެކަން ކުރަނީ މިދިޔަ ނޮވެމްބަރު މަހު ހެލިކޮޕްޓަރެއް ވެއްޓި އަވަހާރަވި އެ ޓީމުގެ ވެރިޔާގެ ތައިލެންޑުގެ ބިލިއަނަރު ވިޗާއީ ސްރިވަދަނަޕްރަބާގެ ހަނދާނުގައި ކަމަށެވެ.

ސަލާގެ ކުރީގެ ޓީމު ނޯންޓްސް އިން ވަނީ އެ ކްލަބުން ސަލާގެ އާއިލާ އަށް ދެވެން އޮތް ހުރިހާ ސަޕޯޓެއް ދޭނެ ކަމަށް ބުނެފަ އެވެ.

ބްރިޓިއަން އެއާ އެކްސިޑެންޓްސް އިންވެސްޓިގޭޝަނުން (އޭއޭއައިބީ) އަންނަނީ ބޯޓުގެ ޕައިލެޓް އައިބޮޓްސްގެ ލައިސަންސްއާ ގުޅޭ ތަހުގީގުތަކެއް ކުރަން ނިންމައިފަ އެވެ. އައިބޮޓްސަން އަތުގައި ސައްހަ ލައިސަންސް އެއް އޮތް ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރަމުން ދިޔަ ނަމަވެސް އޭގައި ފުށުއަރާ އެހެން ކަންތައްތަކެއް ހުރި ކަމަށް އެމެރިކާގެ ފެޑެރަލް އޭވިއޭޝަނުން ވަނީ ހާމަކޮށްފަ އެވެ.

ސަލާ ގޮވައިގެން ދަތުރުކުރަމުން ދިޔަ އެއް އިންޖީނުލީ ޖެޓް ދުއްވުމުގައި ބޭނުންވާ ހުއްދަތައް އައިބޮޓްސަން އަށް ދޫކޮށްފައިވާ ލައިސަންސްގައި ހުރި ކަމަށް އެމެރިކާގެ ފެޑެރަލް އޭވިއޭޝަނާ ހަވާލާދީ ގިނަ މީޑިއާތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ.

"އަހަރެމެން މި ބަލަނީ މި ފްލައިޓްގެ ކަންތައްތަކަށް. މީގެ ހުންނަން ޖެހޭ ސަލާމަތީ ކަންތައްތައް ފުރިހަމަތޯ. އޭގެއިން އެންމެ މުހިއްމު އެއް ކަމަކީ ދުއްވަން އިން ޕައިލެޓްގެ ލައިސަންސިން ކަންތައް ބެލުމަކީ ވެސް. މި ހުރިހާ ކަމެއް ބެލުމުގެ މަގުސަދަކީ މީހަކު ބޮލުގައި އިލްޒާމެއް އެޅުވުމެއް ނޫން. ކަންތައް ހިނގާފައި އޮތް ގޮތުން ހޯދުން،" އޭއޭއައިބީގެ ތަރުޖަމާނު އޭއެފްޕީ އަށް ބުންޏެވެ.

ސަލާގެ އާއިލާ އިން މީގެ ކުރިން ބުނީ އޭނާ ދަތުރުކުރަމުންދިޔައީ ކާޑިފްގެ ޗެއާމަން މެހެމެތު ދަލްމަންގެ ބޯޓެއްގައި ކަމަށެވެ. އެހެންކަމުން އޭގެ ސަލާމަތީ ކަންތައްތަކާ ބެހޭ ހުރިހާ ކަމެއް އޭނާ އަށް ޔަގީންވެފައި ހުންނަން ޖެހޭނެ ކަމަށް އާއިލާ އިން ދެކެ އެވެ.

އެކަމާ ބެހޭގޮތުން އިނގިރޭސި މީޑިއާ އަށް ދަލްމަން ދިން އިންޓަވިއުއެއްގައި ވިދާޅުވީ އެ ކްލަބުން ސަލާގެ ދަތުރުގެ ކަންތައްތައް ހަމަޖައްސަން އެދުނު ކަމަށާއި އެކަމަކު ސަލާ ބުނީ އޭނާ އަމިއްލަ އަށް އެ ކަންތައްތައް ހަމަޖައްސާނެ ކަމަށެވެ. އަދި ސަލާ އެ ގޮތަށް ކަންތައް ކުރީ އޭނާ ކުޅެމުން އައި ކްލަން ނޯންޓްސް ކުޅުންތެރިންނާ އެކު އިތުރަށް ވަގުތު ހޭދަކުރުމުގެ ގޮތުން ކަމަށް ވިދާޅުވި އެވެ

އޭވިއޭޝަނުގެ ތަޖުރިބާކާރަކު ފޮކްސް ނިއުސް އަށް ދިން އިންޓަވިއުއެއްގައި ބުނީ ފިނި މޫސުމުގެ ދުވަސްވަރު ރޭގަނޑު ވަގުތުގައި ގޯންސީ ޗެނަލް އައިލެންޑު ސަރަހައްދުން އެއް އިންޖީނުލީ އުޅަނދެއްގައި ދަތުރުކުރުމަކީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށާއި އެއީ އާންމުކޮށް އެ ސަރަހައްދުގައި ތަފާތު ހާދިސާތައް ހިނގާފައިވުމުން ކަމަށެވެ.