25 އޯގަސްޓް 2016 - 06:27

އަހަރު ދެ ބައި ވެގެން ދިޔައިރު ބޮލީވުޑުން ރަނގަޅު މޮޅު ފިލްމުތަކެއް ނުފެނުމަކީ ހިންދީ ފިލްމަށް ލޯބިކުރާ ގިނަ ބަޔަކު މިއަހަރު ވަރަށް ޝަކުވާ ކުރާ ކަމެކެވެ.

މިއަހަރުގެ މިހާތަނަށް ނުކުތް ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް އެންމެ ކަމުދިޔަ ފިލްމުތަކުގެ ތެރޭގައި އަކްޝޭ ކުމާރުގެ "އެއާލިފްޓް" ހިމެނެ އެވެ. އޭގެ ފަހުން ނުކުތް ޝާހްރުކް ޚާންގެ "ފޭން" މޮޅުވާނެކަމަށް އުންމީދު ކުރެވުނު ނަމަވެސް ފިލްމު ބަލާ ގިނަ ބަޔަކަށް ލިބުނީ މާޔޫސްކަމެވެ. އުންމީދުކުރި ވަރާ ގާތަށް ވެސް މި ފިލްމު ގިނަ މީހުންނަށް ކަމަކު ނުދިޔަ އެވެ.

އޭގެ ފަހުން ނުކުތް ފިލްމުތަކުގެ ތެރެއިން ޕާކިސްތާނު ބަތަލާ މާވްރާ ހުސެއިން އާއި ހަރްޝްވަރްދަން ރާނާގެ "ސަނަމް ތޭރީ ކަސަމް" ބައެއް މީހުންނަށް ކަމުދިޔަ އެވެ. ނަމަވެސް ހަމަ އެ ފިލްމާ އެއް ދުވަހު ރިލީޒްކުރި އަދިތުޔާ ރޯއި ކަޕޫރާއި ކެޓުރީނާ ކައިފްގެ "ފިތޫރު" އުންމީދުކުރި ވަރުގެ ފިލްމަކަށް ނުވި ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.
ސޯނަމް ކަޕޫރުގެ "ނީރްޖާ" އަކީ ފިލްމު ބަލާ ގިނަ ބަޔަކަށް އަނެއްކާވެސް އުންމީދުތަކެއް ގެނުވި ފިލްމެކެވެ. އަސަރުގަދަ މޮޅު ފިލްމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރި އެވެ.
ދެން ރިލީޒްކުރި އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ ޕްރިޔަންކާ ޗޯޕްރާގެ "ޖެއި ގަންގާޖަލް" އެވެ. ނަމަވެސް މި ފިލްމު ވެސް ގިނަ ބަޔަކަށް ކަމަކު ނުދިޔަ އެވެ. ޕްރިޔަންކާގެ ފިލްމުތަކުގައި ހުންނަ ޖާދޫ މި ފިލްމުގައި ނެތް ކަމަށް ގިނަ މީހުން ގަބޫލުކުރެ އެވެ.
އޭގެ ހަފުތާއެއް ފަހުން ރިލީޒްކުރި ސިދާރްތު މަލްހޯތުރާ އާއި އާލިއާ ބަޓް އަދި ފަވާދު ޚާންގެ "ކަޕޫރު އެންޑް ސަންސް" އަކީ ގިނަ ބަޔަކު ވަރަށް ބަލާހިތްވި ފިލްމެކެވެ. އަދި ޖޯން އަބްރަހަމްގެ "ރޮކީ ހޭންޑްސަމް" ވެސް މާ ގޯސް ނޫންކަމަށްވެ އެވެ.
އޭޕްރީލް 1 ވަނަ ދުވަހު ރިލީޒްކުރި، ކަރީނާ ކަޕޫރާއި އަރްޖުން ކަޕޫރުގެ "ކީ އެންޑް ކާ" އަކީ ވެސް ބެލުންތެރިންނަށް ކަމުދިޔަ އަދި ބޮކްސް އޮފީހުގައި ވެސް ރަނގަޅު ކާމިޔާބެއް ހޯދި ފިލްމެކެވެ.
އޭޕްރީލް ނިމެން އުޅެނިކޮށް ރިލީޒްކުރި، ޓައިގާ ޝްރޮފް އާއި ޝްރައްދާ ކަޕޫރުގެ "ބާޣީ" ވެސް ބައެއް މީހުންނަށް ވަރަށް ކަމުދިޔަ އެވެ. އަދި ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބެއް މި ފިލްމު ހޯދި އެވެ.
ދެން ފެނިގެން ދިޔައީ އިމްރާން ހާޝިމީގެ "އަޒްހަރް" އާއި އައިޝްވަރިޔާ ރާއީގެ "ސަރަބްޖީތު" އެވެ. ގިނަ ބަޔަކު ބުނެފައި ވަނީ މި ދެ ފިލްމު އުންމީދުކުރިހާ ރީތި ނޫންކަމަށެވެ.
އަކްޝޭ ކުމާރުގެ "ހައުސްފުލް 3" އަކީ ކޮމެޑީ ފިލްމުތައް ބަލާހިތްވާ މީހުން ވަރަށް ހިތްހަމަޖެހުނު ފިލްމެކެވެ. އަދި ބޮކްސް އޮފީހުގައި 100 ކްރޯޑަށް ވުރެ ގިނައިން ހޯދައިގެން ރަނގަޅު ފައިދާއެއް ހޯދި ފިލްމެކެވެ.
އަބީޝެކް ޗުބޭގެ، އާލިއާ ބަޓާއި ޝާހިދު ކަޕޫރުގެ "އުޅްތާ ޕަންޖާބު" ރިލީޒްކުރުމުގެ ހުއްދަ ނުދޭން ސެންސަރު ބޯޑުން މަސައްކަތް ކުރުމާއި ފިލްމު އެޅުވުމުގެ ކުރިން އޮންލައިންގައި ފިލްމު ލީކުވުން ފަދަ މައްސަލަތައް ކުރިމަތިވިޔަސް މި ފިލްމު ވެސް ހީކުރިހާ ރީތި ނޫންކަމަށް ފިލްމު ބެލި ގިނަ މީހުން އެއްބަސްވެ އެވެ.
ނަމަވެސް ރިލީޒްކުރުމުގެ ކުރިން ފިލްމާ ބެހޭ ޚަބަރުތައް މެދުކެނޑުމެއްނެތި ނޫސްތަކުގެ ފަލަ ސުރުޚީގައި ލިޔެވުމުގެ ފައިދާ ފިލްމަށް ކުރި އެވެ. އަދި ފިލްމަށް ކުރި ޚަރަދު ފޫބެދި ފައިދާވި ފިލްމަކަށް މި ފިލްމު ވެގެން ދިޔަ އެވެ.
ދެން ފެނިގެން ދިޔައީ މިސަލްމާން ޚާންގެ މިއަހަރުގެ ފުރަތަމަ ފިލްމު "ސުލްތާން" އެވެ. ކުރިން ވެސް އުންމީދުކުރި ގޮތަށް އެ ފިލްމު ވެގެންދިޔައީ ވަރަށް ގިނަ ރެކޯޑްތައް މުގުރައި ގާތްގަނޑަކަށް 300 ކްރޯޑު (3000 މިލިއަން ރުޕީސް)ގެ ވިޔަފާރިއެއް ކުރި ފިލްމަކަށެވެ.
ނަމަވެސް އޭގެ ހަފުތާއެއް ފަހުން ނުކުތް ރިތޭޝް ދޭޝްމުކާއި އާފްތާބް ޝިވްދަސާނީ އަދި ވިވެކް އޮބްރޯއީގެ "ގްރޭޓް ގްރޭންޑް މަސްތީ" ހީކުރިވަރާ ގާތަށް ވެސް ނުހިނގި އެވެ.
އޮގަސްޓްމަހުގެ ތެރޭގައި ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ރިތިކް ރޯޝަންގެ "މޮހަންޖޯ ދަރޯ" އަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފައި ވާއިރު ހަމަ އެދުވަހު ރިލީޒްކުރި އަކްޝޭ ކުމާރުގެ "ރުސްތުމް" ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ އެވެ. އަދި ފިލްމަށް މިހާތަނަށް ވަނީ 100 ކްރޯޑު (1000 މިލިއަން ރުޕީސް) އަށް ވުރެ ގިނައިން ލިބިފަ އެވެ.
މީގެ ހަފުތާއެއްހާ ދުވަސް ކުރިން ރިލީޒްކުރި ޑައެނާ ޕެންޓީ އާއި އަބޭ ޑެއޯލްގެ "ހެޕީ ބާގް ޖާއޭގީ" އަކީ ވަރަށް ކުޑަ ބަޖެޓަކުން އުފެއްދި ފިލްމަކަށް ވާތީ ބެލުންތެރިންގެ ތަރުހީބު ފުދޭ ވަރަކަށް ލިބޭތީ މި ފިލްމަށް ވެސް ކުރި ޚަރަދު ފޫބެދޭނެކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.