ކެޓަގަރީގެ އެއް ވަނަ ހޯދައި ޝިފާޒް ގައުމީ މެރެތަން ރެކޯޑް މުގުރާލައިފި
ކެޓަގަރީގެ އެއް ވަނަ ހޯދައި ޝިފާޒް ގައުމީ މެރެތަން ރެކޯޑް މުގުރާލައިފި

ދުބާއީ މެރެތަންގައި މިއަދު ރާއްޖޭގެ ޝިފާޒް މުހައްމަދު 2 ގަޑި 32:56 މިނެޓުން ދުވެ، ފިރިހެނުންގެ 30 އަހަރުން ދަށުގެ ކެޓަގަރީން އެއް ވަނަ ހޯދައި، ގައުމީ މެރެތަން ރެކޯޑް، އޭނާގެ ކެރިއަރުގައި ހަތަރު ވަނަ ފަހަރަށް މުގުރާލައިފި އެވެ.

ކެޓަގަރީގެ އެއް ވަނަ ހޯދައި ޝިފާޒް ގައުމީ މެރެތަން ރެކޯޑް މުގުރާލައިފި
ކެޓަގަރީގެ އެއް ވަނަ ހޯދައި ޝިފާޒް ގައުމީ މެރެތަން ރެކޯޑް މުގުރާލައިފި

މިއީ މިދިޔަ އަހަރުގެ ޖުލައި މަހު އޮސްޓްރޭލިއާގެ ގޯލްޑްކޯސްޓް މެރެތަންގައި 2 ގަޑި 35:17 މިނެޓުން ދުވެގެން ހެދި ރެކޯޑް ޓައިމިން އަށް ވުރެ، 2:24 މިނެޓުގެ ކުރިއެރުމެކެވެ. މެރެތަން ރޭހެއްގައި، އެއީ ވަރަށް ބޮޑު އަވަސްވުމެކެވެ. މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ އިވެންޓުގައި، އުމުރުފުރާގެ ކެޓަގަރީން އޭނާ އެއް ވަނަ ހޯދުމަކީ ވެސް ވަރަށް ބޮޑު ކާމިޔާބެކެވެ. ދުބާއީގެ ހޫނުގަދަ މާހައުލުގައި ދުވެ ޝިފާޒް މެރެތަން ރޭހުން ދިޔައީ 21 ވަނަ އަށެވެ.

އެވަރުގެ ޓައިމިންއަކާ އެކު ޝިފާޒް ރެކޯޑް މި އާކުރީ އޭނާގެ އެކުވެރިޔަކު ހޯދައިދިން ފުރުސަތެއްގައި ކެންޔާގައި ހެދި ދެ މަސް ދުވަހުގެ ތަމްރީންތަކަށް ފަހު އެވެ. ދިގު ރާސްތާ ދުވުންތެރިން އުފެއްދުމުގައި އެފަދަ ދެ ވަނަ އެއް ނެތް ކެންޔާގައި ހަދަމުން އައި ތަމްރީންތަކާ އެކު އޭނާ މި އަހަރަށް ތިން އަމާޒެއް ކަނޑައެޅި އެވެ. އޭގެ ތެރެއިން ފުރަތަމަ އަމާޒަށް މިއަދު ވާސިލްވީ އެވެ.

އަނެއް ދެ އަމާޒަކީ މި އަހަރުގެ ޖުލައި މަހު މޮރިޝަސްގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ފުރުސަތު ލިބިއްޖެ ނަމަ ހާފް މެރެތަން އިވެންޓުން ރާއްޖެ އަށް މެޑެއްޔެއް ހޯދައިދިނުމާއި އެ އިވެންޓުން ގައުމީ ރެކޯޑް އާކުރުމެވެ. އެކަމަށް ތަމްރީނުގެ ފުރުސަތުތައް އެތުލެޓިކްސް އެސޯސިއޭޝަނުން ފޯރުކޮށްދޭނެ ކަމަށް ވަރަށް ބޮޑަށް ޔަގީންކުރެވެ އެވެ. ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވަނީ ދާދި ފަހުން ޝިފާޒަށް ފޯނުން ގުޅުއްވައި، އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މުގުރާނުލެވި 28 އަހަރު ވޭތުވި މެރެތަން ރެކޯޑް އެންމެ ފުރަތަމަ މުގުރާލީ 2017 ވަނަ އަހަރު އަހުމަދު ޝަރަފެވެ. އެ ރެކޯޑް ޝިފާޒް އެންމެ ފުރަތަމަ މުގުރާލީ އޭނާގެ ހަޔާތުގައި ދުވި ފުރަތަމަ މެރެތަނުގައި 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނޭޕާލްގެ ކަތުމަންޑޫގައި ދުވެގެންނެވެ. ދެ ވަނަ ފަހަރަށް މުގުރާލީ މިދިޔަ އަހަރުގެ ދުބާއީ މެރެތަންގަ އެވެ. ތިން ވަނަ ފަހަރަށް އާކުރީ ޖުލައި މަހު އޮސްޓްރޭލިއާގެ ގޯލްޑްކޯސްޓް މެރެތަންގައި އެވެ.

މިދިޔަ އަހަރު އޭނާ ހާފް މެރެތަން ރެކޯޑް ވެސް ދެ ފަހަރު އާކުރި އެވެ. އެންމެ ފުރަތަމަ އާކުރީ މާޗު މަހު އޮތް ވޯލްޑް ހާފް މެރެތަން ޗެމްޕިއަންޝިޕުގައި 1 ގަޑި 14:23 މިނެޓުން ރޭސް ނިންމައިގެންނެވެ. އަދި އެ ދުވުމުގެ ތެރެއިން އޭނާ 15 ކިލޯމީޓަރާއި 20 ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑް ވެސް ހެދި އެވެ. ހާފް މެރެތަން ރެކޯޑް ދެ ވަނަ ފަހަރަށް އާކުރީ މޭ މަހު ނޭޕާލުގައި އޮތް ކަންޓިޕޫރް ހާފް މެރެތަންގައި 1 ގަޑި 14:01 މިނެޓުން ދުވެގެންނެވެ.

ރާއްޖޭގައި މިވަގުތު ހުރި ދިގު ރާސްތާ ދުވުމުގެ އެންމެ ކާމިޔާބު ދުވުންތެރިޔާ ޝިފާޒުގެ ކުރިއެރުމުގެ އެންމެ ބޮޑު ސިއްރަކީ ވެސް އަމިއްލަ ގޮތުން ކުރި މަސައްކަތް ކަމަށް އެތުލެޓިކްސްގެ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ. އެގޮތުން ނޭޕާލުގެ ތަޖުރިބާކާރު ކޯޗެއް ކަމަށްވާ ދަނޭރަމް ޗައުދަރީ މާލެ ގެނެސް 2017 އަހަރު ތަމްރީން ހަދައި އަދި ސީދާ ނޭޕާލަށް ގޮސް އެތަނުގައި ވެސް ތަމްރީން ހެދި އެވެ.