25 ޖެނުއަރީ 2019 - 12:01

ޓޫރިޒަމް މާކެޓްގައި ރާއްޖޭގެ މަގާމު ދަމަހައްޓަން އާ ހިތްވަރަކާ އެމްއެމްޕީއާރުސީން މަސައްކަތް ފަށައި، ބޭރުގެ ތިން ފެއާއެއްގައި އެއް ފަހަރާ ރާއްޖެ ތަމްސީލްކުރަމުން އެބަ ގެންދެ އެވެ.

އެމްއެމްޕީއާރުސީ އާއި ރާއްޖޭގެ ޓޫރިޒަމްގެ ހިންގުންތެރިން މި ވަގުތު ރާއްޖެ ތަމްސީލްކޮށް، ޕްރޮމޯޓްކުރަމުން ގެންދަނީ ޖަރުމަނުގެ ޑުސެލްޑޯފްގައި ކުރިއަށްދާ ބޫޓް ކޭމްޕެއްގަ އާއި ސްޕެއިންގެ މެޑްރިޑުގައި ކުރިއަށްދާ ފިތޫރް ފެއާ އާއި އިންޑިއާގެ މުމްބާއީގެ އޯޓީއެމް ފެއާގަ އެވެ.

އެމްއެމްޕީއާރުސީން ބުނީ އެ ތިން ފެއާގައި ރާއްޖެ އިން ހިންގާ ހަރަކާތްތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އެދެވޭ ކުރިއެރުމެއް ލިބޭނެ ކަމަށެވެ.
"އައު ހިތްވަރަކާ އެކު އެމްއެމްޕީއާރްސީން މި ހަރަކާތްތައް ފެށީ ދުނިޔޭގެ ހުރިހާ ބޮޑެތި ފަތުރުވެރިކަމުގެ މަންޒިލްތަކުން ފަތުރުވެރިކަން ކުރިއެރުވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ވަގުތެއްގައި އަދި އެ މަންޒިލްތަކާ އެއް ހަމައެއްގައި ފައި ހަމަކުރަމުން ދިޔަ ނަމަވެސް ރާއްޖޭގެ ޕޮޒިޝަން ދެމެހެއްޓުމަށް މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ދަނޑިވަޅެއްގައި" ކަމަށް، އެމްއެމްޕީއާރުސީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ބޭރުގެ ފެރާތަކުގައި ބައިވެރިވުމުގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމުގެ ގޮތުން ރާއްޖޭގައި ވެސް އެމްއެމްޕީއާރުސީން އަންނަނީ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން އިއްޔެ ސޯޝަލް މީޑިއާ ބޭނުންކޮށްގެން ގެސްޓް ހައުސްގެ ވިޔަފާރި ކުރިއެރުވުމާ ގުޅޭ ސެމިނާއެއް ބޭއްވި އެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ބައެކެވެ.
އެމްއެމްޕީއާރުސީން ބުނީ ރާއްޖޭގެ ހުރިހާ ގެސްޓް ހައުސްތަކަށް އަމާޒުކޮށްގެން ރާއްޖޭގެ 11 ސަރަހައްދެއްގައި އަންނަ މަހުން ފެށިގެން ހާއްސަ ސެމިނާތަކެއް ބާއްވަން ފަށާނެ ކަމަށެވެ. މި ސެމިނާގައި ކިޔައިދޭނީ، އެމްއެމްޕީއާރުސީން ބުނި ގޮތުގައި، ގެސްޓް ހައުސްތައް އިސްތިހާރުކުރާނެ ގޮތެވެ.
އެމްއެމްޕީއާރުސީން ބުނީ ރާއްޖޭގެ ޓޫރިޒަމްގެ ހުރިހާ ސެކްޓަރެއް ހިމެނޭ ގޮތަށް ރާއްޖެ އިޝްތިހާރު ކުރަން ފުރަތަމަ ފަހަރަށް ފެށީ މި އަހަރު ކަމަށެވެ.