ދެ ވަނަ ބުރުގެ ފަހު ޖާގަ އަލްމާ އަށް
ދެ ވަނަ ބުރުގެ ފަހު ޖާގަ އަލްމާ އަށް

ފޯރިގަދަ ކުޅުމަކަށް ފަހު 3-2 ސެޓުން ކްލަބް ވޮލީބޯލް ބަލިކޮށް މިހާރު ކުރިއަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ދެ ވަނަ ބުރުގެ ފަހު ޖާގަ އަލްމާ ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.

ފަސް ޓީމުގެ މެދުގައި ކުޅުނު ޕްރިލިމިނަރީ ބުރުގެ އެއް ވަނަ ހޯދީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓް ހަމަކުރި ލޮރެންޒޯ ސްޕޯޓްސް ކްލަބް އެވެ. އަލްމާ އިން ދެ ވަނަ ހޯދިއިރު، ހަތަރު މެޗުން އެ ޓީމަށް ލިބުނީ އަށް ޕޮއިންޓެވެ، ތިން ވަނަ އަށް ދިޔަ ކްލަބް ވޮލީބޯލް އަށް ހަތަރު މެޗުން ލިބުނީ ހަ ޕޮއިންޓެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ދެ ސެޓު އަލްމާ އިން ގެންދިޔައީ 25-22 އަދި 25-21 އިންނެވެ. އަލްމާ އިން ފުރަތަމަ ދެ ސެޓު ގެންދިއުމުން ކްލަބް ވޮލީބޯލް އިން ހިތްވަރުގަދަ ކުޅުމެއް ދައްކައި ދެން ކުޅުނު ދެ ސެޓު 18-25، 14-25 އިން ގެންގޮސް މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ. އެކަމަކު ނަތީޖާ ނެރެން ކުޅުނު ސެޓުގައި އަލްމާ އިން ކުޅުން ރަނގަޅުކޮށް 15-13 އިން ސެޓު ގެންގޮސް މެޗު ކާމިޔާބުކުރި އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކްލަބް ވޮލީބޯލް އަށް މޮޅު ކުޅުމެއް ރޭގެ މެޗުގައި ދެއްކި ޝަހުމީލާ އަބްދުލް ހަކީމް އެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުން ލޮރެންޒޯ ވަނީ ސީދާ ތިން ސެޓުން ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންގެ މައްޗަށް ފަސޭހަކަމާ އެކު ކުރި ހޯދައިފަ އެވެ. ލޮރެންޒޯ އިން ސެޓުތައް ގެންދިޔައީ 25-06، 25-08 އަދި 25-11 އިންނެވެ. ލޮރެންޒޯ އިން އަންނަނީ މިހާތަނަށް މުބާރާތުގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓަމުންނެވެ. އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލޮރެންޒޯގެ ސެޓަރު ޖޫޒާން ޒަރީރު އެވެ.

މުބާރާތުގެ ދެ ވަނަ ބުރުގެ ކުޅުން ފަށާނީ މާދަމާ އެވެ. ލޮރެންޒޯ އާއި އަލްމާގެ އިތުރުން މި ބުރުގައި ދެން ވާދަކުރަނީ މިދިޔަ އަހަރުގެ ރަނަރަޕް ކްލަބް ވެމްކޯ އާއި މިދިޔަ އަހަރުގެ ގައުމީ ޗެމްޕިއަން ޕޮލިސް ކްލަބް އެވެ.

ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ވެމްކޯ ނުކުންނާނީ ލޮރެންޒޯއާ ދެކޮޅަށެވެ. އަދި މާދަމާރޭ ޕޮލިސް ބައްދަލުކުރާނީ އަލްމާއާ އެވެ.