ތިން މަހަށް ފަހު މޮނާކޯ އިން އޮންރީ ވަކިކޮށްފި
ތިން މަހަށް ފަހު މޮނާކޯ އިން އޮންރީ ވަކިކޮށްފި

މޮނާކޯ (ޖެނުއަރީ 25) - މޮނާކޯގެ ކޯޗުކަމުގައި ހުރި ފްރާންސް އަދި އާސެނަލްގެ ކުރީގެ ފޯވާޑް ތިއަރީ އޮންރީ، ހަވާލުވިތާ ތިން މަހަށް ފަހު މަގާމުން ވަކިކުރަން އެ ކްލަބްގެ ބޯޑުން ނިންމައިފި އެވެ.

މޮނާކޯ އިން އޮންރީ ފުރަތަމަ ސަސްޕެންޑް ކުރި ނަމަވެސް އެ ކްލަބުގެ ބޯޑުން ފަހުން އޮންރީ އަށް އަންގާފައިވަނީ އަލުން އޭނާ އަށް ޓީމުން އިތުރު ފުރުސަތެއް ނެތް ކަަމަށެވެ. ރިޕޯޓްތައް ބުނާގޮތުން އޮންރީ ވަކިކޮށް މޮނާކޯ އިން ގެންނާނީ ކުރިން އެ ޓީމުގެ ކޯޗަކަށް ހުރި ލިއޮނާޑޯ ޖަޑީމް އެވެ. އާ ކޯޗެއް ހަވާލުވަންދެން ޓީމުގެ ޒިންމާއާ ހަވާލުވާނީ އެސިސްޓަންޓް ކޯޗު ފްރޭންކް ޕާސީ އެވެ.

ޖަޑީމް ވަކިކޮށް މިދިޔަ އޮކްޓޫބަރު މަހު އޮންރީއާ ޓީމު ހަވާލުކުރި ފަހުން ހުރިހާ މުބާރާތެއްގައި މޮނާކޯ ކުޅުނު 20 މެޗުގެ ތެރެއިން އެ ޓީމަށް ހޯދުނީ ފަސް މޮޅެވެ. އެންމެ ފަހުން ފްރެންޗް ކަޕްގައި މިދިޔަ އަންގާރަ ދުވަހު ކުޅުނު މެޗުން ދެ ވަނަ ޑިވިޝަނުގެ މެޓްޒް އަތުން ކެޓުމުން މޮނާކޯގެ ވެރިން ވަނީ އޮންރީ އަށް އިތުރު ފުރުސަތެއް ނުދޭން ނިންމައިފަ އެވެ.

މި ފަހަރުގެ ޓްރާންސްފާގައި މޮނާކޯ އިން ވަނީ ޗެލްސީ އަށް ކުޅެމުން އައި ސެސް ފަބްރެގާސް އާއި ބްރެޒިލްގެ ޑިފެންޑަރު ނާލްޑޯ ގެނެސްފަ އެވެ. އެކަމަކު އެ ދެ ކުޅުންތެރިން ގެނައި ފަހުން ވެސް މޮނާކޯގެ ކުޅުމަށް މާ ބޮޑު ބަދަލެއް ނާދެ އެވެ.

ފްރެންޗް ލީގުގެ ޗެމްޕިއަންކަން މީގެ ދެ އަހަރު ކުރިން ހޯދި މޮނާކޯ މި ވަގުތު އޮތީ ރެލިގޭޝަން ޒޯނުގަ އެވެ. ލީގުގައި މިހާތަނަށް ކުޅުނު 21 މެޗުން މޮނާކޯ އަށް ލިބިފައިވަނީ 15 ޕޮއިންޓެވެ.

އޮންރީ، މޮނާކޯއާ ހަވާލުވާން ނިންމީ އެކި ޓީމުތަކުން ލިބުނު ހުށަހެޅުންތަކަކަށް ފުރަގަސް ދިނުމަށް ފަހު އެވެ. މޮނާކޯ އަކީ އޮންރީ ކޯޗުކޮށްދިން ފުރަތަމަ ޓީމެވެ. އޭނާ މީގެ ކުރިން ހުރީ ބެލްޖިއަމް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ.