25 ޖެނުއަރީ 2019 - 10:41

ނޯންޓްސް، ފްރާންސް (ޖެނުއަރީ 25) - ކާޑިފް ސިޓީގެ އާޖެންޓީނާގެ ފޯވާޑް އެމިލިއާނޯ ސަލާ ދަތުރުކުރަމުން ދިޔަ ޕްރައިވެޓް ޖެޓް ގެއްލި އޭނާ އާއި އެ ބޯޓުގެ ޕައިލެޓް ޑޭވިޑް އައިބޮޓްސަން ސަލާމަތުން ފެންނާނެ ކަމުގެ އުއްމީދެއް ނެތުމުން ހޯދުމުގެ މަސައްކަތް ހުއްޓާލައިފަ އެވެ.

މިދިޔަ ހޯމަ ދުވަހުގެރޭ ސަލާ ދަތުރުކުރަމުން ދިޔަ ބޯޓު ގެއްލުނީ ގޯންސީ ޗެނަލް އައިލެންޑުގެ ލައިޓް ހައުސް ކައިރިންނެވެ. އޭނާ ހޯދުމުގެ މަސައްކަތް މިދިޔަ ތިން ދުވަހު ކުރީ ގޯންސީ ޕޮލިހާއި ފްރާންސް އަދި އިންގްލެންޑްގެ ސިފައިންނެވެ. މިދިޔަ ތިން ދުވަހު ސަލާ އާއި ޑޭވިޑް ހޯދުމުގެ މަސައްކަތް ކުރީ ދުވާލު ގަނޑީގައި އެކަންޏެވެ. އެއީ އެ ސަރަހައްދުގެ މޫސުން ހުރި ގޮތުން ރޭގަނޑު ކުރުމަކީ ފަސޭހަކަމަކަށް ނުވާތީ އެވެ. މަސައްކަތް ހުއްޓާލީ 1700 ސްކޮޔާ މައިލް ބެލުމަށް ފަހު އެވެ.
"އަހަރެމެން ގޯންސީ އައިލެންޑް ޗެނަލްގެ ހުރިހާ ސަރަހައްދެން ބެލިއްޖެ. މިދިޔަ 72 ގަޑިއިރު އަހަރެމެންނަށް ބޭނުންކުރެވޭނެ ހުރިހާ ވަސީލަތެއް ބޭނުންކޮށްފިން. ސަލާ އާއި ޕައިލެޓް ސަލާމަތުން ފެންނާނެ ކަމުގެ ފުރުސަތު ވަރަށް ވެސް ކުޑަ. އެހެންވެ އަހަރެމެން މި މަސައްކަތް ހުއްޓާލީ،" ގޯންސީ ޕޮލިހުން އޭއެފްޕީ އަށް ބުންޏެވެ.
ސަލާ ދަތުރުކުރަމުންދިޔަ ބޯޓު ޖާޒީގެ އެއާޓްރެފިކް ކޮންޓްރޯލް އަށް ރިޕޯޓްކުރިއިރު އެ ޖެޓް ދިޔައީ 5000 ފޫޓު މަތިން ދަތުރުކުރަމުންނެވެ. އެކަމަކު އެ ބޯޓުގެ ސިގްނަލް ގެއްލުނީ 2300 ފޫޓު މަތީގައި ދަތުރުކުރަނިކޮށެވެ. ބޯޓުމަތީ ހުރެ ސަލާ ވަޓްސަޕް މެދުވެރިކޮށް ފޮނުވި ފަހު މެސެޖްތަކުން ވެސް އެނގޭ ގޮތުގައި، ބޯޓު "ތޫފާނެއްގައި" ޖެހުމުން އޭނާ ވެސް ހުރީ ސަލާމަތްވާނެ ކަމުގެ އުއްމީދު ކުޑަކަމަށް ދެކިގެންނެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި ނޯންޓްސް އެއާޕޯޓުން އެ ބޯޓަށް ނައްޓާލެވުނީ ވެސް ގިނަ މަސައްކަތްތަކެއް ކޮށްގެންނެވެ.
ގޯންސީ ޕޮލިހުން ސަލާ އާއި ޕައިލެޓް ޑޭވިޑް ހޯދުމުގެ މަސައްކަތް ހުއްޓާލުމުން ސަލާގެ އާއިލާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ސަލާގެ ކޮއްކޮ ރޮމިނާ ސަލާ ވަނީ އޭނާގެ ބޭބެ ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށްގެންދާން އެދިފަ އެވެ.
ސަލާގެ އާއިލާ އިން މީގެ ކުރިން ބުނީ އޭނާ ދަތުރުކުރަމުންދިޔައީ ކާޑިފްގެ ޗެއާމަން މެހެމެތު ދަލްމަންގެ ބޯޓެއްގައި ކަމަށެވެ. އެހެންކަމުން އޭގެ ސަލާމަތީ ކަންތައްތަކާ ބެހޭ ހުރިހާ ކަމެއް އޭނާ އަށް ޔަގީންވެފައި ހުންނަން ޖެހޭނެ ކަމަށް އާއިލާ އިން ދެކެ އެވެ.
އެކަމާ ބެހޭގޮތުން އިނގިރޭސި މީޑިއާ އަށް ދަލްމަން ދިން އިންޓަވިއުއެއްގައި ވިދާޅުވީ އެ ކްލަބުން ސަލާގެ ދަތުރުގެ ކަންތައްތައް ހަމަޖައްސަން އެދުނު ކަމަށާއި އެކަމަކު ސަލާ ބުނީ އޭނާ އަމިއްލަ އަށް އޭގެ ކަންތައްތައް ހަމަޖައްސާނެ ކަމަށެވެ. އަދި ސަލާ އެ ގޮތަށް ކަންތައް ކުރީ އޭނާ ކުޅެމުން އައި ކްލަން ނޯންޓްސް ކުޅުންތެރިންނާ އެކު އިތުރަށް ވަގުތު ހޭދަކުރުމުގެ ގޮތުން ކަމަށެވެ.
ކާޑިފުން އުމުރުން 28 އަހަރުގެ ސަލާގެ ސޮއި ހޯދީ އަންނަ ސީޒަނުގައި ވެސް އިނގިރޭސި ޕްރިމިއާ ލީގުގައި އޮންނަން ބޭނުންވާތީ ޓީމު ވަރުގަދަ ކުރުމުގެ ގޮތުންނެވެ. އެކަމަކު އެ ކްލަބްގެ ރެކޯޑް އަގެއް ކަމަށްވާ 19 މިލިއަން ޕައުންޑަށް ސޮއިކުރި މި ފަދަ ގޮތަކަށް ގެއްލުމުން އެ ކްލަބުގެ ސަޕޯޓަރުންނާއި ވެރިންނަށް ވަނީ ޝޮކެއް ލިބިފައި ކަމަށް ޗެއާމަން ދަލްމަން ވަނީ ވިދާޅުވެފަ އެވެ.
ސަލާ، ސޯޝަލް މީޑިއާގައި އެންމެ ފަހުން ހިއްސާކުރި ފޮޓޯގައި ވަނީ އޭނާ މިހާރު ކުޅެމުން އަންނަ ނޯންޓްސްގެ ކުޅުންތެރިންނަށް ވަދާއީ މެސެޖެއް ހިއްސާކޮށްފަ އެވެ. ނޯންޓްސްގެ ފަރިތަކުރުންތައް އިއްޔެ ފެށިއިރު، އެ ޓީމުގެ ސްޓޭޑިއަމް ބޭރުގައި ވަނީ ސަލާގެ ބޮޑު ޕޯސްޓަރެއް ހަރުކޮށް ސަލާ އަށް ހިތްވަރުގެ މެސެޖުތައް ދިނުމުގެ ގޮތުން ސަޕޯޓަރުންނަށް ދަނޑުގެ ވަކި ސަރަހައްދެން ހާއްސަކޮށްފަ އެވެ.