މާލޭ ޖަލުގައި އެކަށީގެންވާ ފަރުވާ ދެވޭކަށް ނެތް: ކޮމިޝަން
މާލޭ ޖަލުގައި އެކަށީގެންވާ ފަރުވާ ދެވޭކަށް ނެތް: ކޮމިޝަން

ސިއްހީ ގިނަ މައްސަލަތަކެއް ދިމާވެފައިވާ ގިނަ އަދަދެއްގެ ގައިދީން މާލޭ ޖަލުގައި އެބަތިބި ކަމަށާއި އެކަމަކު އެތަނުގައި ފަރުވާ ދިނުމަށް ރަނގަޅު ނިޒާމެއް ނެތް ކަމަށް ޖަލުތަކުގެ ހާލަތު ބެލުމަށް އުފައްދާފައިވާ، ކޮމިޝަން އޮފް ޕްރިޒަން އޯޑިޓުން މިއަދު ބުނެފި އެވެ.

މިހަފުތާގައި އެ ކޮމިޝަނުން ކުރި މަސައްކަތްތަކާ ގުޅޭގޮތުން ނެރުނު ބަޔާނުގައި ބުނީ އެ ކޮމިޝަނުން މާލޭ ޖަލުގެ ހާލަތު ބެލިއިރު އެ ތަނުގައި ޑޮކްޓަރަކު ގާއިމުވެފައި ނުހުންނަ ކަމަށެވެ. އަދި އަވަހަށް ސިއްހީ ފަރުވާ ދޭނެ ވަސީލަތްތައް މަދުކަން ވެސް ފާހަގަކޮށްފައިވެ އެވެ.

"ގައިދީއަކު އެންމެ އަވަހަށް ގޮޅިން ނެރެ، ސިއްހީ ހިދުމަތް ދެވޭނެ ހާލަތަކަށް ވާސިލުވުމަށް މިހާރު ހަމަޖެހިފައިވާ ނިޒާމުގެ ތެރެއިން މަދުވެގެން 30 މިނެޓެއްހާއިރު ހިނގާނެކަން ފާހަގަކުރެވެ އެވެ. މިއީ މިފަދަ ހާލަތެއްގައި އޮންނަ މީހެއްގެ ފުރާނަ ގެއްލިދާނެފަދަ ގިނަ ވަގުތެވެ." ބަޔާނުގައިވެ އެވެ.

ޖަލުގެ ކެޕޭސިޓީއަށްވުރެ އިތުރަށް ގައިދީން ބަންދުކޮށްފައި އެބަތިބި ކަމަށް ވެސް ބަޔާނުގައިވެ އެވެ. އެގޮތުން ދެ މީހުންގެ ޖާގައިގެ ގޮޅިތަކުގައި ހަތަރު މީހުން ތިބިއިރު ހަތަރު މީހުންގެ ޖާގައިގެ ގޮޅިތަކުގައި 10 މީހުން ތިބި ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

ކަރެކްޝަނަލް ސާވިސްއިން ބަލަހައްޓާ އެ ޖަލުގައި މުވައްޒަފުންގެ ދަތިކަން ބޮޑުވެފައިވާއިރު އެ މުވައްޒަފުންނަށް ބޭނުންވާ ޔުނީފޯމް އައިޓަމްސް އެކަށީގެންވާގޮތަކަށް ނުލިބޭކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ޖަލުތަކުގެ ހާލަތު ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޮމިޝަނެއް އުފެއްދެވީ ޖަލުތަކުގެ ކަންކަން ބޮއްސުންލައި ހިތާމަވެރި ހާދިސާތަކެއް ހިނގާފައިވާތީ އެކަންކަން ބަލައި ހައްލު ކުރުމަށެވެ.