27 ޖެނުއަރީ 2019 - 10:44

ހަރާރޭ (ޖެނުއަރީ 26) - ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ ގެއިން ވަގަށް ނެގި ޑޮލަރު ފޮށިން ގެއްލިފައި ވަނީ ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރު ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ބުނެފި އެވެ.
މުގާބޭގެ ޑޮލަރު ފޮށި ވަގަށް ނެގިކަމުގެ ކުށުގައި މި މަހު ކުރީކޮޅު ވަނީ ތިން މީހަކު ކޯޓަށް ހާޒިރުކޮށްފަ އެވެ. ވަގަށް ނަގާފައި ވަނީ މުގާބޭގެ ވެރިކަމުގައި 2016 ވަނަ އަހަރު އޭނާގެ އުފަން އަވަށުގައި ހުންނަ ގެއަކަށް ގެންދިޔަ ކަޅު ފޮއްޓެއްގައި ހުރި ފައިސާ އެވެ. އެ ފޮށި މުގާބޭ ހަވާލުކޮށްފައި ވަނީ އެ ގޭ ބަލަހައްޓާ މީހާ އަށެވެ. ނަމަވެސް މުގާބޭގެ ވެރިކަން 2017 ވަނަ އަހަރުގެ ފަހުކޮޅު ބަދަލު ކުރި ފަހުން މިދިޔަ އަހަރުގެ މާޗު މަހު މުގާބޭ ވަނީ އެ ފޮށި ކޮބައިތޯ ގޭ ބަލަހައްޓާ މީހާގެ ގާތުގައި އައްސަވައިފަ އެވެ. ނަމަވެސް އެ މީހާ ބުނެފައި ވަނީ އެ ފޮށީގައި އޮތީ 78،000 ޑޮލަރު ކަމަށެވެ. ކޯޓުގައި މުގާބޭގެ ފަރާތުން ބުނެފައި ވަނީ ފޮށީގައި އެއް މިލިއަން ޑޮލަރު ހުންނާނެ ކަމަށެވެ.
އެ ވައްކަމުގައި ތުހުމަތު ކުރެވޭ މީހުން ވަނީ އެ ފައިސާ އިން ކާރާއި ގެ އާއި ގިނަ އަދަދެއްގެ ޖަނަވާރު ގަނެފަ އެވެ. ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި މުގާބޭގެ ތިމާގެ މީހަކު ވެސް ހިމެނޭ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފައިވެ އެވެ. ދެން ތުހުމަތުކޮށްފައި ވަނީ މުގާބޭ ގޭގެ މަސައްކަތު މީހުންގެ ގޮތުގައި އުޅުނު މީހުންނަށެވެ. ވައްކަން ކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައި ވަނީ ޑިސެމްބަރު 1 އާއި މި މަހު ކުރީކޮޅާ ދެމެދު އެވެ.
އުމުރުން 94 އަހަރުގެ މުގާބޭގެ 37 އަހަރުގެ ދިގު ވެރިކަން ނިމުމަކަށް ގެނެސްފައި ވަނީ 2017 ވަނަ އަހަރުގެ ފަހުކޮޅު އެވެ. މުގާބޭގެ ވެރިކަމުގައި އޭނާގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ އެތައް ތުހުމަތެއް ކޮށްފަ އެވެ. މުގާބޭގެ އަނބިކަނބަލުން ގްރޭސްގެ މައްޗަށް ވެސް ވަނީ ކޮރަޕްޝަނުގެ ތުހުމަތުކޮށްފަ އެވެ.
ފަހަކަށް އައިސް މުގާބޭ ގިނައިން ދިރިއުޅުއްވަނީ ބޭސް ފަރުވާގެ ކަންކަމުގައި ސިންގަޕޫރުގަ އެވެ.