25 ޖެނުއަރީ 2019 - 17:21

ގދ. ގައްދޫގައި އަމިއްލަ އަށް ގަޔަށް ސާފުތެޔޮ އަޅާ އިއްޔެ ރޯކޮށްލި ނުކުޅަދުންތެރިކަން ހުންނަ މީހާގެ ހާލު ދެރަ ކަމަށް އޭނާގެ އާއިލާ އިން މިއަދު ބުނެފި އެވެ.
ސިކުނޑީގެ އުނިކަމެއް ހުންނަ އައިމިނަތު ތައުފީގް، 35، އަށް މިހާރު އަންނަނީ އެ އަތޮޅު ތިނަދޫ ހޮސްޕިޓަލުން ފަރުވާ ހޯދަމުންނެވެ.
އޭނާގެ ކޮއްކޮ އަހުމަދު ތައުފީގު "މިހާރު" އާ ވާހަކަ ދައްކަމުން ބުނީ އައިމަނަތު ގައިގައި ރޯކޮށްލި ސަބަބެއް ނޭނގޭ ކަމަށެވެ. އަދި ރޯކޮށްލި އިރު އެތަނުގައި އޭނާ ނެތް ކަމަށް އަހުމަދު ބުންޏެވެ.
"މީހުން ކިޔަނީ ފޯނު ނުދީގެންނޭ އެހެން ހެދީ،" އަހުމަދު ބުންޏެ.
އައިމިނަތަށް ފަރުވާ ކުރަމުން އަންނަނީ ތިނަދޫ ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ. އޭނާގެ ގައިގެ 85 ޕަސެންޓު އޮތީ ފިހިފައި ކަމަށްވެ އެވެ.
ދައްތަގެ ހާލު ދެރަވުމުން އޭނާ ތިނަދޫން މާލެއަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އަހުމަދު ބުންޏެވެ.