24 ޖެނުއަރީ 2019 - 18:11

ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ކޯލިޝަން ހައްދަވައިގެން އެކުގައި ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިޚާބެކޭ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ސިޔާސީ ޕާޓީތަކުން އެކުގައި ކާމިޔާބުކުރަން އެއްބަސްވި އެއްބަސްވުމާ އެމްޑީޕީން ޚިލާފުވެފައިވާ ކަމަށް ތުހުމަތު ކުރައްވައި ގާސިމް ގެންދަވަނީ އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެމްޑީޕީން އަހުދު އުވާލުމުން، ކޯލިޝަން އެބައޮތްތޯ ސުވާލު އުފައްދަވައި ގާސިމް ވިދާޅުވެފައި ވަނީ، މަޖިލީސް އިންތިޚާބަށް ޖުމްހޫރީ ޕާޓީއާ އެކު މަސައްކަތް ކުރަން ތިބި އެންމެންނާ ވާހަކަ ދައްކަވަން ތައްޔާރު ކަމަށެވެ.
ގާސިމްގެ އެ ދައުވަތަށް، ޔާމީންގެ ގާތް ބޭފުޅުން ތައުރީފްކުރައްވައި އެކުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ވަނީ ފާޅުކުރައްވައިފަ އެވެ. ގާސިމާއި ޔާމީން ކޯލިޝަން ހެދުމަކީ ސިޔާސީ މަސްރަހުން ފެނިދާނެ އާ ބަދަލެއް ކަމަށް ބައެއް މީހުން ދެކެ އެވެ.
އެކަމަކު، ގާސިމް އެފަދަ ކަމެއް ކުރައްވަފާނެ ކަމަކަށް ރައީސް ގަބޫލުފުޅެއް ނުކުރައްވަ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަރަށް ޔަގީންކަމާ އެކު ވިދާޅުވީ ގާސިމާއި ޔާމީން ކޯލިޝަނެއް ނުހައްދަވާނެ ކަމަށެވެ. ގާސިމް ހުންނަވާނީ ވެރިކަން ހިންގާ ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ވިދާޅުވި އެވެ.
"ގާސިމް ހުންނަވާނީ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި. ރައީސް ޔާމީނާ އެކު ކޯލިޝަނެއް ނުހައްދަވާނެ. އެ ޔަގީންކަން އަޅުގަނޑަށް އެބައޮތް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދަން ވަކިވަކި ޕާޓީތަކުން މަސައްކަތް ކުރާ ތަން ފެނިވަޑައިގަންނަވަ އެވެ. އެއީ، ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކެއް އެކުގައި ވާދަކުރަން އެއްބަސްނުވެވޭނަމަ އެކަން ދާނެ ގޮތް ކަމަށް ވެސް ވިދާޅުވި އެވެ.
"އޮނަރަބަލް ގާސިމް އިބްރާހިމް، ޖުމްހޫރީ ޕާޓީ މި ކޯލިޝަނަކުން ވަކިވެގެން ނުދާނެ. އަދި ޕީޕީއެމް [ޔާމީން]އާ އެކު ކޯލިޝަނެއް ހަދާތަން އަޅުގަނޑަކަށް ނުފެނޭ. ހަމަ އެކީގައި އަޅުގަނޑުމެން ތިބޭނީ،" ގާސިމަށް އިތުބާރު އޮތް ކަމަށް ތަކުރާރު ކުރައްވަމުން ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޯލިޝަންގައި މާބޮޑެތި މައްސަލަތަކެއް ނެތެވެ. ކޯލިޝަން ދެމިއޮންނާނެ ކަމަށާއި އެ މަގަށް ހަތަރު ލީޑަރުން ވެސް މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ވެސް ވިދާޅުވި އެވެ.
ގާސިމަށް އިތުބާރު އޮތް ކަމަށް ރައީސް ވިދާޅުވި ނަމަވެސް ފަހަކަށް އައިސް އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޔާމީނާ އެކު މަސައްކަތް ކުރައްވަފާނެ ކަމަށް ދޭހަވާފަދަ އަމަލުތައް ހިންގަވަ އެވެ. އެގޮތުން، ޔާމީންގެ އާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުއްދަ ނުދޭ ކަމުގެ ތުހުމަތާ އެކު އެކަން ގަސްތުގައި ދިގުދަންމާ ނަމަ މަޖިލީހުގެ އެ މައްސަލައިގެ ތެރެއަށް ވަންނަން ޖެހިދާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ޕީއެންސީ ރަޖިސްޓްރީ ކުރުމުގެ ބައްދަލުވުން ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ދީފަ އެވެ.