ސްޓާފުން ނެތިގެން އެމެރިކާގެ ބައެއް އެއާޕޯޓްތައް ހުއްޓުމަކަށް
ސްޓާފުން ނެތިގެން އެމެރިކާގެ ބައެއް އެއާޕޯޓްތައް ހުއްޓުމަކަށް

ނިއު ޔޯކް (ޖެނުއަރީ 25) - ބަޖެޓް ފާސްނުވެ އެމެރިކާ ސަރުކާރު ހުއްޓިފައި އޮތުމުގެ ގެއްލުން އެއާޕޯޓްތަކަށް ވެސް ފޯރަން ފަށައިފި އެވެ.

އެކަށީގެންވާ ސްޓާފުން ނެތިގެން ނިއު ޔޯކް އެއާޕޯޓް މިއަދު ވަނީ ވަގުތުކޮޅަކަށް ބަންދު ކުރަން ޖެހިފަ އެވެ. އިރު އުތުރުގެ އެއާޕޯޓްތަކަށް ވަނީ ފްލައިޓް ޑިލޭވުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވާން ފަށައިފަ އެވެ.

ދުނިޔޭގެ 20 ވަނަ ވަނަ އަށް އެންމެ ބިޒީ އެއާޕޯޓުގެ ގޮތުގައި ބެލެވޭ ނިއު ޔޯކުގެ ލަ ގާޑިއާ އެއާޕޯޓް މިއަދު ވަނީ 45 މިނިޓަށް ހުއްޓުމަކަށް އައިސްފަ އެވެ. އެއާޕޯޓް ހުއްޓުމަކަށް އައީ އެއާ ޓްރެފިކް ކޮންޓްރޯލަރުން ސިކް ލީވްގައި ތިބުމުންނެވެ. ފިލެޑެލްފިއާ، ނެވާކްގެ އެއާޕޯޓްގެ ފްލައިޓްތައް ވެސް ވަނީ ޑިލޭވާން ފަށައިފަ އެވެ.

ސަރުކާރު ހުއްޓިފައި އޮތުމުން ފެޑެރަލް ސްޓާފުންގެ ތެރޭގައި ހިމެނޭ އެއާ ޓްރެފިކް ކޮންޓްރޯލަރުން މިހާރު މަސައްކަތް ކުރަނީ މުސާރަ ނެތި އެވެ. ސަރުކާރަށް ކުރިމަތިވި މި މައްސަލައިގެ ޒިންމާ ހައުސްގެ ރައީސް ނެންސީ ޕެލޯސި އަޅުވާފައި ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އިސްތަށިފުޅުގަ އެވެ. ބަޖެޓް ނުލިބި ސަރުކާރު ހުއްޓުމަކަށް އައުމުން 800،000 މީހުން މަސައްކަތް ކުރަން ޖެހިފައި ވަނީ މުސާރަ ނުލިބޭ ގޮތަށެވެ. ސަރުކާރު ހުއްޓިފައި އޮންނަތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.

މެކްސިކޯ ބޯޑަރުގައި ރާނާ ފާރަށް 5.7 ބިލިއަން ޑޮލަރު ހަމަޖެއްސުމުން ނޫނީ ބަޖެޓް ފާސްކުރަން ޓްރަމްޕް ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ. ކޮންގްރެސްގެ ޑިމޮކްރެޓުން ދަނީ އެ ފައިސާ ދޭން ދެކޮޅު ހަދަމުންނެވެ.